ޚަބަރު

މިދިޔަ އަހަރު އެފްޕީއޭއަށް 722 މައްސަލަ، ގިނައީ ފިރިމީހާ އަނިޔާކުރުމުގެ މައްސަލަ


  • ފިރިމީހާ ނުވަތަ ކުރީގެ ފިރިމީހާ އަނިޔާކޮށްގެން 423 މައްސަލަ ހުށައަޅާފައިވޭ

  • މައިންބަފައިން ނުވަތަ ބެލެނިވެރިން އަނިޔާކޮށްގެން 305 މައްސަލަ ހުށައަޅާފައިވޭ

މިދިޔަ އަހަރު ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ، އެފްޕީއޭއަށް ހުށަހަޅާފައިވާ ގެވެށި އަނިޔާގެ މައްސަލަތަކުގެތެރޭގައި އެންމެ ގިނައީ، ފިރިމީހާގެ ފަރާތުން އަނބިމީހާއަށް އަނިޔާ ކުރުމުގެ މައްސަލަތައް ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެފްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ކައިވެނި ކޮށްގެން އުޅޭ ނުވަތަ އިނދެ ވަރިކޮށްފައިވާ މީހާގެ ފަރާތުން އަނިޔާ ލިބިގެން 423 މައްސަލައެއް ހުށައަޅާފައިވެއެވެ. މީގެ ތެރެއިން %89 މައްސަލަ ހުށައަޅާފައިވަނީ ފިރިހެނެއް އެ މީހެއްގެ އަންހެނުންނަށް ނުވަތަ ލޯބިވެރިޔާއަށް ނުވަތަ ކުރީގެ ބައިވެރިޔާއަށް ގެވެށި އަނިޔާކޮށްގެންނެވެ. މި މައްސަލަތަކުގައި އަނިޔާކޮށްފައިވާ މީހުންނަށް ބަލާއިރު، %54 މައްސަލަތަކުގައި އަނިޔާ ލިބިފައިވަނީ ފިރިމީހާގެ ފަރާތުންނެވެ. %27 މައްސަލަތަކުގައި އަނިޔާ ލިބިފައިވަނީ ކުރީގެ ފިރިމީހާގެ ފަރާތުންނެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުން ގެވެށި އަނިޔާ ލިބޭ މީހާއާއި އަނިޔާކުރާ މީހާއާ ދެމެދު އޮތް ގުޅުމަށްބަލާއިރު، ދެވަނައަށް އެންމެ ގިނައިން އަނިޔާ ލިބިގެން ހުށައަޅާފައިވަނީ މައިންބަފައިން ނުވަތަ ބެލެނިވެރިންގެ ފަރާތުންނެވެ. މިފަދަ 305 މައްސަލަ ހުށައަޅާފައިވެއެވެ. އަދި ނަސަބުގެ ގޮތުން ނުވަތަ ކައިވެނީގެ ގޮތުން ގުޅިފައިވާ ފަރާތްތަކުގެ ފަރާތުން އަނިޔާ ލިބިގެން 256 މައްސަލައެއް ހުށައަޅާފައިވެއެވެ.

ގެވެށި އަނިޔާގެ ޢަމަލުތަކުގެ ބާވަތްތައް:

• ޖިސްމާނީ އަނިޔާކުރުން: 472 މައްސަލަ ހުށައަޅާފައިވޭ
• ބަހުގެ ހަމަލާ ދިނުމާއި ނަފްސާނީ ގޮތުން އަނިޔާކުރުން: 512 މައްސަލަ ހުށައަޅާފައިވޭ
• ބިރުދެއްކުން: 292 މައްސަލަ ހުށައަޅާފައިވޭ
• ގެވެށި އަނިޔާކުރާ ތަން ކުޑަކުއްޖަކަށް ގަސްދުގައި ދެއްކުން ނުވަތަ އެފަދަ ޙާލަތަކަށް ކުއްޖާ ހުށައެޅުން: 199 މައްސަލަ ހުށައަޅާފައިވޭ
• މުދަލަށް ގެއްލުންދިނުން: 131 މައްސަލަ ހުށައަޅާފައިވޭ

އެފްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާލާއިރު، މިދިޔަ އަހަރު ޖުމްލަ 722 މައްސަލައެއް އެ އޮތޯރިޓީއަށް ހުށައަޅާފައިވެއެވެ. 2023 ވަނަ އަހަރު 614 މައްސަލައެއް ވަނީ ހުށައަޅާފައެވެ. އެހެންކަމުން މިދިޔަ އަހަރު ހުށައެޅި މައްސަލަތަކުގެ އަދަދު ވަނީ އިތުރުވެފައެވެ.

މިދިޔަ އަހަރު ހުށައަޅާފައިވާ މައްސަލަތަކުގައި 18 އަހަރުން މަތީގެ 676 މީހަކަށް އަނިޔާ ލިބިިފައިވެއެވެ. އަދި 315 ކުޑަކުއްޖަކަށް އަނިޔާ ލިބިފައިވެއެވެ. އެ ގޮތުން އަނިޔާ 633 ފިރިހެނަކު އަނިޔާގެ ޢަމަލު ހިންގާފައިވާއިރު، 135 އަންހެނަކާއި ޖިންސު ނޭނގޭ 3 މީހަކު ވަނީ އަނިޔާގެ ޢަމަލުތައް ހިންގާފައެވެ.

މުޖުތަމަޢުގައި ހިނގާ ގެވެށި އަނިޔާގެ މައްސަލަތައް ހުއްޓުވުމަށް ގިނަ މަސައްކަތްތަކެއް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން އަންނަނީ ކުރައްވަމުންނެވެ. އެގޮތުން ގެވެށި އަނިޔާގެ ޢަމަލުތައް ހިންގާ މީހުން ރީހެބިލިޓޭޓްކުރުމާއި އެފަދަ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށް ކޯޓުތަކަށް މައްސަލަތައް ފޮނުވުން ހިމެނެއެވެ. އަދި ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންގެ ތެރެއިން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހަމަނުޖެއްސޭ ފަރާތްތަކަށް ޤާނޫނީ ވަކީލުން ހަމަޖައްސައިދިނުމުގެ ޚިދުމަތްވެސް ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީންވަނީ ފަށައިފައެވެ.