އިންޓަރގްރޭޓެޑް ޓޫރިޒަމް ތަރައްޤީކުރުމަށްޓަކައި ގދ. ހޯނޑެއްދޫގެ އިޚްތިޞާސަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބަދަލު ގެންނަވައިފިއެވެ. މިގޮތުން ހޯނޑެއްދޫގެ އިޚްތިޞާސްގައި ކުރިން އޮތް"ކަޑެވާރެހާ" އެރަށުގެ އިޙްތިޞާސުން މިހާރު ވަނީ ވަކިކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ "ކަޑެވާރެހާ" ހޯނޑެއްދޫގެ އިޚްތިޞާސުން ވަކިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމެވީ އެމަނިކުފާނުގެ ރިޔާސީ ވަޢުދުފުޅާއި އެއްގޮތަށް އިންޓަރގްރޭޓެޑް ޓޫރިޒަމް އެރަށުގައި ތަރައްޤީކުރުމަށްކަމަށެވެ.
އެމަނިކުފާނު މިގޮތަށް ނިންމަވާފައިވަނީ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ދިވެހިރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިޙްތިޞާސް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ މަސްއޫލިއްޔަތުގެ ދަށުން ނެރުއްވި ޤަރާރެއްގައެވެ.
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި
— The President's Office (@presidencymv) April 6, 2025
https://t.co/UEjTJyhre9 pic.twitter.com/hmPMoQIiyN
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫގެ އިދާރީ ދާއިރާގެ އިޙްތިޞާސަށް ގެނައި ބަދަލު ދައްކުވައިދޭ ޗާޓުވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައެވެ.
އަތޮޅުތަކުގެ ރަށްރަށުގައި ފަތުރުވެރިކަން ތަރައްޤީކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. އަދި ހަމައެއާއެކު އިޤްތިޞާދީ އެކި މަސައްކަތްތައް ކުރެވޭނެހެން އެކި ރަށްރަށާ ކައިރީ ހުރި ފަޅުރަށްތައް ގެންދަވަނީ އެކި ކައުންސިލްތަކުގެ އިޙްތިޞާސްގެ ތެރޭގައި ހިމަނުއްވަމުންނެވެ. މިއީ ކައުންސިލްތައް ބާރުވެރިކުރުވާ މާލީގޮތުން ފުދުންތެރިކަން އިތުރުކުރުމަށް ސަރުކާރުން އަޅުއްވަމުންގެންދަވާ ފިޔަވަޅުތަކެކެވެ.