ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި ރޭ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާ ކުޅުނު މެޗުން 3-0 ގެ ނަތީޖާއަކުން އާސެނަލް މޮޅުވެއްޖެއެވެ. ލަންޑަނުގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވި ނަމަވެސް އާސެނަލްއިން ވަނީ ރެއާލް މެޑްރިޑްގެ ޑިފެންޑަރުންނަށް ޕްރެޝަރ ބޮޑުކޮށްފައެވެ.
މި މެޗަށް ރެއާލް މެޑްރިޑް ނިކުތްއިރުވެސް އެ ޓީމު އޮތީ ފޯމު ގެއްލިފަ އެވެ. އެގޮތުން އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވެފައިވަނީ ދެ މެޗުންނެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ރެއާލް މެޑްރިޑްގެ ވިނިޝިއަސް ޖޫނިއަރގެ އިތުރު އާސެނަލްގެ ބުކަޔޯ ސަކާއަށް ވަނީ ލަނޑު ޖަހަން ރަގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފަ އެވެ. އާސެނަލް އިން މި މެޗުގައި ލީޑު ނަގާފައިވަނީ މެޗުގެ 58 ވަނަ މިނިޓުގައި އެ ޓީމަށް ލިބުނު ހިލޭ ޖެހުމަކުން ޑެކްލަން ރައިސް އެވެ. އަދި އޭގެ 12 މިނިޓު ފަހުން އެ ޓީމަށް ލިބުނު ހިލޭ ޖެހުމަކުން ޑެކްލަން ރައިސް ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
މި މެޗުގައި އާސެނަލް އިން ޖެހި ތިންވަނަ ލަނޑު މެޗުގެ 75 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ މިކޭލް މެރީނޯ އެވެ. މި ލަނޑާއެކު މެރީނޯ ވަނީ އޭނާ އެންމެ ފަހުން ކުޅުނު ނުވަ މެޗުގައި ޖެހި ލަނޑުގެ އަދަދު ފަހަކަށް އަރުވާފަ އެވެ. މީގެ އިތުރުންވެސް އާސެނަލް އަށް ލަނޑު ޖަހަން ލިބުނު ރަގަޅު ފުރުސަތުތަކެއްގައި ގޯލުގެ ރޮނގު ހުރަސް ކުރުމުގެ ކުރިން ޖޫޑް ބެލިންހަމް އާއި ޑޭވިޑް އަލަބާ ވަނީ ދިފާއުކޮށްފަ އެވެ.
މި މެޗުގެ ފުރިހަމަ ވަގުތުގެ ފަހު މިނިޓުގައި ރެފްރީ ވަނީ ރެއާލް މެޑްރިޑްގެ އެޑުއާޑޯ ކަވަމިންގާ އަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ.
މި މެޗުން އާސެނަލް މޮޅުވި ނަމަވެސް އަންނަ ހަފްތާގައި ރެއާލް މެޑްރިޑްގެ ދަނޑުގައި ކުޅޭ ދެވަނަ ލެގުގައި އެ ޓީމަށް ބޮޑު އިމްތިހާނަކާއި ކުރިމަތިލާން ޖެހޭނެ އެވެ. ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް އާސެނަލް އެންމެ ފަހުން ދަތުރުކޮށްފައިވަނީ 09-2008 ވަނަ އަހަރުގެ ސީޒަނުގަ އެވެ.