ޚަބަރު

6700އަށްވުރެ ގިނަ ބިދޭސީން ފޮނުވާލައިފި، ގިނައީ ޤަވާއިދާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީން


  • މިހާތަނަށް 6750 ބިދޭސީންވަނީ ޑީޕޯޓުކޮށްލާފައި

  • ކުށްކުށަށް އަރާގަންނަ ބިދޭސީންގެ އަދަދުވެސް ދަނީ އިތުރުވަމުން

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން އަންނަނީ ޤައުމީ ފެންވަރުގެ ބޮޑު އޮޕަރޭޝަނެއް ހިންގަވަމުންނެވެ.

މިއޮޕަރޭޝަންގެ ދަށުން ގަވާއިދާ ޚިލާފަށް ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފުވެގެން 6700 އަށްވުރެ ގިނަ ބިދޭސީންވަނީ ޑީޕޯޓުކޮށްލާފައެވެ.

ރާއްޖޭގެ ކޮންމެ ދިމާއަކަށް ބެލިކަމުގައިވީނަމަވެސް ފެންނަނީ ބިދޭސީ މަސައްކަތްތެރީންނެވެ. ޢިމާރާތްކުރުމާއި، ފަތުރުވެރިކަމާއި، މަސްވެރިކަމުގެ ސިނާޢަތަށް ބެލިކަމުގައިވީނަމަވެސް ފެންނަނީ ބިދޭސީންގެ ހިއްސާއެވެ. ހަމައެއާއެކު ރަށްރަށުން ކާބޯތަކެތި ގެނެސް ވިއްކުމުގައި މާރުކޭޓުގައިވެސް ބިދޭސީންނެވެ. ޑޮލަރު ވިއްކުމުގެ ކަޅު ބާޒާރުގައިވެސް ބިދޭސީންނެވެ. ގޭތެރޭގެ މަސައްކަތްތަކުގައިވެސް ބިދޭސީ މަސައްކަތްތެރީން އަންނަނީ އިތުރުވަމުންނެވެ. މިހުރިހާކަމެއްގައިވެސް ބިދޭސީންނެވެ. މިއީ ޤައުމެއްގެ ގޮތުގައި ބަލާއިރު ކަންބޮޑުވުމެވެ.

ރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކާއި ގަވާއިދުތަކާއި ޚިލާފު އެތައްކަމެއްވެސް ބިދޭސީން ދަނީ ހިންގަމުންނެވެ. ބޮޑެތި ކުށްތަކަށް އަރައިގަތުމުގައިވެސް ބިދޭސީންގެ ބައިވެރިވުން ފަހަކަށްއައިސްވަނީ އިތުރުވެފައެވެ. މަސްތުވާތަކެތީގެ ވިޔަފާރިތަކާއި، ހަށިވިއްކުމާއި، މާރާމާރީތައްފަދަ ޖިނާޢީ ކުށްތައްވެސް ހިމެނެއެވެ. އެހެންކަމުން މިކަންކަން ހައްލުކުރުމަށް ސަރުކާރުން މިހާރުވަނީ ބޮޑު އޮޕަރޭޝަނެއް ފަށްޓަވާފައެވެ.

ޕީއެސްއެމްނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢަބްދުލްމަޖީދު އިބްރާހީމް ވިދާޅުވީ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ފެށި މަސައްކަތާއެކު އެންމެ ބޮޑަށް ފާހަގަވި އެއްކަމަކީ ބިދޭސީން ރާއްޖެއަށް ކުރަން އަންނަ މަސައްކަތް ނޫން އެހެން މަސައްކަތްތަކުގައި އުޅެމުންދާ މައްސަލަކަމަށެވެ. އެއީ ޤަވާއިދާ ޚިލާފުކަމެކެވެ. ޤަވާއިދާ ޚިލާފުވެގެން މިހާތަނަށް ޑީޕޯޓުކުރި މީހުންގެ ތެރޭގައިވެސް އެންމެ ގިނައީ މިފަދަ ބިދޭސީންކަމަށް މަޖީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މިއޮޕަރޭޝަން ފެށިފަހުން މިހާތަނަށް 6750 ބިދޭސީއަކު ގަވާއިދާ ޚިލާފަށް އުޅެމުންދާތީ ވާނީ ޑީޕޯޓުކުރެވިފައި. މީގެތެރޭގައި ގިނައީ ރާއްޖެއަށް އެމަސައްކަތެއް ކުރުމަށް އައި މަސައްކަތް ނޫން އެހެން ދާއިރާއެއްގައި މަސައްކަތްކުރާ ފަރާތްތައް" ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

ބިދޭސީން ރާއްޖެއަށް އެކި މަސައްކަތްތަކުގައި ގެންނަ ފަރާތްތަކުން، އެމީހުން އެތެރެކުރާ މަސައްކަތް ފިޔަވާ އިތުރު މަސައްކަތެއް ބިދޭސީން ލައްވާ ނުކުރުވުމަށް ކަމާބެހޭ ފަރާތްތަކުން އެދެއެވެ. އަދި ގަވާއިދާ ޚިލާފަށް ރާއްޖެއަށް ކުރަން އަންނަ މަސައްކަތް ފިޔަވާ އެހެން މަސައްކަތް ކުރަމުންދާ ފަރާތްތައް ވަގުތުން ޑީޕޯޓުކުރާނެކަމުގެ އިންޒާރުވެސް ދާޚިލީ ސަލާމަތާ ފަންނިއްޔަތާ ބެހޭ ވުޒާރާއިން ދެއްވައެވެ.

މީގެއިތުރުން ދިވެހިންނަށް ފުރުސަތު ގެއްލޭނެހެން ވިޔަފާރިތަކުގައި ހަރަކާތްތެރިވާ ބިދޭސީންވެސް ޑީޕޯޓުކުރާނެކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.