ޚަބަރު

މިދިޔަމަހު މީރާއަށް 3.3 ބިލިޔަން ރުފިޔާ، އަންދާޒާއަށްވުރެ %26.2 އިތުރު


  • މިދިޔަ އަހަރުގެ މިމުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %15.1 އިތުރު

  • މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީ

މާރިޗު މަހު މީރާއިން 3.3 ބިލިޔަން ރުފިޔާ ބަލައިގަނެފައިވާ ކަމަށް މޯލްޑިވްސް އިންލަންޑު ރެވެނިއު އޮތޯރިޓީ، މީރާއިން ހާމަކޮށްފިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތު ލިބުނު އާމްދަނީގެ އަދަދާއި އަޅާ ބަލާއިރު %15.1 އިތުރުއަދަދެކެވެ.

މިއަހަރުގެ މާރިޗު މަހު މީރާއަށް އާމްދަނީގެ ގޮތުގައި 3.3 ބިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މިމުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %15.1 އިތުރު އަދަދެކެވެ. އަދި މިއީ މާރިޗު މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ %26.2 އިތުރު އަދަދެއްކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މީރާއިން މަޢުލޫމާތުދޭ ގޮތުގައި، 2025 ވަނަ އަހަރުގެ މާރިޗު މަހުގެ އާމްދަނީ 2024 ވަނަ އަހަރުގެ މާރިޗު މަހާއި އަޅާބަލާއިރު އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ، ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީ އިތުރުވުމުގެ ސަބަބުންނެވެ. މީގެ ސަބަބަކީ 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ޓެކްސް ދެއްކުމުގެ ސުންގަޑި 2025 ވަނަ އަހަރުގެ މާރިޗު މަހުގެ 3 ވަނަ ދުވަހަށް ފަސްކުރެވިފައިވުމެވެ. މިގޮތަށް ފަސްކުރެވިފައިވަނީ އަސްލު ސުންގަޑި ދިމާވެފައިވަނީ ރަސްމީ ބަންދު ދުވަހަކާ ކަމަށްވާތީއެވެ. މީގެ އިތުރުން، ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރުކުރުމުގެ ފީ ލިބުމުގެ ސަބަބުން ވެސް އާމްދަނީ އެކަށީގެންވާ މިންވަރަކަށް އިތުރުވެފައިވެއެވެ.

މާރިޗު މަހު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ މިންވަރާ އަޅާބަލާއިރު އާމްދަނީ އިތުރުވެފައިވަނީ މައިގަނޑު ގޮތެއްގައި މާރިޗު މަހު ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމުގެ ސަބަބުންނެވެ. މިކަމަށް އަސަރުކޮށްފައިވަނީ ފެބްރުއަރީ މަހުގެ ސުންގަޑި 2025 ވަނަ އަހަރުގެ މާރޗް މަހަށް ބަދަލުކުރެވުމާއި، ކުއްޔަށް ދޫކޮށްފައިވާ މުއްދަތު އިތުރުކުރުމުގެ ފީ (އެލްޕީއީއެފް) ލިބުމުގެ ސަބަބުންނެވެ. އެލްޕީއީއެފް ދައްކަނީ ޓެކްސް ދައްކާ ފަރާތްތަކުގެ އަމިއްލަ އިޚްތިޔާރުގައި ކަމަށްވާތީ، އެއީ ވަކި ޝެޑިއުލްއަކާ އެއްގޮތަށް ދައްކާ އެއްޗެއް ނޫނެވެ. މީގެ އިތުރުން، މަހެއްގެ މައްޗަށް ލިބޭ އާމްދަނީގެ 6.9% އަކީ ކުރީގެ ޓެކްސް ސުންގަޑިތަކަށް ދައްކަންޖެހޭ ފައިސާގެ ގޮތުގައި ލިބިފައިވާ އަދަދެވެ. މިކަމުގެ ސަބަބުން ލަފާކުރެވުނު މިންވަރަށްވުރެ މަހެއްގެ މައްޗަށް ލިބުނު އާމްދަނީ އިތުރުވެފައިވެއެވެ.

މިދިޔަ މަހު މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ %57 ނުވަތަ 1.9 ބިލިޔަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައެވެ. އެއީ 384.3 މިލިޔަން ރުފިޔާއެވެ. މީގެ އިތުރުން ގްރީން ޓެކުހުގެ ގޮތުގައި 270 މިލިޔަން ރުފިޔާ، އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 186 މިލިޔަން ރުފިޔާ، ލީޒް ޕީރިއަޑް އެކްސްޓެންޝަން ފީގެ ގޮތުގައި 162.3 މިލިޔަން ރުފިޔާ، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 157 މިލިޔަން ރުފިޔާ ލިބިފައިވެއެވެ.

މިއަހަރުގެ މާރިޗު މަހުގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 174.23 މިލިޔަން އެމެރިކާ ޑޮލަރު ހިމެނެއެވެ.