އަމާޒަކީ ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމާއެކު، މަތީ ފަންތީގެ ރިސޯޓުތަކަށް އަންނަ ފަތުރުވެރިންގެ ޢަދަދުވެސް އިތުރުކުރުންކަމަށް ފަތުރުވެރިކަމާ ތިމާވެށްޓާބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ރާއްޖެއަށް އާމްދަނީ ވަންނަ މައި ސިނާޢަތްކަމަށްވާ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް، ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ފަށްޓަވާފައެވެ. މީގެ ތެރެއިން ދުނިޔޭގެ އެތައް ބައެއް މަޤްބޫލުކަން ހޯދާފައިވާ ކުޅިވަރު ކްލަބުތަކާއި ގުޅިގެން މަސައްކަތް ކުރުމަށްވެސް ނިންމައި، އެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. މީގެ ތެރެއިން އެންމެ ފަހުން ފެށި އެއް ކެމްޕެއިނަކީ ދުނިޔޭގެ އެންމެ މަޤްބޫލް އެއް ފުޓުބޯޅަ ކްލަބް ކަމުގައިވާ އިނގިރޭސިވިލާތުގެ ލިވަޕޫލާއެކު ފެށި މާކެޓިން ކެމްޕެއިނެވެ.
ސަރުކާރުން ކުޅިވަރު ކްލަބުތަކާއި ގުޅިގެން މާކެޓު ކުރުމަށް ނިންމާފައިވަނީ ލަގްޒަރީ މާކެޓަށް އިސްކަމެއް ދީގެން ފަތުރުވެރިން ގެނައުމަށް ކަމަށް ސަރުކާރުން ވިދާޅުވެއެވެ. މިކަމާ ގުޅޭގޮތުން ޕީއެސްއެމްނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ފަތުރުވެރިކަމާއި ތިމާވެށްޓާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ މިމަސައްކަތްތަކުގެ ތެރެއިން ރާއްޖެއަށް އަވަހަށް ގިނަ އަދަދެއްގެ ފަތުރުވެރިން ގެނެވޭނެ ކަމަށެވެ.
"ލިވަޕޫލް ނުނީ ސްޕޯޓްސް ދާއިރާގެ އެހެން ކްލަބުތަކާއެކު މަސައްކަތް ކުރެވިއްޖެއިއްޔާ ވަރަށް ގިނަ ފަރާތްތަކަށް، ޚާއްސަކޮށް ދުނިޔޭގެ ކަންކޮޅުތަކުގައި ތިބި ފުޓުބޯޅަ ފޭނުންނަށް އިސްތިހާރު ކުރެވިއްޖެއިއްޔާ ރާއްޖެ އަންނަ ފަތުރުވެރިން އިތުރުވެގެންދާނެ. ހާއްސަކޮށް ލަގްޒަރީ މާކެޓަށް އަންނަ ފަތުރުވެރިން އިތުރުވެގެން ދާނެ. އަޅުގަނޑުމެން މިއަދު ބޭނުންވަނީ ގިނަ ޓޫރިސްޓުން އައުން. އަދި އަންނަ ޓޫރިސްޓުންނަކީ ހައިއެންޑް ރިސޯޓުތަކަށް އަންނަ ބަޔަކަށް ވެއްޖެނަމަ ރާއްޖެއަށް ވަންނަ ފައިސާވެސް އިތުރުވެގެންދާނެ. " ފަތުރުވެރިކަމާ ބެހޭ ވަޒީރު ވިދާޅުވިއެވެ.
މިއަހަރު ފަހުކޮޅު ރާއްޖެ މައި ދޮރާށި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓާރމިނަލް ހުޅުވިގެން ދާއިރު، ސަރުކާރުގެ އަމާޒަކީ ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމެވެ. މިއަހަރު 2.3 މިލިޔަން ފަތުރުވެރިން ގެނެއުމުގެ އަމާޒު ހިފާފައިވާއިރު، މިފަދަ ކެމްޕެއިންތަކުގެ ތެރެއިން މިއަމާޒަށް ވުރެ އިތުރަށްވެސް ފަތުރުވެރިން ގެނެވޭނެ ކަމަށް ސަަރުކާރުން ޤަބޫލުކުރައްވައެވެ.
ލިވަޕޫލާއެކު މާކެޓިން ކެމްޕެއިން ފަށާފައިވާއިރު، އެ ކްލަބާއެކު ރާއްޖެއިން ބައިވެރިވާ ފެއަރތަކުގައިވެސް މަސައްކަތް ކުރާނެއެވެ. މިގޮތުން މިމަހުގެ 28 މޭއި މަހުގެ 1 އަށް ބާއްވާ، އަރެބިއަން ޓްރެވެލް މާކެޓުގައި ރާއްޖޭގެ ސްޓޭންޑް ކޯބްރޭންޑް ކުރާނީ ލިވަޕޫލާއެކުއެވެ.
ލިވަޕޫލްގެ އިތުރުން އިންޑިއާގެ ކްރިކެޓް ކްލަބެއްކަމަށްވާ މުމްބާއީ އިންޑިއަންސްގެ ޓުއަރިސްޓް ޑެސްޓިނޭޝަން ޕާޓްނަރުކަށްވެސް ރާއްޖެ ވަނީ ހަމަޖެހިފައެވެ. މުމްބާއީ އިންޑިއަންސް އަކީ އިންޑިއާގެ އެންމެ ކާމިޔާބު އަދި އެންމެ އަގުހުރި ފްރެންޗައިޒް ކްރިކެޓް ޓީމެކެވެ. އަދި މި ޓީމުން ވަނީ ފަސް އަހަރު ކްރިކެޓް ޗެމްޕިއަންކަންވެސް ހޯދާފައެވެ.