ޚަބަރު

ސީ-ޓު-އެއަރ ކާރގޯ ޚިދުމަތް ހޯދާ މިންވަރު 300 އިންސައްތަ ވަނީ އިތުރުވެފައި: އެމްއޭސީއެލް


  • ސީ-ޓު-އެއަރ ކަރގޯ ޚިދުމަތާއެކު ކާރގޯގެ ޚިދުމަތް ބޮޑުތަނުންވަނީ ފުޅާވެފައި

  • ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތާއި 12 އެއަރލައިނަކުންވަނީ ގުޅިފައި

ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތް ހޯދާ މިންވަރު 300 އިންސައްތަ އިތުރުވެފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން ވިދާޅުވެއްޖެއެވެ. އެކުންފުނިން މިހެން ވިދާޅުވެފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓައް 59 އަހަރު ފުރުމާއި ގުޅިގެން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

ސީ-ޓު-އެއަރ ކަރގޯ ޚިދުމަތަކީ އެމްޕީއެލް މެދުވެރިކޮށް ކަނޑުމަގުން ގެންނަ މުދާ ރައްކާތެރިކަމާއެކު ބޭނުންވާ މަންޒިލަށް ވައިގެ މަގުން އަވަހަށް ފޯރުކޮށްދިނުމަށް، އެމްއޭސީއެލް އާއި، އެމްޕީއެލް ގުޅިގެން ފަށާފައިވާ ޚިދުމަތެކެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަމުން އެއިރޯޑްރޯމް މެނޭޖްމަންޓު ޑިޕާޓްމަންޓް އަދި ކަރގޯ ޑިޕާޓްމަންޓުގެ ހެޑް ސީނިއަރ ޖެނެރަލް މެނޭޖަރ މަހްމޫދާ ޝަރީފް ވިދާޅުވީ މީގެކުރިން ކަރގޯގެ ޚިދުމަތް ދެމުންދިޔައީ ވަރަށް ކުޑަ ޖާގައެއްގައިކަމަށެވެ. އެހެންނަމަވެސް އިންޕޯޓް އަދި އެކްސްޕޯޓްގެ ޚިދުމަތް ނިއު ޓާރމިނަލަށް ބަދަލުކުރުމާއި ގުޅިގެން 3 ގުނަ ޖާގަ ލިބިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

މަހްމޫދާ ވިދާޅުވީ މިދިޔަ އަހަރު ތަޢާރަފްކުރި ސީ-ޓު-އެއަރ ކަރގޯ ޚިދުމަތާއެކު ކަރގޯގެ ޚިދުމަތް ވަރަށް ބޮޑުތަނުން ފުޅާވެގެން ގޮސްފައިވާކަމަށެވެ. އެގޮތުން ޚިދުމަތް ފެށިތާ އަހަރެއް ނުވަނީސް ޚިދުމަތް ހޯދާ މިންވަރު 300 އިންސައްތަ އިތުރުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ ނަސީބުވެސް ވަރަށް ރަނގަޅު. މި އޭރިޔާގައި އަޅުގަނޑުމެން މިތިބީ ވަރަށް ޔުނިކް ޕޮޒިޝަނެއްގައި. އެއާއި ވިއްދައިގެން އަޅުގަނޑުމެންގެ ނެއިބަރިން ގައުމުގައި ހުރި ދަތިތަކާއެކު އަޅުގަނޑުމެންނަށް ވަރަށް ފައިދާވޭ. ބަންގްލަދޭޝް ކޮލަމްބޯ ތަންތަނުން އަޅުގަނޑުމެން ކަނޑުގެ މަގުން ގެނެސްދެން. އަޅުގަނޑުމެން އެބަހުރި ކެޕޭސިޓީ އަޅުގަނޑުމެންގެ ސްޓޭންޑަޑްތައް މި ހުރީ އީޔޫއާރް 3ގެ ސްޓޭންޑަރޑަށްކަން އަޅުގަނޑު ފާހަގަކޮށްލަން. ޔޫރަޕްގެ ޤައުމުތަކަށް ޑައިރެކްޓްލީ ފޮނުވާލެވޭ. އެއީ އެއް އެޑްވާންޓޭޖް އެހެން ގައުމުތަކުގައި ނެތް" މަހުމޫދާ ވިދާޅުވިއެވެ.

މަހްމޫދާ ވިދާޅުވީ މުސްތަގްބަލުގައި ކަރގޯގެ ޚިދުމަތަކީ ފުޅާވެގެން ދާނެ ޚިދުމަތެއްކަމަށާއި އިތުރު ޚިދުމަތްތައްވެސް ޤާއިމްވެގެންދާނެކަމަށެވެ. އަދި ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭގޮތަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވެފައިވާ، ފުރިހަމަ ޚިދުމަތްތަކެއް ކަސްޓަމަރުންނަށް ދިނުމަށް އެކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެގޮތުން މިދިޔަ އަހަރު ހުޅުވުނު ކަރގޯ ޓާމިނަލަކީ މިފަދަ ގިނަ ޚިދުމަތްތަކެއްދެވޭ ފެންވަރަށް ތަރައްޤީކޮށްފައިވާ ޓާމިނަލެއް ކަމަށް އެމްއޭސީއެލްއިން ފާހަގަކުރައްވައެވެ

ސ-ީޓު-އެއަރ ކަރގޯގެ ޚިދުމަތާއެކު ވެލާނާ އެއަރޕޯޓުން ދެމުންދާ ކަރގޯގެ ޚިދުމަތްވަނީ އިތުރަށް ފުޅާވެގެންގޮސްފައެވެ. އަދި ދުނިޔޭގެ ކަރގޯ ކަނެކްޓިވިޓީ ލޮޖިސްޓިކްސް ޗެއިންގައި އެއެއަރޕޯޓުގެ ހިއްސާ އޮތުމަކީ ރާއްޖޭގެ އިޤްތިޞާދަށް އެމްއޭސީއެލްގެ ހިއްސާ އިތުރަށް ވަރުގަދަ ވާނެ ކަމެއް ކަމަށް އެކުންފުނިން ވިދާޅުވެއެވެ.

ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތާ މިހާރުވެސް 12 އެއަރލައިނަކުން ވަނީ ގުޅިފައެވެ.