ޚަބަރު

ޖޮކޮވިޗް ބަލިކޮށް މެންސިކް ފުރަތަމަ ފަހަރަށް އޭޓީޕީ ޓައިޓަލް ހޯދައިފި


އެމެރިކާގައި ނިމިގެންދިޔަ މަޔާމީ އޯޕަން ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސްގެ ޗެމްޕިއަންކަން ޗެކް ރިބަޕްލިކްގެ ޖަކޫބް މެންސިކް ހޯދައިފިއެވެ. އުމުރުން އެންމެ 19 އަހަރުގެ ޒުވާން ކުޅުންތެރިޔާ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދުމާއެކު މިއީ އޭނާއަށް ކާމިޔާބުކުރެވުނު ފުރަތަމަ އޭޓީޕީ މުބާރާތެވެ.

މި މުބާރާތުގެ ޗެމްޕިއަންކަން އޭނާ ހޯދާފައިވަނީ އޭނާގެ ޓެނިސް އައިޑަލް ކަމުގައިވާ ސާބިޔާގެ ނޯވަކް ޖޮކޮވިޗް ބަލިކުރުމަށްފަހުގަ އެވެ. މެންސިކް ވަނީ ޖޮކޮވިޗް އާއި ދެކޮޅަށް ކުޅުނު މެޗުގެ ދެ ސެޓު ހަތެއް ހައެއް އަދި ހަތެއް ހައެއްގެ ނަތީޖާއަކުން މެޗު ކާމިޔާބު ކޮށްގެންނެވެ.

ދުނިޔޭގެ ރޭންކިންގެ 54 ވަނައިގައި ހުރި މެންސިކް މި މުބާރާތް ކާމިޔާބުކުރިއިރު, 24 ފަހަރު މަތިން ބޮޑު މުބާރާތްތައް ކާމިޔާބު ކޮށްފައިވާ ޖޮކޮވިޗް ފައިނަލް މެޗަށް ނިކުމެފައިވަނީ އޭނާގެ 100 ވަނަ މުބާރާތް ކާމިޔާބު ކުރުމަށެވެ.

އުމުރުން 37 އަހަރުގެ ޖޮކޮވިޗް މަޔާމީ އޯޕަން ޓެނިސް މުބާރާތުގެ ފައިނަލުގައި ކުޅެފައިވާއިރު އޭނާ ވެފައިވަނީ މާސްޓަރސް 1000 ގެ ފައިނަލުގައި ކުޅުނު އެންމެ ދުވަސްވީ ކުޅުންތެރިޔާ އަށެވެ.

މެންސިކް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ މި މުބާރާތުގެ ފުރަތަމަ ބުރުގައި އޭނާ ރޮބާޓޯ ބައުޓިސްޓާ އާއި ދެކޮޅަށް މާޗް 20 ގައި ކުޅުނު މެޗުގައި ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާ ވަނީ މުބާރާތުން ވަކިވުމަށްޓަކައި އެ މެޗުގެ ރެފްރީންގެ ކޮޓަރިއަށް ގޮސްފަ އެވެ. ނަމަވެސް އެވަގުތު ރެފްރީން މެންދުރުގެ ކެއުމަށް ގޮސްފައިވާތީ އެ ވަގުތު އޭނާއަށްވަނީ އެކަން ކުރެވޭ ގޮތް ނުވެފަ އެވެ.

އަދި މެންސިކްގެ ފިޒިއޮތެރަޕިސްޓުން ވަނީ އޭނާއަށް ފަރުވާ ކުރުމަށްފަހު މުބާރާތުގައި ވާދަކުރެވޭވަރަށް އޭނާ ފިޓްކޮށްފަ އެވެ.

މި މުބާރާތް ކާމިޔާބު ކުރުމާއެކު އޭނާއަށް ދުނިޔޭގެ ރޭންކިންގެ 24 ވަނަ އަށް އަރާނެ އެވެ. މިއީ އޭނާގެ ކެރިއަރުގައި މިހާތަނަށް ރޭންކިންގައި ލިބުނު އެންމެ ބޮޑު ކާމިޔާބީ އެވެ. މެންސިކް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދުމާއިއެކު އޭނާ ވެފައިވަނީ މަޔާމީ އޯޕަންގެ ޗެމްޕިއަންކަން ހޯދި ދެވަނައަށް އެންމެ ޒުވާން ކުޅުންތެރިޔާއަށް ވެފަ އެވެ. މި މުބާރާތް ކާމިޔާބު ކޮށްފައިވާ އެންމެ ޒުވާން ކުޅުންތެރިއަކީ ސްޕެއިންގެ ކާލޯސް އަލްކަރޭޒް އެވެ.