އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ އިތުރު އަހަރަކު އެމެރިކާގެ އިންޓަރ މަޔާމީގައި މަޑުކުރަން މަޝްވަރާތައް ފަށައިފިއެވެ.
މޭޖަރ ލީގު ސޮކަރ (އެމްއެލްއެސް) ގައި ކުޅެމުން އަންނަ މަޔާމީ އާއެކު 2023 ވަނަ އަހަރު މެސީ ހަދާފައިވާ ކޮންޓްރެކްޓް މި އަހަރުގެ ޖޫން މަހު ހަމަވާނެ އެވެ. އުމުރުން 37 އަހަރުގެ ކުޅުންތެރިޔާ މިހާރު މަޝްވަރާ ކުރަމުންދަނީ އިތުރު އެއް އަހަރަށް މި ކޮންޓްރެކްޓް އައު ކުރުމަށެވެ.
ރެކޯޑް އަދަދެއް ކަމަށްވާ އަށް ފަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވާ މެސީ ކޮންޓްރެކްޓް އައުކޮށްފިނަމަ މަޔާމީގެ އައު ސްޓޭޑިއަމް ހުޅުވާއިރު ކެޕްޓަނެއްގެ ގޮތުގައި ހުންނާނީ އޭނާ އެވެ. އިނގިރޭސި ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމްގެ ބޮޑު ހިއްސާއެއް އޮންނަ ކުލަބުގެ މެޗުތައް މިހާރު ކުޅެމުންދަނީ 19000 މީހުންގެ ސްޓޭޑިއަމެއްގަ އެވެ. ނަމަވެސް 1 ބިލިއަން ޑޮލަރު ހަރަދުކޮށްގެން އެ ކުލަބުން ދަނީ މަޔާމީގެ ފްރީޑަމް ޕާކުގައި 25000 މީހުންގެ ޖާގައިގެ ސްޓޭޑިއަމެއް ބިނާކުރަމުންނެވެ.
އެމެރިކާ ލީގަށް ބަދަލު ވުމަށް ފަހު މެސީ ވަނީ މަޔާމީއަށް ފުރަތަމަ ފަހަރަށް ތައްޓެއް ހޯދައިދީފަ އެވެ. އޭނާ އައުމާއެކު ދުނިޔޭގެ ގިނަ ތަރިން ހާއްސަކޮށް އޭނާއާއެކު ސްޕޭނުގެ ބާސެލޯނާ އަށް ކުޅުނު ގިނަ ތަރިންތަކެއް ވަނީ މަޔާމީ އަށް ކުޅެން ސޮއިކޮށްފަ އެވެ. މީގެ ތެރޭގައި ބާސެލޯނާފެ ކުރީގެ ކެޕްޓަން ސާޖިއޯ ބުސްކެޓްސް އާއި ޑިފެންޑަރު ޖޯޑީ އަލްބާ އާއި ފޯވަޑް އުރުގުއޭގެ ލުއިސް ސުއަރޭޒް ހިމެނެ އެވެ. މީގެ އިތުރުން ޓީމުގެ ކޯޗެއްގެ ގޮތުގައި ވެސް މިހާރު މަސައްކަތް ކުރަނީ ބާސެލޯނާ އަށް ކުޅުނު އާޖެންޓީނާގެ ކުރީގެ ޑިފެންޑަރު އަދި އާޖެންޓީނާގެ ޖޫނިއާ ޓީމުގެ ހެޑް ކޯޗަކަށް އެންމެ ފަހުން މަސައްކަތް ކުރި ހާވިއާ މަޝެރާނޯ އެވެ.
މަޔާމީއަށް މެސީ ބަދަލުވުމާއެކު އެކުލަބަށް ވަނީ މާލީ ގޮތުން ވަރަށް ބޮޑު ކުރިއެރުންތަކެއް ވެސް ލިބިފަ އެވެ.