ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޢަބްދުﷲ ޖިހާދު، ޗައިނާގެ ސޫޖޯ ސިޓީގެ މޭޔަރު ކޫ ފޫޝިއަންއާ މިއަދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ބޭއްވެވީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާ ޗައިނާއާއި ދެޤައުމުގެ ދެމެދުގައި ޚާރިޖީ ގުޅުން ޤާއިމްކުރެވުނުތާ 44 އަހަރު މިއަހަރު ފުރޭކަން ފާހަގަކުރައްވައި ފަތުރުވެރިކަމުގެ ދާއިރާއާއި، ވިޔަފާރިއާއި، ތަޢުލީމު އަދި ޞިއްޙީ ދާއިރާ ކުރިއެރުވުމަށްޓަކައި ދެޤައުމުން ގުޅިގެން މަސައްކަތްކުރުމާމެދު މި ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ ވާހަކަފުޅުގައި ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރަނީ ޗައިނާއިން ކަމަށް ފާހަގަކުރައްވަމުން، ދެ ޤައުމުގެ ދެމެދުގައި ދަތުރުކުރެވޭ ފްލައިޓްތަކުގެ ޢަދަދު ގިނަކުރެވޭތޯ މަސައްކަތް ކުރައްވަމުންގެންދަވާކަމަށް ވިދާޅުވިއެވެ. މިގޮތުން، ދެޤައުމުގެ ދެމެދުގައި ދަތުރުކުރާ ފްލައިޓްތަކުގެ ޢަދަދު ގިނަވުމުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު ގިނަވެގެންދާނެކަން އެމަނިކުފާނު ފާހަގަ ކުރައްވިއެވެ.
މޭޔަރުގެ ވާހަކަފުޅުގައި، 2014 ވަނަ އަހަރާ 2015 ވަނަ އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ޗައިނާގެ ފަތުރުވެރިންގެ ޢަދަދު ދެގުނައަށް އިތުރުވެފައިވާކަން ފާހަގަކުރައްވައި، މި އަހަރުގެ ނިޔަލަށް ރާއްޖެއަށް ޗައިނާއިން ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު އިތުރުވެގެންދާނެކަމަށް އުންމީދު ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ނައިބް ރައީސާއި ޗައިނާގެ ސޫޖޯ ސިޓީގެ މޭޔަރުވަނީ ދިވެހިރާއްޖޭގެ ތިމާވެށްޓަށް އަންނަ މޫސުމީ ބަދަލުތަކާ ގުޅިގެން ދިމާވާ މައްސަލަތަކާމެދު ވާހަކަފުޅު ދައްކަވައި، މި މައްސަލަތައް ޙައްލުކުރުމަށް ދެޤައުމުން މަސައްކަތްކުރުމުގެ މުހިންމުކަމާބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.