ޚަބަރު

މުޝްފިގުގެ މަރު ސާބިތު ކުރުމަށް ފަހު، ކަށު ނަމާދުގެ އަންނަ ހުކުރުދުވަހު ބޭއްވުމަށް މަސައްކަތްކުރަނީ


  • ކޯޓް މެދުވެރިކޮށް މަރު ސާބިތު ކުރުމަށް ވަނީ ނިންމާފައި

  • ކަށު ނަމާދު އިސްލާމީ މަރުކަޒުގައި ބާއްވާނެ

މާވަށު ދޯނީގެ ހާދިސާގައި ގެއްލިފައިވާ ޢަލީ މުޝްފިގް މުޙައްމަދު ޝަރީފުގެ މަރު ސާބިތުކުރުމަށްފަހު އަންނަ ހުކުރު ދުވަހު ކަށު ނަމާދު ކުރުމަށް މަސައްކަތްކުރަމުންދާކަަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މިމަހުގެ 2 ވަނަ ދުވަހުގެ ރޭ ހިނގި ހާދިސާގައި ގެއްލުނު ލ. މާވަށު ޢުމުރުން 25 އަހަރުގެ ޢަލީ މުޝްފިގް މުޙައްމަދު ޝަރީފު، ނިޔާވީކަމަށް ނިންމައި ކަށު ނަމާދުކުރުމަށް އެރަށުކައުންސިލުން އިއްޔެ އިޢުލާން ކުރިއެވެ. އެހެން ނަމަވެސް މުޝްފިޤުގެ ކަށު ނަމާދު މިއަދު ނުކުރާކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވިއެވެ.

ވަޒީރު ޑރ. ޝަހީމް ވިދާޅުވީ މުޝްފިޤުގެ ޢާއިލާއާ ވާހަކަ ދައްކާފައިވާކަމަށާއި ހާދިސާއާ ގުޅިގެން އިސްލާމީ ޝަރީޢަތުގައި އޮތް ގޮތައް އަމަލުކޮށް، ކޯޓް މެދުވެރިކޮށް މަރު ސާބިތު ކުރުމަށް ފަހު، ކަށު ނަމާދުގެ ކަންކަން އަންނަ ހުކުރަށް އިންތިޒާމު ކުރެވޭތޯ މަސައްކަތްކުރަމުން ދާކަމަށެވެ. އަދި މުޝްފިޤުގެ ކަށު ނަމާދު އިސްލާމީ މަރުކަޒުގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މުޝްފިޤަކީ ވަރަށް ރީތިކޮށް ޤުރުއާން ކިޔަވާ ހެޔޮ ލަފާ ކުއްޖެއްކަމަށާއި އިމާމުވެ ނަމާދުކޮށް އުޅުނު ނަމޫނާ ޒުވާނެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

"އޭނާ ގެއްލުނު ހާދިސާއަކީ އެ ޢާއިލާގެ އިތުރުން އަޅުގަނޑުމެން އެންމެންނަށް ލިބުނު ހިތާމައެއް. މާތް ﷲ ގެ ރަޙުމަތް ތަނަވަސް ވެގެންވޭ" ވަޒީރު ވިދާޅުވިއެވެ.

ގެއްލުނު މީހަކީ، މީހަކާ އިނދެގެން ނެތް މީހަކު ކަމުގައި ވިޔަސް އޭނާގެ މަރާ މެދު ގޮތް ނިންމަންވާނީ ޤާޟީކަމަށްވުމުން، ކަނޑަށް ވެއްޓި ގެއްލި ހޯދައި ނުފެނިފައިވާ މީހާއާމެދު ގޮތް ނިންމަންވާނީ ޤާޟީކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވެފައިވަނީ ޤާޟީ ގޮތް ނިންމާނީ ގެއްލުނު ޙާލަތުގެ މައްޗަށް ނަޒަރު ހިންގައި ހޯދަންކުރި މަސައްކަތުގެ މައްޗަށް ބަލައި މުޅި މައްސަލައިގެ ހަފަރާތް ބެލުމަށް ފަހުކަމަށެވެ.

އެހެންކަމުން ގެއްލުނު މީހާ މަރުވެފައިވާ ކަމަށް ޤާޟީ ކަނޑައަޅައިފިނަމަ، އޭނާގެ މައްޗަށް ކަށުނަމާދު ކުރެވިދާނެކަމަށާއި، އޭނާގެ މުދާ ވާރިސުންގެ މެދުގައި ބެހޭނެކަމަށެވެސް ވަޒީރު ވިދާޅުވިއެވެ.