ނަފްސާނީ ދުޅަހެޔޮކަމާއި ހަށިހެޔޮކަމަށް ގެއްލުންވާ ކޮންމެ ކަމަކުން ދުރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދުނިޔޭގެ ޞިއްހަތު ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިޔާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ދުނިޔޭގެ ޞިއްހަތު ދުވަސް ފާހަގަކުރާއިރު، ދިވެހި ކޮންމެ ރައްޔިތަކަށްވެސް ފުރިހަމަ ޞިއްހީ ފަރުވާ ލިބޭނެ މަގު ފަހިކުރުމަށް ރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތް ކުރުމުގައި ސަރުކާރުން ދެމިއޮންނާނެ ކަމަށެވެ. އަދި ކަމާ ބެހޭ ފަރާތްތަކާ ގުޅިގެން ކޮންމެ ރައްޔިތަކަށްވެސް ފާގަތި މުސްތަޤުބަލެއް ހޯދައިދިނުމަށްކުރާ މަސައްކަތުގައި މި ސަރުކާރު ދެމިއޮންނާނެކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ޞިއްޙަތަށް ފައިދާވާ ކާނާ ކެއުމާއި ދިރިއުޅުމުގައި ހަރަކާތްތެރިވުމާއި ނަފްސާނީ ގޮތުން ދުޅަހެޔޮވުމަށް ސަމާލުކަން ދިނުމަށް އެދިވަޑައިގެންފައެވެ. އަދި ނަފްސާނީ ދުޅަހެޔޮކަމާއި ހަށިހެޔޮކަމަށް ނޭދެވޭ އަސަރުކުރާ ކަންކަމުން ދުރުހެލިވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަތެވެ.
As we mark #WorldHealthDay, I reaffirm the government's steadfast commitment to working together with all stakeholders to strengthen our health system to foster a community where every citizen can experience a healthy beginning, paving the way for a more resilient future.… pic.twitter.com/k6pADqNph9
— Dr Mohamed Muizzu (@MMuizzu) April 7, 2025
ރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ސަރުކާރުގެ އަމާޒަކީ ބަލި ޖެހުމުގެ ކުރިން ބަލިން ރައްކާތެރިވެވޭ ނިޒާމެއް ޤާއިމުކުރުމެވެ. މިކަން ހާސިލުކުރުމަށް އަތޮޅުތަކުގައި ޕްރައިމަރީ ހެލްތު ކެއަރ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި ނިޒާމުގެ ދަށުން ދުރާލާ ބަލިތަކަށް ސްކްރީންކޮށް، ޞިއްހީ ގޮތުން ހޭލުންތެރިކުރުމުގެ އެކި ޕަރޮގުރާމްތައް ދަނީ ހިންގަމުންނެވެ.
މީގެ އިތުރުން ދެވޭ ފަރުވާގެ ފެންވަރު ރަނގަޅުކޮށް ޚިދުމަތްތައް ފުޅާކުރެއްވުމަށްވެސް ސަރުކާރުން ގިނަ މަސައްކަތްތަކެއްކުރައްވާފައިވެއެވެ. އެގޮތުން ދަރުމަވަންތަ ހޮސްޕިޓަލާއި ހުޅުމާލޭ ހޮސްޕިޓަލުގައި ޓަރޝަރީ ފެންވަރަށް ވަނީ ޚިދުމަތްތައް ޤާއިމުކޮށްފައެވެ. މި ދެ ހޮސްޕިޓަލަށްވެސް އެނދު އިތުރުކޮށްފައިވާއިރު، އައިޖީއެމްއެޗަށް އެނދު އިތުރުކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. ސަރުކާރުގެ އަމާޒަކީ މާލެ ސަރަހައްދުގެ ޞިއްޙީ ނިޒާމަށް 117 އެނދު އިތުރުކުރުމެވެ.