ވަގުފުގެ މަސައްކަތްތަކަށް މަގުފަހިކޮށްދެއްވާ، އެފަދަ މަޝްރޫޢުތައް އަވަސްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކޮށްދެއްވާ މަސައްކަތަކީ މިދާއިރާއަށް އެމަނިކުފާނު ދެއްވާ އަހަންމިއްޔަތު ހާމަވާކަމެއްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، އެތައް އަހަރެއް ވަންދެއް ހުއްޓިފައި އޮތް ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވަގުފު އިމާރާތުގެ މަސައްކަތް ސަރުކާރުގެ އެހީތެރިކަމާއި އެއްބާރުލެއްވުމާއެކު ފެށުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ވަޒީރު ޝަހީމުވަނީ އައިޔޫއެމްގެ ސަނާބިލް މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ދަންނަވާފައެވެ. އަދި މިކަމުން ދޭހަވަނީ ރައީސްގެ މެނިފެސްޓޯގައި ކަނޑައަޅުއްވާފައިވާ ވަގުފު މަޝްރޫޢުތަކަށް ދެއްވާ އަހައްމިއްޔަތުކަންކަމަށް ވިދާޅުވިއެވެ.
ފައިސާ ނުލިބި މަސައްކަތް ނުފެށި އެތައް އަހަރެއް ލަސްވެފައި އޮތް މިމަޝްރޫޢަށް ރައީސްގެ ވެރިކަމުގައި އަހައްމިއްޔަތުކަން ދެއްވައި ބީއެމްއެލް އިސްލާމިކުން ފައިސާ ހަމަޖެހި ޢަމަލީ މަސައްކަތް ފެށިގެން ގޮސްފައިވާތީ ވަޒީރުވަނީ އައިޔޫއެމްއަށާއި ބީއެމްއެލް އިސްލާމިކަށްވެސް ތަހުނިޔާ ވިދާޅުވެފައެވެ.
އައިޔޫއެމްގެ ސަނާބިލް މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެއްޓެވުމުގެ މުނާސަބަތުގައި ރައީސް @MMuizzu ޑރ. މުއިއްޒަށް މަރުޙަބާ ދަންނަވަން. ރައީސްގެ މެނިފެސްޓޯގައި ކަނޑައަޅުއްވާފައިވާ ވަޤުފު މަޝްރޫތަކަށް ދެއްވާ އަހައްމިއްޔަތުކަން ފެނިގެން މިދަނީ. pic.twitter.com/VJOibKXNXZ
— Mohamed Shaheem Ali Saeed (@Mohamedshaheem1) April 12, 2025
ވަގުފު ފަންޑަކީ، އެކަމަށް ބިނާކުރާ އިމާރާތްތައް ކުއްޔައްދީގެން ލިބޭ ފައިސާ، ދީނީ ކަންކަން ހަރުދަނާކުރުމަށް ޚަރަދުކުރަން ކަނޑައަޅާ ނިޒާމެކެވެ.
ރާއްޖޭގައި މިވަގުތު ވަގުފު އިމާރާތުގެ ގޮތުގައި ބޭނުންކުރަމުންދަނީ 2017ވަނަ އަހަރު، ޑރ.ޝަހީމް އޭރުގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުގެ ގޮތުގައި ހުންނަވާ ބިނާކުރެއްވި "ދާރުލް އީމާން" އިމާރާތެވެ. އޭގެފަހުން އައި ވެރިކަމުގައި މި ދާއިރާގެ ކުރިއެރުމަށް އެއްވެސް މަސައްކަތެއް ކޮށްފައެއް ނެތެވެ.
ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން، ވަގުފުގެ ދާއިރާ ކުރިއެރުވުމުގެ މަސައްކަތް އަލުން ފެއްޓެވުމަށް މެނިފެސްޓޯގައި ހިމަނުއްވާ އޭގެ ޢަމަލީ މަސައްކަތްތައް މިވަނީ ފައްޓަވާފައެވެ. އެގޮތުން މާލެ ސަރަޙައްދުގައި ވަގުފުގެ 200 މިލިއަން ރުފިޔާގެ ބޮޑު މަޝްރޫޢެއް ފެއްޓެވުމަށް ނިންމަވާފައިވާއިރު، އަތޮޅުތަކުގައި އަޅާ ވަގުފުގެ ފުރަތަމަ އިމާރާތުގެ މަސައްކަތްވެސް މިހާރު ވަނީ ހަވާލުކޮށްފައެވެ.
ސަރުކާރުގެ ވަގުފު މަޝްރޫޢުގެ ދަށުން އަތޮޅުތެރޭގައި ގާއިމުކުރެވޭ ފުރަތަމަ ވަގުފު ޢިމާރާތް ހދ.ނެއްލައިދޫގައި ތަރައްޤީކުރުމަށް ނިންމަވާ އޭގެ މަސައްކަތްވަނީ ހަވާލުކޮށްފައެވެ. މިމަޝްރޫޢުގެ ދަށުން ނެއްލައިދޫގައި މަސްވެރިކަމާ ގުޅޭ މަސައްކަތް ކުރުމަށް، ކުއްޔަށް ދޫކުރުމަށް 10 އައުޓްލެޓް ތަރައްޤީކުރެއެވެ.
މިގޮތަށް ނިންމާފައިވަނީ ވަގުފު އިމާރާތް އެޅުމަށް ޕްރޮޕޯސަލް ހުށައެޅުމަށް ރާއްޖޭގެ ހުރިހާ ކައުންސިލްތަކަށް ސަރުކާރުން ހުޅުވާލި ފުރުޞަތުގައި ލިބުނު ޕްރޮޕޯސަލްތަކަށް ބެލުމަށް ފަހުއެވެ. އެގޮތުން ވަގުފުގެ ޢިމާރާތް ތަރައްޤީކުރުމަށް ހުޅުވާލި ފުރުސަތުގައި 14 ރަށު ކައުންސިލާއި، 10 އަތޮޅު ކައުންސިލާއި ސިޓީ ކައުންސިލުން ޕްރޮޕޯސަލް ހުށައަޅާފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އައްޑޫ ސިޓީގައިވެސް ވަގުފު އިމާރާތެއް އެޅުމަށް ނިންމާފަވާކަން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ހާމަކުރައްވާފައިވެއެވެ.
މާލޭގައި މިހާރު ހުންނަ ދާރުލް އިމާން އިމާރާތުން އަހަރަކު 6 މިލިއަން ރުފިޔާ ވަގުފު ފަންޑަށް ލިބެއެވެ. އަދި މާލެ ސަރަޙައްދުގައި ހިންގަން ނިންމާފައިވާ ބޮޑު މަޝްރޫޢުގައި އަހަރަކު 30 މިލިއަން ރުފިޔާ ފަންޑަށް ލިބޭނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.