ޚަބަރު

މާލޭގެ 3 ސަރަޙައްދެއްގައި 7 ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގައި ސިފައިން ހަރަކާތްތެރިވަނީ


  • ވެލި ބަސްތާ ޖެހުމުގެ މަސައްކަތް އެމްއެންޑީއެފްއިން ދަނީ ކުރަމުން

މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލޭގެ އެކި ސަރަހައްދުތަކުން ފެން ހިންދުމުގެ މަސައްކަތުގައި ޤައުމީ ދިފާޢި ބާރުން ހަރަކާތްތެރިވާން ފަށައިފިއެވެ.

މާލޭގައި ފެންބޮޑުވެފައިވަނީ ހެނދުނު 10:00 ޖަހައި އެހައިކަށްހާއިރު ވެހެން ފެށި ވާރެއާއެކުއެވެ. މިއާއި ގުޅިގެން، ތައްޔާރީ ހާލަތުގައި ތިބި ޤައުމީ ދިފާޢީ ބާރުން ވަނީ ފެން ހިންދުމުގެ މަސައްކަތް ވަގުތުން ފަށާފައެވެ. މިގޮތުން މާލޭގެ 3 ސަރަހައްދެއްގައި 7 ޕަންޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތުގައި ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.

އެއީ އައިޖީއެމްއެޗް ސަރަހައްދާއި، ވެސްޓް ޕާކް ސަރަހައްދު އަދި މާފަންނު ފެރީ ޓާމިނަލް ސަރަހައްދެވެ. މި ސަރަހައްދުތަކުގައި ޕަމްޕުތައް ޖަހާ ފެން ހިންދުމުގެ މަސައްކަތުގެ އިތުރުން، ގޭގޭގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތްވެސް ސިފައިން ދަނީ ކުރަމުންނެވެ.

މާލެ ސަރަހައްދުގައި ފެން ބޮޑުވުމާއި ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމަށް ފުލުހުންނާއި ކަމާއި ގުޅުންހުރި އެހެން އިދާރާތަކުން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ، މާލެ ސަރަހައްދު ހިމެނޭހެން ރާއްޖޭގެ 8 އަތޮޅަކަށް މިވަގުތު މެޓް އޮފީހުން ވަނީ ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފައެވެ. މި ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 10:45 އިން މެންދުރުފަހު 14:00 އާއި ހަމައަށެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ، ރާއްޖެ ސަރަޙައްދުގައި އުފެދިފައިވާ ޓްރަފަކާ ގުޅިގެން ކުރާ ވިއްސާރައެއްކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. މޫސުން އަލިވާނީ މިމަހުގެ 11 ވަނަ ދުވަހުކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.

ކުރިއަށް އޮތް 2 ދުވަހުވެސް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިންވަނީ އިލްތިމާސްކުރައްވާފައެވެ.