މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓަރމިނަލް ބޮޑުކުރުމުގެ މަސައްކަތްކޮށްދޭނެ ބަޔަކު ހޯދުމަށް އައިލެންޑް އޭވިއޭޝަނުން އިޢުލާންކޮށްފިއެވެ.
އައިލެންޑް އޭވިއޭޝަނުން ވިދާޅުވީ، މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓަރމިނަލް ބޮޑުކުރުމުގެ މަސައްކަތަށް ދިވެހި އަދި ބޭރުގެ ކުންފުނިތަކަށް ވެސް ކުރިމަތިލެވޭނެކަމަށާއި، މި ޓަރމިނަލްގެ މަސައްކަތް ހަވާލުކުރެވޭނީ ކޮންޓްރެކްޓަރ ފައިނޭންސްގެ އުސޫލުންކަމަށެވެ.
މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޓަރމިނަލް 900 އަކަމީޓަރު ބޮޑުކުރުމަށް ނިންމާފައިވާކަމަށް އައިލެންޑް އޭވިއޭޝަނުން ވިދާޅުވިއެވެ. މީގެ އިތުރުން، ދެ ފަންގިފިލާއަށް ތަރައްޤީކުރާ މި ޓަރމިނަލްގައި ވީއަޕީގެ އިތުރު ލައުންޖްތައް ހުންނާނެ ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.
މި މަސައްކަތައް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 17 ވަނަ ދުވަހުގެ މެންދަމު 12:00 ގެ ކުރިން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް، އީއޯއައިގެ ފޯމް ފުރިހަމަކުރުމަށްފަހު އީމެއިލްކުރުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.
މާފަރު އެއަރޕޯޓުގެ ޓާމިނަލް ބޮޑުކޮށްދޭނެ ބަޔަކު ހޯދަން އިޢުއުލާނު ކޮށްފައިވާއިރު، 2021 ވަނަ އަހަރު ވެސް އެއެއަރޕޯޓުގެ ޓަމިނަލް ބޮޑުކުރުމުގެ މަސައްކަތަށް ކޮންސަލްޓެންސީ ދޭނެ ބަޔަކު ހޯދަން ވަނީ އިއުލާނުކޮށްފައެވެ. އަދި އޭގެ ފަހުން 2023 ވަނަ އަހަރުވެސް ޓާމިނަލް ބޮޑުކޮށްދޭނެ ބަޔަކު ހޯދަން އިޢުލާނުކޮށްފައިވެއެވެ.
މާފަރު އެއަރޕޯޓު ހުޅުވައިފައިވަނީ 2019 ވަނަ އަހަރުއެވެ. އަދި މި ތަން އިންޓަރނޭޝަނަލް އެއަރޕޯޓެއްގެ ގޮތުގައި ބޭނުންކުރަން ފަށާފައިވަނީ 2020 ވަނަ އަހަރުގެ ޖުލައިމަހުގެ 1ވަނަ ދުވަހުން ފެށިގެންނެވެ.
މިއާއެކު މާފަރު އެއަރޕޯޓަކީ ޕްރައިވެޓު ޖެޓުތަކުގެ ޖެއްސުމުގެ މަޤްބޫލު އެއަރޕޯޓެކެވެ. މަތީފަންތީގެ ގިނަ ރިސޯޓުތަކެއް ނ، ރ އަދި ބ އަތޮޅުގައި ހިންގަމުންދާއިރު، އެ ރިސޯޓުތަކަށް ޖެޓުތަކުގައި ރާއްޖެއަށް އަންނަ ފަތުރުވެރިން ބޭނުންކުރަނީ މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓެކެވެ.
މާފަރު އެއަރޕޯޓު ތަރައްޤީކޮށްފައި ވަނީ، ބައިނަލްއަޤުވާމީ ވައިގެ ދަތުރުފަތުރުގައި އެންމެ އާއްމުކޮށް ބޭނުންކުރާ އެއާބަސް އޭ320 އާއި ބޮއިން 737ގެ ބޯޓުތައްވެސް ޖެއްސޭ ގޮތަށެވެ.