ޚަބަރު

މަސްވެރިކަން ދަށް ހަފްތާއެއް، ކިރުވި މަހަށް 11.9 މިލިޔަން ރުފިޔާ ދޫކުރި


  • މިދިޔަ ހަފްތާގައި މިފްކޯއަށް 177 ދޯންޏަކުން މަސް ކިރުވާފައިވޭ

  • މިހާތަނަށް 385 މިލިޔަނަށްވުރެ ގިނަ ފައިސާ މަސްވެރިންނަށް ދޫކޮށްފައިވޭ

މިދިޔަ ހަފްތާގައި މަސްވެރިން ކިރުވި މަހަށް 11.9 މިލިޔަން ރުފިޔާ ދޫކޮށްފައިވާކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ސަރުކާރުގެ މަސް ކުންފުނި މިފްކޯއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން މިދިޔަ ހަފްތާގައި މިފްކޯއަށް 177 ދޯންޏަކުން މަސް ކިރުވާފައިވެއެވެ. އަދި އެ ދޯނިތަކަށް ޖުމްލަ 11.9 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ. އޭގެ ކުރީ ހަފްތާގައި މަސްވެރިންނަށް ދޫކޮށްފައިވަނީ 23.5 މިލިޔަން ރުފިޔާއެވެ.

މިދިޔަ ހަފްތާއަކީ ރަމަޟާންމަހުގެ ފަހު 10ގެ ދުވަސްތަކަށްވުމުން މަހަށް ނިކުތް ދޯނިތަކުގެ އަދަދު އޭގެ ކުރީ ހަފްތާއާ އަޅާބަލާއިރު އިތުރުވެފައިވީނަމަވެސް، މަސްވެރިކަން ދަށްވެފައިވާކަމަށް މިފްކޯއިން ވަނީ ފާހަގަކުރައްވާފައެވެ.

ފަހުގެ ތާރީޚެއްގައި އެންމެ ގިނަ އަދަދަކަށް މިފްކޯއަށް މަސް ކިރުވާފައިވަނީ މި މާރިޗްމަހުގެ 8 ވަނަ ދުވަހުއެވެ. އެގޮތުން އެދުވަހު މިފްކޯއިން ވަނީ 40 މަސްދޯންޏަކަށް 7.5 މިލިޔަން ރުފިޔާ ދޫކޮށްފައެވެ.

މިފްކޯގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފެބުރުއަރީ މަހު މަސްވެރިން ކިރުވާފައިވާ މަހަށް އެ ކުންފުނިން ވަނީ 120 މިލިޔަން ރުފިޔާ ދޫކޮށްފައެވެ. މިއީ ހުސްވި ޖަނަވަރީ މަހާއި އަޅާބަލާއިރު 2.6 އިންސައްތަ އިތުރު އަދަދެކެވެ. ޖަނަވަރީ މަހު މިފްކޯއިން މަސްވެރިންނަށް ދޫކޮށްފައިވަނީ 177 މިލިޔަން ރުފިޔާއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދާ އެއްގޮތަށް، މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ދަނީ ފައިސާ ދޫކުރަމުންނެއެވެ. މި ވަޢުދު ފާއިތުވި މަސްވެރިންގެ ދުވަހު ތަންފީޒުކުރަން ފަށާފައިވާއިރު، އެދުވަހުން ފެށިގެން މިއަދާ ހަމައަށް 385 މިލިޔަނަށްވުރެ ގިނަ ފައިސާ މަސްވެރިންނަށް ދޫކޮށްފައިވެއެވެ.

މި ސަރުކާރު ވެރިކަމާ ހަވާލުވީއިރު، މަސްވެރިން ކިރުވާފައިވާ މަހަށް ގިނަ ޢަދަދެއްގެ ފައިސާ ނުދީ އޮތެވެ. ދުވަހުން ދުވަހަށް އިތުރުވަމުންދިޔަ ބިލްތަކަށް ފައިސާ ދެއްކުމަށް ސަރުކާރުން މަހުގެ އަގަށް ބަދަލު ގެނެސް ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ހުރި މިންވަރަށް މަހުގެ އަގު ބަދަލު ކުރިއެވެ. އަދި މަސްވެރިންނަށް ނުދީއޮތް 250 މިލިއަނެއްހާ ރުފިޔާ މި ސަރުކާރުން ދައްކާ ޚަލާސްކޮށްފައިވެއެވެ.

މަސްވެރިކަމުގެ ސިނާއަތް އިތުރަށް ފުޅާކޮށް، ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް ސިނާއަތަށް މަސްވެރިކަން ހެދުމަކީ ސަރުކާރުގެ އަމާޒެކެވެ. މި އަމާޒު ހާސިލްކުރުމަށްޓަކައި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއްކުރަމުންނެވެ. އެގޮތުން ރާއްޖޭގައި މަސް ރައްކާކުރުމުގެ ގާބިލްކަން ދެގުނަ ކުރުމާއި ޕްރޮސެސިންގެ ފެސިލިޓީތަކުގެ މަސައްކަތްތައްވެސް އަންނަނީ ކުރަމުންނެވެ.