ސާބާ ކުލަބު ޗެމްޕިއަންޝިޕް 2025 ގައި ރާއްޖެއިން ވާދަކުރާ ޓީރެކްސް ބާސްކެޓްބޯލް ކުލަބުން އިންޑިއާގެ ޗެންނާއީގައި ފަރިތަކުރުންތައް ފަށައިފިއެވެ.
ޓީރެކްސްއިން ތައްޔާރުވަމުން އަންނަނީ އޭޕްރީލް މަހުގެ 2 އިން 7 އަށް ޗެންނާއީގެ ޖަވާހަރުލާލް ނެހްރޫ އިންޑޯ ސްޓޭޑިއަމްގައި ކުރިއަށްގެންދާ މުބާރާތަށެވެ. މި މުބާރާތަކީ ސައުތު އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން (ސާބާ) އިން މުޅިން އަލަށް ފަށާ މުބާރާތެކެވެ.
މި މުބާރާތަށް ޓީރެކްސް ޗެންނާއީއަށް ދިޔައީ މާޗު މަހުގެ 28 ގައެވެ. ޓީރެކްސްގެ ކޯޗު އަލީ ފަޒްލީ "ޕީއެސްއެމް ސްޕޯޓްސް" އަށް މައުލޫމާތުދެމުން ބުނީ މި މުބާރާތާ ކުރިމަތިލަނީ ވަރަށް ބޮޑު އުއްމީދަކާއެކުގައި ކަމަށާއި، އަޒުމަކީ ވާދަވެރި ޓީމުތައް ބަލިކޮށް ތައްޓަކާއެކު އެނބުރި ރާއްޖެއަށް އައުން ކަމަށެވެ.
މި މުބާރާތުގައި ވާދަކުރަނީ އިންޑިއާގެ ކުލަބު ޓެމިލް ނާޑޫ އާއި، ބޫޓާންގެ ތިމްޕޫ މެޖިކްސް އާއި، ނޭޕާލްގެ ޓައިމްސް ބީސީ އާއި، ސްރީ ލަންކާގެ ކޮލަމްބޯ ބީސީ އަދި ޕާކިސްތާނުގެ އައިއެސްބީ ޕެންތާސްއެވެ.
ޓީރެކްސްއިން އެންމެ ފުރަތަމަ ކުޅޭ މެޗުގައި އޭޕްރީލް މަހުގެ ދެވަނަ ދުވަހު ނިކުންނާނީ ބޫޓާންގެ ތިމްޕޫ މެޖިކްސްއާ ދެކޮޅަށެވެ. އެއަށްފަހު ޖެހިގެން އަންނަ ދުވަހު ޓީރެކްސްއިން ނުކުންނާނީ ސްރީލަންކާގެ ކޮލަމްބޯ ބީސީ އާއި ދެކޮޅަށެވެ. އަދި ހަތަރުވަނަ ދުވަހު ނޭޕާލްގެ ޓައިމްސް ބީސީއާ ދެކޮޅަށް ކުޅުމަށްފަހު، ދެން ޓީރެކްސްއިން ނުކުންނާނީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ އިންޑިއާގެ ކުލަބު ޓެމިލް ނާޑޫއާ ދެކޮޅަށެވެ. ފަސްވަނަ މެޗުގައި ޓީރެކްސް ބައްދަލުކުރާނީ ޕާކިސްތާންގެ އައިއެސްބީ ޕެންތާސްއެވެ.
ޓީރެކްސްގެ ސްކޮޑް ވަރުގަދަ ކުރުމަށް މި މުބާރާތަށް ނަގާފައިވާ ސްކޮޑްގައި ރާއްޖޭގައި ގިނަ ދުވަސްތަކެއް ވަންދެން ކޯޗު ކޮށްދިން އިންޑިއާގެ ކޯޗް ސްޕުން އާއި އިންޑިއާގެ ތިން ކުޅުންތެރިންވެސް ޓީރެކްސް ޓީމަށް ކުޅުމަށް ހަމަޖެހިފައިވެއެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް ފީބާ ވެސްޓް އޭޝިއާ ސުޕަ ލީގު ބާސްކެޓްބޯލް މުބާރާތުގެ ފައިނަލުން ފުރުސަތު ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. ފައިނަލުގައި، މި މުބާރާތުގެ ޗެމްޕިއަން ޓީމު ވާދަކުރަންޖެހޭނީ ދުބާއީގެ ޝަބާބް އަލް އަހްލީއާއެވެ.