ޚަބަރު

މީދޫއާއި މަޑުއްވަރީގެ ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް ދެ ޖަނެރޭޓަރު ފޮނުވައިފި


  • އެދެރަށުގެ ކަރަންޓުގެ މައްސަލައަށް ބޮޑު ޙައްލެއް އަންނާނެ

ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް ރ.މަޑުއްވަރިއާއި މީދޫއަށް އިތުރު ޖަނަރޭޓަރު ސެޓު ގެންގޮސްފިއެވެ. މިއީ ރަށްރަށުގެ ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން ފޯރުކޮށްދީފައިވާ ޖަނަރޭޓަރު ސެޓުތަކެއްކަމަށެވެ.

އާބާދީގައި ގާތްގަނޑަކަށް 2400 އެއްހާ މީހުން ދިރިއުޅޭ ރ.މީދޫގައި އިތުރުވަމުންދާ އާބާދީއާއެކު ކަރަންޓު ބޭނުންކުރާ މިންވަރުދަނީ އިތުރުވަމުންނެވެ. އެރަށުގައި އިޤްތިޞާދީ މަސައްކަތްތައް އިތުރުވަމުންދިޔުމާއެކު ކަރަންޓުގެ ކެޕޭސީޓީ ދަނީ އިތުރުވަމުންނެވެ. އެހެންކަމުން ދެމެހެއްޓެނިވިގޮތެއްގައި ކަރަންޓުގެ ޚިދުމަތް މެދުނުކެނޑި، ދިނުމަށްޓަކައި މީދޫއަށްވަނީ 1 މެގަވޮޓްގެ ޖަނަރޭޓާރު ސެޓެއް ފޮނުވާފައެވެ.

މީދޫ ކައުންސިލުން ވިދާޅުވީ، މިހާރު އެރަށުގައި ބޭނުންކުރަމުންދަނީ 800 ކިލޯވޮޓްގެ ޖަނަރޭޓަރަކާއި، 500 އަދި 300 ކިލޯވޮޓްގެ ޖަނަރޭޓަރުތަކެއްކަމަށެވެ. ނަމަވެސް މީގެތެރެއިން ކުޑަ ދެ ޖަނަރޭޓަރު އެކަށީގެންވާގޮތެއްގައި ބޭނުން ނުކުރެވޭކަން ކައުންސިލުން ފާހަގަކުރައްވައެވެ. އެހެންކަމުން އަލަށް ލިބުނު 1 މެގަވޮޓްގެ ޖަނަރޭޓަރާއެކު އެރަށުގެ ކަރަންޓުގެ ޚިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުން ޔަޤީންވެގެންދާނެކަމަށްވެސް އެރަށު ކައުންސިލުން ވިދާޅުވިއެވެ.

އާބާދީގައި 2600 އެއްހާ މީހުން ދިރިއުޅޭ ރ.މަޑުއްވަރީގެ ކަރަންޓު އަޕްގްރޭޑުކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން އެރަށަށްވަނީ 800 ކިލޯވޮޓްގެ ޖަނަރޭޓަރު ސެޓެއް ފޮނުވާފައެވެ. މަޑުއްވަރީ ކައުންސިލުން ވިދާޅުވީ އެރަށުގައި ޢިމާރާތްތައް އިތުރުވަމުންދިޔުމުގެ ސަބަބުން ކަރަންޓަށް ބޭނުންވާ މިންވަރު އިތުރުވަމުންދާކަމަށެވެ. އަދި މިހާރު ބޭނުންކުރަމުންދާ 3 ޖަނަރޭޓަރުގެ ތެރެއިން 500 މެގަވޮޓް އަދި 400 މެގަވޮޓްގެ 2 ޖެނެރޭޓަރު ދުވަސްވެ ބާވުމުގެ ސަބަބުން މައްސަލަތައް ކުރިމަތިވަމުންދާކަމަށެވެ. އެހެންކަމުން ދެން ހުރި 800 ކިލޯވޮޓްގެ ޖަނަރޭޓަރުގެ ސަރވިސްކުރުމާއި އޮވަރހޯލްކުރުމަށް ނިއްވާލަންޖެހޭ ގަޑިތަކުގައި ކަރަންޓު ކެނޑޭ ހާލަތްތަކާއި އަދި އެކި މަސައްކަތްތައް މެދުކަނޑާލަންޖެހޭކަން ކައުންސިލުން ފާހަގަކުރައްވައެވެ.

މަޑުއްވަރީގައި ލޯކަލް ޓޫރިޒަމްގެ ވިޔަފާރި ފުޅާވަމުން އަންނައިރު، އެރަށަކީ މަސްވެރިކަމަށާއި ދަނޑުވެރިކަމުގެ އިތުރުން ރިސޯޓު މަސައްކަތާއި، ކޮންސްޓްރަކްޝަން މަސައްކަތުގައިވެސް ފާހަގަކޮށްލެވޭ ރަށެކެވެ. މީގެއިތުރުން ފަންގިވިނުމާއި، ރޯނުވެށުން ފަދަ މަސައްކަތްވެސް އެރަށުގައި ކޮށްއުޅެއެވެ. އެހެންކަމުން އެރަށަށް ފޮނުވި އައު ޖަނަރޭޓަރު ސެޓާއެކު އެރަށުގެ ކަރަންޓުގެ ދެމެހެއްޓެނިވިކަން ޔަޤީންވެގެންދާނެކަމަށް އެރަށު ކައުންސިލުން ވިދާޅުވިއެވެ.

ފެނަކަ ކޯޕަރޭޝަނުން ވިދާޅުވީ އެ ދެރަށަށް ޖަނަރޭޓަރު ފޮނުވާފައިވަނީ، އެދެރަށުގައި ކުރިއަށްދާ ކަރަންޓު ކެޕޭސިޓީ އަޕްގްރޭޑުކުރުމުގެ މަޝްރޫޢުގެ ދަށުންކަމަށެވެ. އަދި މިޖަނަރޭޓަރު ސެޓުތައް އިންސްޓޯލްކުރުމުގެ މަސައްކަތް ވަރަށް އަވަހަށްނިންމާލެވޭނެކަމަށްވެސް އެކުންފުނިން ފާހަގަކުރައްވައެވެ.

ފެނަކައިންދަނީ ރަށްރަށުގެ ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް މަސައްކަތްކުރަމުންނެވެ. މިގޮތުން ނިމިދިޔަ 2024 ވަނަ އަހަރު ފެނަކައިންވަނީ ރާއްޖޭގެ 53 ރަށަކަށް 61 ޖަނަރޭޓަރު ސެޓު ފޮނުވާފައެވެ. ފެނަކައިން އަންނަނީ ރާއްޖޭގައި މީހުން ދިރިއުޅޭ 157 ރަށަކަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ.