މަޝްހޫރު ޕްރޮޑިއުސަރ ފަތިމަތު ނަހުލާގެ އައު ފިލްމު "ސޮރީ" ގެ ރަސްމީ ޓްރެއިލަރ ނެރެފިއެވެ. މި ޓްރެއިލަރ ނެރެފައިވަނީ ސޯޝަލް ސެންޓަރުގައި ބޭއްވި ފިލްމުގެ ޕްރޮމޯޝަނަލް އިވެންޓުގައެވެ.
ސޯޝަލް ސެންޓަރުގައި އާއްމުކޮށް ހުޅުވާލައިގެން ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި އިވެންޓަކީ، ފިލްމުގެ ރަސްމީ ޕޯސްޓަރާއި ފިލްމުގައި ހިމެނޭ ލަވަތަކުގެ އޯޑިއޯ އަލްބަމް ނެރުމަށް ބޭއްވި އިވެންޓެކެވެ. މި ފިލްމުގެ ބައެއް ލަވަތައްވެސް އިވެންޓުގެ ތެރެއިން އާންމުންނަށް ވަނީ އިއްވާލާފައެވެ.
މި ފިލްމަކީ ލޯބީގެ އަސަރުގަދަ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. ބޮޑު ކާސްޓަކާއެކު އުފައްދާ މި ފިލްމުން ރާއްޖޭގެ ފިލްމީ ދާއިރާގައި ފާހަގަ ކޮށްލެވޭ މަޝްހޫރު ތަރިން ކަމަށްވާ ޔޫސުފް ޝަފީޢު(ޔޫއްޕެ)، މަރިޔަމް އައްޒަ ފަދަ ތަރިން ފެނިގެންދާނެއެވެ. މީގެ އިތުރުންވެސް ދިވެހި ފިލްމީ ދާއިރާގެ މަޝްހޫރު ގިނަ ތަރިންތަކެއް މި އެކި ރޯލްތަކުން ފެނިގެންދާއިރު، މި ފިލްމަކީ ބެލުންތެރިން ޝައުޤުވެރިވާ އަދި ޢައިލާތަކުން ބަލަން ޖެހޭ ފިލްމެއް ކަމަށް ފިލްމުގެ ޕްރޮޑިއުސަރ ނަހުލާ ބުނެއެވެ.
"އަޅުގަނޑު ބުނެލަން ބޭނުންވަނީ މިފިލްމަކީ، ރާއްޖޭގެ ފިލްމު ބެލޭ އުމުފުރާގެ ހުރިހާ އެންމެން، މައިން ދަރިން ގޮވައިގެން އައިސް ބަލަން ޖެހޭ ފިލްމެކޭ. ވަރަށް އިބްރަތްތެރި ދަރިންނަށް ދައްކަން މަޖުބޫރު ފިލްމެކޭ މިއީ. ރާއްޖޭގައި ބޮޑުވެފައި އޮތް މައްސަލައަކަށް ސަރުކާރަށްވެސް ހައްލު ނުވެ އޮތް މައްސަލައަކަށް ހާދާފައިވާ ފިލްމެއް މިއީ. މީގަ ލޯބި ހިތާމަ؛ ހުރިހާ އަސަރުތަކެއްވެސް ފެނިގެންދާނެ. " ނަހުލާ ބުނިއެވެ.
ސޮރީ ފިލްމުގެ ފުރަތަމަ ޕްރޮމޯޝަނަލް ހަރަކާތުގެ ފިލްމުގެ ކާސްޓުގައި ހިމެނޭ ތަރިން ބައިވެރި ވަނީ ފިލްމު ބަލާލަން ދިއުމަށް އެދިފައެވެ. އަދި މިފިލްމަކީ "ރޮއްވާލާނެ" ފިލްމެއް ކަމަށް ފިލްމުގެ ތަރިން ވަނީ ބުނެފައެވެ.
މިފިލްމު ޕްރިމިއަރ ކުރަން ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ 17 ވަނަ ދުވަހުއެވެ.