ވަކި އުމުރަކުން ފެށިގެން ދުންފަތް ބޭނުންކުރުން މަނާކުރުމާގުޅޭގޮތުން ޚިޔާލު ހޯދުމަށް މަދަނީ ޖަމްޢިއްޔާ ޖަމާއަތްތަކާއެކު ޞިއްޙި ވުޒާރާއިން މަޝްވަރާކުރައްވައިފިއެވެ.
ޞިއްޙީ ވުޒާރާއިން ވިދާޅުވީ، މި ބައްދަލުވުމުގައި ޖެނެރޭޝަނަލް ބޭން، ނުވަތަ ވަކި އުމުރުފުރާއަކުން ފެށިގެން ދުންފަތް ބޭނުންކުރުން މަނާކުރުމުގެ ސިޔާސަތު ކާމިޔާބުކަމާއެކު ތަންފީޒު ކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާ ގުޅޭގޮތުން ޖަމްޢިއްޔާ ޖަމާއަތްތަކާއެކު މަޝްވަރާކުރައްވާފައިވާކަމަށެވެ. އަދި އެ ސިޔާސަތު ކާމިޔާބުކަމާއެކު ތަންފީޒު ކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާ ގުޅޭގޮތުން ގިނަ ލަފާތަކެއް ލިބިފައިވާކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.
ދުންފަތުން ރައްކާތެރި ޖީލެއް ބިނާކުރުމަށް ކަމާ ގުޅުންހުރި ފަރާތްތަކުގެ ޚިޔާލު ހޯދުމަށް ސަރުކާރުން ކުރަމުންދާ މަޝްވަރާތަކުގެ ތެރެއިން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއާއި، ޔުނިސެފްއާއެކުވެސް ޞިއްޙީ ވުޒާރާއިން ވަނީ މީގެކުރިން ބައްދަލުކުރައްވާފައެވެ.
ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތެކެވެ. މި ސިޔާސަތުގެ ދަށުން ޖީލުތަކެއް އެ ވަބާގެ ތެރެއަށް ގެއްލިގެން ދާ މަންޒަރު ބަލަން ސަރުކާރަކުން ތިބެންވާނެކަމަށް ގަބޫލުފުޅު ނުކުރައްވާކަމަށާއި، ދުންފަތުގެ އިސްތިއުމާލުކުރުން އާދައަކަށް ނުވަނީސް އެކަން ހުއްޓުވަން ޖެހޭކަމަށް އެމަނިކުފާނު މީގެކުރިން ވަނީ ވިދާޅުވެފައެވެ.
އެގޮތުން ރާއްޖޭގައި ދުންފަތް ކޮންޓްރޯލް ކުރުމަށް ޖެނެރޭޝަން ބޭންއެއް ތަޢާރަފުކުރަން މި ސަރުކާރުން ވަނީ ނިންމަވާފައެވެ. މިކަން ރައީސުލްޖުމްހޫރިއްޔާ ޢިއުލާންކުރެއްވީ ރައްޔިތުންނަށް މައުލޫމާތު ހާމަކުރެއްވުމަށް ކުރިއަށްގެންދާ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގެ ތެރެއިންނެވެ.
އެގޮތުން ދުންފަތް މަނާކުރާ އުމުރާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށްވެސް، ރައީސް ނިންމަވާފައިވެއެވެ. އެގޮތުން، ރައްޔިތުންގެ ޚިޔާލު ހޯދުމަށް ސޯޝަލް މީޑިއާގައި އެމަނިކުފާނު ޢާންމުކުރި ޚިޔާލު ހޯދުމުގެ ޕޯލަށް ގިނަ ބަޔަކު ވޯޓު ދީފައިވަނީ 2000 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިންނަށް ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ދުންފަތުގެ އިސްތިއުމާލުކުރާ އެހެނިހެން އުމުރުފުރާތަކުގެ މީހުންވެސް އެ އާދަ ދޫކޮށްލުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ރާއްޖެއަށް ދުންފަތުގެ ބާވަތްތައް އެތެރެކޮށް، ވިޔަފާރި ކުރާ ފަރާތްތަކުން އެކަން ހުއްޓާލުމަށްވެސް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.