ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ވީއޭއެމް ކަޕް 2025 ގައި ވާދަވެރި ކުޅުމަކަށްފަހު ކުލަބު ވެމްކޯއިން މުބާރާތުގެ ދެވަނަ މޮޅު ހޯދައިފިއެވެ.
ޒުވާނުން މަރުކަޒުގެ އެތެރޭ ކޯޓުގައި މިއަދު ހަވީރު ކުޅުނު މެޗު ވެމްކޯ ކާމިޔާބުކުރީ ފްލެކްސަރ ސްޕޯޓްސް ކުލަބާ ވާދަކޮށް 3-1 ސެޓުންނެވެ.
މެޗުގެ ފުރަތަމަ ސެޓު ވެމްކޯ ކާމިޔާބުކުރީ 25-20 އިންނެވެ. އެހެން ނަމަވެސް ޖެހިގެންއައި ސެޓް ފްލެކްސަރ ގެންދިޔައީ 25-22 އިންނެވެ. މެޗުގެ ފަހު ދެ ސެޓު ފެނިގެންދިޔައީ ވަރަށް ވާދަވެރިކޮށެވެ. އެ ދެސެޓު ވެމްކޯ ކާމިޔާބުކުރީ 25-22، 26-24 އިންނެވެ.
މި މެޗުގެ މޮޅުކުޅުންތެރިޔާގެ މަގާމް ހޯދީ ވެމްކޯގެ ޕަތިޔާ ގުއަންގްޖަންއެވެ. ވެމްކޯ ވަނީ މުބާރާތުގެ ކުޅުނު ފުރަތަމަ މެޗުން އަދިގަ މައްޗަށް ކުރިހޯދާފައެވެ.