ޚަބަރު

އެމްޑަބްލިޔުއެސްސީގެ "އެކުވެރި ރޯދަ 30"ގެ ޕްރޮމޯޝަނުން 3 މީހަކަށް ޢުމްރާ ދަތުރެއް


  • މިއީ ރަމަޟާން މަހާއި ދިމާކޮށް އެ ކުންފުނީގެ ކަސްޓަމަރުންނަށް ޚާއްސަކޮށްގެން ހިންގި ޕްރޮމޯޝަނެއް

މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ، އެމްޑަބްލިޔުއެސްސީއިން "އެކުވެރި ރޯދަ 30"ގެ ނަމުގައި ހިންގި ޕްރޮމޯޝަނުން ޢުމްރާ ދަތުރުގެ ފުރުޞަތު ލިބުނު ފަރާތްތަކަށް އެކަމުގެ ލިޔުން ޙަވާލުކޮށްފިއެވެ. މިދިޔަ ރަމަޟާންމަހު ކުރިއަށްގެންދިޔަ މި ޕްރޮމޯޝަންގެ ތެރެއިން ޢުމްރާ ދަތުރުގެ ފުރުޞަތު 3 ފަރާތަކަށް ވަނީ ދީފައެވެ.

"އެކުވެރި ރޯދަ 30"އަކީ އެމްޑަބްލިޔުއެސްސީގެ 30 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގެ އިތުރުން ރަމަޟާން މަހާއި ދިމާކޮށް އެ ކުންފުނިން ހިންގައިފައިވާ ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަންގައި އެމްޑަބްލިޔުއެސްސީ އެޕް މެދުވެރިކޮށް ފެން ބިލަށް ފައިސާ ދައްކާ ހުރިހާ ޑޮމެސްޓިކް ކަސްޓަމަރުންނަށް ބައިވެރިވުމުގެ ފުރުޞަތު މީގެ ކުރިން ވަނީ ހުޅުވާލައިފައެވެ.

މި ޕްރޮމޯޝަންގައި ޢުމްރާގެ އަޅުކަމުގެ ފުރުޞަތު ލިބުނު ފަރާތްތައް ގުރުއަތުން ހޮވާފައިވަނީ ޓީވީއެމްގެ މިވަގުތު ޕްރޮގްރާމުގައެވެ.

އެމްޑަބްލިޔުއެސްސީގެ ކަސްޓަމަރ ސަރވިސް ބިލްޑިނގގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި އެ ކުންފުނީގެ ޚަރަދުގައި ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް ފުރުޞަތު ލިބުނު 3 މީހުންނާއި، ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު ވަނީ ބައްދަލުކުރައްވައި، އެ މީހުންނަށް ޢުމްރާ ދަތުރު ހަމަޖެހުނުކަމުގެ ލިޔުން ޙަވާލުކޮށްދެއްވައިފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ޢުމްރާ ދަތުރު ލިބުނު ފަރާތްތަކަށް މަތީން ވަނީ މަރުޙަބާ ދަންނަވާ ކާމިޔާބު ދަތުރަކަށް އެދިވަޑައިގެންފައެވެ.

ޢުމްރާ ދަތުރުގެ ފުރުޞަތު ލިބުނު ފަރާތްތައް:

• ޝަމްރޫޒް އިބްރާހީމް / ދަފްތަރު ނަންބަރު ދރ 1672
• މުޙައްމަދު ސަރާޙް / އުދަރެސް، ތ. ތިމަރަފުށި
• ޢަލީ ނާޡިމް / ގ. ރަންދެލިގެ

މި ޕްރޮމޯޝަންގެ ދަށުން ޤުރުއަތުން ހޮވުނު 3 ފަރާތް ޢިއުލާންކުރާ ތާރީޚުން ފެށިގެން އެއް އަހަރުގެ ތެރޭގައި ޢުމްރާ ދަތުރުގެ ބޭނުންކުރައްވަން ވާނެކަމަށާއި، ޢުމްރާ ދަތުރު ލިބުނު ފަރާތްތަކަށް އެ ދަތުރު ބޭނުން ނުކުރެވޭނަމަ، އެހެން މީހަކަށް އެ ދަތުރު ބަދަލުކުރުމުގެ ފުރުޞަތު ދެވިގެންދާނެކަމަށްވެސް އެމްޑަބްލިޔުއެސްސީން ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހާއި ދިމާކޮށް އެމްޑަބްލިޔުއެސްސީއިން ތަފާތު އެކި ހަރަކާތްތައް ކުރިއަށްގެންދަމުންދެއެވެ.

ސަރުކާރުގެ މައި ފެން ކުންފުނި، އެމްޑަބްލިޔުއެސްސީއަށް 30 އަހަރު ފުރިފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ.