ޓެކްސް ނިޒާމުގެ ތެރެއިން ޓެކްސް ދާއްކާ ފަރާތްތަކަށްމިހާރު ކުރިމަތިވާ ދަތިތައް ހައްލުކުރުމަށް، އީ-އިންވޮއިސް ނިޒާމެއް ތަޢާރަފް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ، މީރާއިން ވިދާޅުވެއްޖެއެވެ.
މީރާއިން ދަނީ އެ އިދާރާގެ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް ޓެކްސް ދައްކާ ފަރާތްތަކަށް ލުއި ފަސޭހަކަމާއިއެކު ޓެކްސް ދެއްކޭނެ ގޮތް ހެދުމަށް މަސައްކަތް ކުރަމުންނެވެ. ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފާތިމަތު އަމީޒާ ވިދާޅުވީ، މިހާރު މީރާއިން ކުރަމުންދާ އެންމެ މުހިންމު އެއްމަސައްކަތަކީ ހުރިހާ މަސައްކަތްތައް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ކަމަށެވެ. އޮޓޮމޭޓްކޮށް ޑިޖިޓަލައިޒްކުރުމަކީ ނިޒާމު އެންމެ ރަނގަޅަށް ފަސޭހަކަމާއި އެކު ހިންގޭނެ ގޮތް ކަމަށް ދުނިޔޭގެ ގިނަ ޤައުމުތަކުން ބަލައިގަނެފައިވާ ކަމަށާއި މިރާއިންވެސް މަސައްކަތް ކުރަނީ އެފަދަ ނިޒާމެއް ގެނައުމަށް ކަމަށްވެސް ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ވިދާޅުވިއެވެ.
"އަޅުގަނޑުމެން މިހާރު ފަށާފައި މިވަނީ ޑިޖިޓަލް ރޯޑް މެޕެއްގެ ތެރެއިން އީ އިންވޮއިސް ސިސްޓަމެއް ތަޢާރަފްކޮށް އިމްޕްލިމެންޓް ކުރުމުގެ މަސައްކަތް. މި ސިސްޓަމް ތަޢާރަފް ކުރެވުނީމަ ޓެކްސް ދައްކާ ފަރާތްތަކަށް މިހާރު ދިމާވާ ބައެއް ކަހަލަ މައްސަލަތައް ހައްލުކުރެވިގެންދާނެ. ދެން އަޅުގަނޑުމެންގެ މަސައްކަތުގެ ހަލުވިކަން ފެނިގެންދާނެ. ދެ ފަރާތައްވެސް ވަރަށް ފަސޭހަ ގޮތަކަށް މަސައްކަތް ހަމަޖައްސާލެވޭނެ" އަމީޒާ ވިދާޅުވިއެވެ.
މީރާގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ތެރެއިން، މީރާގެ އޮންލައިން ޚިދުމަތްތަކަށް ބަދަލުތައް ދަނީ ގެންނަމުންނެވެ. އޭގެ ތެރެއިން އެންމެ ފަހުން ގެނެވުނު އެއް ބަދަލަކީ ގިނަ ޕޭމެންޓުތަކެއް ހަދަންޖެހޭ ފަރާތްތަކަށް އެއްފަހަރާ ޕޭމެންޓުތައް ހެދޭނެ ގޮތަށް ގެނައި ބަދަލެވެ. މީގެ ކުރިން އެފަރާތްތަކުން ފައިސާ ދައްކަން ޖެހޭނީ ކޮންމެ ބަޔަކަށް ވަކިންނެވެ. މީގެ އިތުރުން ޖީއެސްޓީއަށް އޮންލައިންކޮށް ރަޖިސްޓްރީ ކުރެވޭ ގޮތަށް ދާދި ފަހުން ވަނީ ބަދަލު ގެނެސްފައެވެ.
މީރާއިން ވަނީ ޓެކްސް ދެއްކުމުގައި ލުއިތަކެއް ދިނުމަކީ ޓެކްސް ދައްކާ މިންވަރު އިތުރުވާ ކަމެއްކަން ފާހަގަކޮށްފައެވެ. އަދި މީރާއިން ދީފައިވާ ލުއިތަކާއެކު ދުރާލާ ޓެކްސް ބަޔާންތައް ހުށަހެޅުމަށް ސަމާލުކަން ދިނުމަށް އެއޮތޯރިޓީންވަނީ އިލްތިމާސްކުރައްވާފައެވެ.