ޚަބަރު

9 ދުވަސް ތެރޭ ރާއްޖެއަށް 60،000 އަށްވުރެ ގިނަ ފަތުރުވެރިން


  • މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާ ބަލާއިރު %16.5 އިތުރު

  • އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ ޖުމްލަ 693،949 ފަތުރުވެރިން ޒިޔާރާތްކޮށްފައި

މިމަހުގެ ފުރަތަމަ 9 ދުވަހު ރާއްޖެއަށް 60،000 އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާކަމަށް ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ އޭގެ ކުރީ އަހަރުގެ މި މުއްދަތާ އާޅާބަލާއިރު 16.5 އިންސައްތަ އިތުރު އަދަދެކެވެ.

ފަތުރުވެރިކަމާބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ ފުރަތަމަ 9 ދުވަހު ރާއްޖެއަށް 61،531 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 52،824 ފަތުރުވެރިންނެވެ. މިއީ 16.5 އިންސައްތައިގެ އިތުރުވުމެކެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ 6 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ ޖުމްލަ 693،949 ފަތުރުވެރިން ޒިޔާރާތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 5.7 އިންސައްތަ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 656،828 ފަތުރުވެރިންނެވެ. ރާއްޖެއަށް މިހާރު އެވްރެޖްކޮށް ކޮންމެ ދުވަހަކު 7،010 ފަތުރުވެރިން އާދެއެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. އެޤައުމުން ރާއްޖެއަށް ވަނީ 78،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.

އެންމެ ގިނައިން ފަތުރުވެރިން އައި 5 ޤައުމު

ޗައިނާ – 78،285 ފަތުރުވެރިން
ރަޝިއާ – 75،448 ފަތުރުވެރިން
އިނގިރޭސިވިލާތް – 73،280 ފަތުރުވެރިން
އިޓަލީވިލާތް – 61،524 ފަތުރުވެރިން
ޖަރުމަންވިލާތް – 50،585 ފަތުރުވެރިން

ފަތުރުވެރިކަމާބެހޭ ތަފާސްހިސާބުތައް ދައްކާގޮތުގައި އަހަރުގެ މިހާތަނަށް ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ ތެރެއިން 4 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. އަދި ލައްކައަށްވުރެ ގިނަ ފަތުރުވެރިން ގެސްޓުހައުސްތަކުގައި ޗުއްޓީ ހޭދަކޮށްފައިވާއިރު 20ހާހަށްވުރެ ގިނަ ފުތުރުވެރިން ހޮޓަލްތަކުގައި ޗުއްޓީ ހޭދަކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މިދިޔަ އަހަރު ރާއްޖެއަށް 2 މިލިޔަން ފަތުރުވެރިން ވަނީ ޒިޔާރާތްކޮށްފައެވެ. އަދި މިއަހަރު ނިމުމުގެ ކުރިން 2.3 މިލިޔަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް ސަރުކާރުން އަމާޒު ހިފާފައިވާއިރު، މި އަމާޒު ހާސިލްކުރުމަށް ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް ޕްރޮމޯޓުކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.