ޚަބަރު

އަނަސްއަށް ރުހުން ހޯދަން އެސްއޯއީ ކޮމިޓީއަށް


  • ޕީސީބީގެ ރައީސަކަށް އަނަސް އައްޔަން ކުރެއްވީ މިދިޔަ މަރޗް މަހުގެ 13ގައި

  • ޕީސީބީގެ މެންބަރުން އައްޔަން ކުރެއްވުމަށްފަހު މަޖިލީހުގެ ރުހުން ހޯދަންޖެހޭ

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސްކަމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާފައިވާ ގއ. ދެއްވަދޫ، ދޭލިޔާގެ މުޙައްމަދު އަނަސްއަށް ރުހުން ދިނުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް، އެސްއޯއީ ކޮމިޓީއަށް ފޮނުވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޕީސީބީއަށް މެންބަރުން އައްޔަން ކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވަންޖެހެއެވެ.

ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސްކަމުގެ މަގާމަށް، މުޙައްމަދު އަނަސް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރެއްވީ މިދިޔަ މާޗު މަހުގެ 13ވަނަ ދުވަހުއެވެ.

ޕީސީބީއަށް ރައީސަކު އައްޔަންކުރެއްވީ އެމަގާމުގައި ކުރިން ހުންނެވި ހަމްދީ އަގީލް މިދިޔަ ފެބުރުއަރީ މަހުގެ 13ވަނަ ދުވަހު އެ މަގާމު ވަކިކުރެއްވުމާ ގުޅިގެންނެވެ.

މުޙައްމަދު އަނަސް އަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަނަސް މީގެ ކުރިން އަދާކުރައްވާފައިވާ ވަޒީފާތަކުގެ ތެރޭގައި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގގެ ނައިބުކަމާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އޮޑިޓް މެނޭޖަރުކަމާއި މޯލްޑިވްސް ބިޒްނަސް ސްކޫލުގެ އެސޯސިއޭޓް ޕްރޮފެސަރކަމުގެ މަގާމު ހިމެނެއެވެ.