ޚަބަރު

ލެގަނޭސް ބަލިކޮށް ބާސެލޯނާއަށް ހަތް ޕޮއިންޓުގެ ލީޑެއް


ސްޕެނިޝް ލީގުގައި ރޭ ލެގަނޭސްއާ ދެކޮޅަށް ކުޅުނު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ތާވަލުގެ ކުރީގައި ހަތް ޕޮއިންޓުގެ ލީޑެއް ބާސެލޯނާއިން ހޯދައިފިއެވެ.

ރެލިގޭޝަނުގެ ބިރު ހީވެފައިވާ ލެގަނޭސްއާ ދެކޮޅަށް ކުޅުނު މި މެޗުން ބާސެލޯނާ މޮޅުވެފައިވާއިރު، އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 31 މެޗުން 70 ޕޮއިންޓް ލިބިފަ އެވެ. ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް އެއް މެޗު މަދުން ކުޅެގެން ލިބިފައިވަނީ 63 ޕޮއިންޓެވެ. އަދި މި މެޗުން ބަލިވި ލެގަނޭސް 31 މެޗުން ލިބިފައިވާ 28 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 19 ވަނައިގަ އެވެ.

ބާސެލޯނާ އިން މި މެޗު ކޮންޓްރޯލް ކޮށް އިދިކޮޅު ޓީމުގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލަތަކެއް ފޮނުވާލި ނަމަވެސް އެ ޓީމަށް ވަނީ ލެގަނޭސްގެ ގޯލު ފޫއަޅުވާލެވޭ ގޮތް ނުވެފަ އެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑަކީ މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ތިންވަނަ މިނިޓުގައި ލެގަނޭސްގެ ޑިފެންޑަރ ޖޯޖް ސައެންޒް އަތުން ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ. މި ލަނޑަކީ ރަފީނިއާ ނަގައިދިން ހުރަހެއް އޭރިޔާ ތެރެއިން ސާފުކޮށްލަން އުޅުމުގެ ތެރޭގައި ބައިކޮޅަށް ވަދެފައިވާ ލަނޑެކެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުގައި މިދިޔަ ހަފްތާގައި ބޮރޫޝިޔާ ޑޯޓްމުންޑާއި ދެކޮޅަށް ނިކުތް ޓީމުން ދެ ބަދަލެއް މި މެޗުގައި ފެނުނު ނަމަވެސް އެ ޓީމަށް ވަނީ ލެގަނޭސްގެ ޑިފެންސް ލައިން ފޫއަޅުވާ ލެވޭ ގޮތް ނުވެފަ އެވެ.

ސްޕެނިޝް ލީގުގައި މިރޭ ވާދަވެރި ރެއާލް މެޑްރިޑް ކުޅޭ މެޗުން އެ ޓީމު މޮޅުވެއްޖެނަމަ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު އަނެއްކާވެސް ހަތަރު ޕޮއިންޓަށް ކުޑަވެގެންދާނެ އެވެ.