ކެންސަރު ބައްޔަކީ ރާއްޖޭގައިވެސް ގިނަ ބަޔަކު ތަޙައްމަލުކުރަމުންދާ ވޭންހުރި ބައްޔެކެވެ. ބަލީގެ ފަރުވާގައި އުޅޭ ފަރާތްތަކާއި އެފަދަ ފަރާތްތަކުގެ ޢާއިލާތަކުން އުފުލާ ހިތްދަތިކަމާއި، ނަފްސާނީ ތަކުލީފަކީ އެކަން ނުދެކޭ މީހަކަށް ވަޒަންކުރެވޭނެކަމެއް ނޫނެވެ. އެހެންކަމުން މިވޭނުގައި އުޅޭ ފަރާތްތަކަށް އެހީތެރިވުމަށް ކުރެވޭނެ އެންމެ މުހިންމު ކަމަކީ އޭނާގެ ބަލި އިތުރަށް ގޯސްވެގެންދާ ސަބަބަކަށް ތިމާވުމުގެ ބަދަލުގައި އޭނާއަށް ލުޔެއް ގެނެސްދެވޭނެ ފަދަ މީހަކަށް ތިމާވުމެވެ.
ކޮންމެވެސް ސިފައެއްގައި ކެންސަރު ބަލި ތަޖުރިބާ ނުކުރެވޭ މީހަކު ރާއްޖޭގައި ނެތޭ ދެންނެވުމަކީ މުޅިއަކުން ދޮގަކަށްނުވާނެއެވެ. ޢާއިލާގެ މެމްބަރެއް، އެކުވެރިއެއް ނުވަތަ އެކުގައި މަސައްކަތްކުރާ ކޮންމެވެސް މީހެއްގެ ކެންސަރުގެ ވާހަކައެވެ. މިބަލި އެހާވެސް ބޮޑަށްވަނީ އާންމުވެފައެވެ. މިބަލީގެ ވޭން ތަހައްމަލްކުރަމުން އަންނަ މީހުންނަށް އޯގާތެރިވެ ހެޔޮކޮށް ހިތުމަކީ މިވޭން ތަހައްމަލުކުރަމުން އަންނަ ފަރާތްތަކަށް ދެވިދާނެ މުހިންމު ފަރުވާއެކެވެ. އެހެންނަމަވެސް މުޖުތަމަޢުން ފެންނަނީ މިމަންޒަރެއް ނޫނެވެ.
ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ކެންސަރު ބަލީގެ ޚާއްސަ ޑޮކްޓަރ، ޑރ.މުޙައްމަދު އަމްރު ވިދާޅުވީ، ކެންސަރަށް ފަރުވާ ހޯދަމުން އަންނަ ފަރާތްތަކަށް ބަލީގެ ވޭނާއެކު، ހިތްދަތިވާ އެތައްކަމެއް ތަޙައްމަލުކުރަންޖެހޭކަމަށެވެ. އެގޮތުން ބަލިމީހާއަށް އެހީތެރިވާން ތިބޭ ފަރާތްތަކަށް އެނގިގެން ނުވަތަ ނޭނގިނަމަވެސް، ކުރެވޭ ކަންތައްތަކާއި ބުނެވޭ ވާހަކަތަކުން ބަލި މީހާ އިތުރަށް ބަލިކޮށްލާކަން އަމްރު ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ ކެންސަރަށް ފަރުވާ ހޯދަމުން އަންނަ ކުއްޖެއް ނުވަތަ މީހަކަށްވާތީ ސްކޫލްތަކާއި މަސައްކަތުގެ މާހައުލުގައިވެސް އެކަހެރިކުރާތަން ފެންނަކަމީ މުޖުތަމަޢުން ފެންނަ ހިތްދަތި މަންޒަރެއްކަމަށެވެ.
ޑރ.އަމްރު ވިދާޅުވީ، ޢާއިލާތެރެއިންވެސް އަދި ބަލި މީހާއަށް ޒިޔާރަތްކުރާ ފަރާތްތަކުންވެސް، ކެންސަރުގެ ފަރުވާ ހޯދަމުންދާ މީހުން އެކަކު އަނެކަކާ އަޅާކިޔުން ހުއްޓާލަންޖެހޭކަމަށެވެ. އަދި ބައްޔާއި މެދު މުޖުތަމަޢު ދެކޭގޮތް ބަދަލުކުރަންޖެހޭކަމަށްވެސް ވިދާޅުވިއެވެ.
"ކެންސަރު ފަރުވާ ހޯދަމުންދާ ކުދިން ސްކޫލްތަކުގައި ބާކީކުރާ ތަން އެބަފެނޭ. ވަކި ކުޅިވަރަކުން ނުވަތަ ހަރަކާތަކުން އެބަ މަޙްރޫމްކުރެވޭތަން ފެނޭ. ކެންސަރަށް ފަރުވާ ނަގާ ކުޑަކުދިންނަށްވެސް ހިތްވަރު ބޭނުންވޭ އެކުވެރިންނާއި މުޖުތަމަޢުތެރެއިން" ޑރ. އަމްރު ވިދާޅުވިއެވެ.
ޑރ.އަމްރު ވިދާޅުވީ ކެންސަރަށް ފަރުވާ ހޯދަމުންދާ ފަރާތްތަކުގެ ތެރެއިން އޮފީސް މާހައުލުގައި މަސައްކަތުގައި އުޅޭ މީހުންނާމެދުވެސް އިހާނެތިކޮށް ކަންތައް ކުރެވެމުންދާތަން ފެންނަކަމަށެވެ. އެގޮތުން މަސައްކަތުން އެކަހެރިކުރުމާއި، ވަރުބަލި ވެގެން މަސައްކަތް ނުކުރެވިދާނެތީ މަސައްކަތް ހަވާލުނުކުރުން ފަދަ ކަންކަން ދިމާވާކަން ފާހަގަކުރެއްވިއެވެ. އޭގެ ބަދަލުގައި އެފަދަ ފަރާތްތަކާއި ވާހަކަދައްކާ، ކުރެވޭނެ ކަންކަމާއި ނުކުރެވޭނެ ކަންކަން ދެނެގަނެ ދެފަރާތުން ގުޅިގެން ކުރިއަށްދާނަމަ އެއީ ބަލި މީހާއަށް ލިބިގެންދާނެ ބޮޑު ލުޔެއްކަން ޑރ.އަމްރު ފާހަގަކުރެއްވިއެވެ.
އެހެންކަމުން ކެންސަރާއި ހަނގުރާމަކުރަމުންދާ ކޮންމެ މީހަކަށްވެސް ޢާއިލާއާއި، މަސައްކަތުގެ މާހައުލާއި، ސްކޫލް މާހައުލާއި އެކުވެރިންގެ ލޯތްބާއި އަޅާލުން ބޭނުންވެއެވެ.
ތިމާގެ ވަށައިގެން ކެންސަރަށް ފަރުވާކުރަމުންދާ މީހަކު ހުރިނަމަ އެމީހަކާ މެދު ފުންކޮށް ވިސްނާލާށެވެ. އޭނާ ކުރަމުންދާ ހަނގުރާމައިގައި ތިމާއަކީވެސް އެހީތެރިއަކަށް ވެވިދާނެއެވެ. ހިތްވަރުގެ ބަސްތަކާއި، އޯގާތެރިކަމުގެ ބަސްތަކާއި، އެފަދަ ފަރާތްތައް ކަންކަމުގައި ބައިވެރިކުރެވޭނެހެން ކަންކަން އިންތިޒާމުކުރުމަކީ ކޮންމެ މީހަކަށްވެސް ކުރެވިދާނެ ކަންކަމެވެ.