ގުޅިގެން މަސައްކަތް ކުރުމާއި ގުޅޭ މަޝްވަރާ ބައްދަލުވުންތަކެއްގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލު ބައިވެރިވެވަޑައިގެންފިއެވެ. މި ބައްދަލުވުންތައް ބާއްވާފައިވަނީ ތުރުކީވިލާތުގެ އަންތާލިޔާގައި ކުރިއަށްދާ ޑިޕްލޮމެސީ ފޯރަމުގެ ހަވާސާގެ ތެރެއިންނެވެ.
އަންތާލިޔާގައި މިމަހުގެ 11 އިން 13 އަށް ކުރިއަށްދާ ޑިޕްލޮމެސީ ފޯރަމުގައި ޚާރިޖީ ވަޒީރު ޑރ. ޚަލީލު ދަނީ ބައިވެރިވެވަޑައިގަންނަވަމުންނެވެ. މި ފޯރަމުގައި ސެޝަންތަކުގައި ބައިވެރިވެވަޑައިގަތުމުގެ އިތުރަށް، އެ ފޯރަމުގައި ބައިވެރިވާ އެހެން ޤައުމުތަކުގެ ޚާރިޖީ ވަޒީރުންނާއި ޚާރިޖީ ވަޒީރު ދަނީ ބައްދަލުކުރައްވަމުންނެވެ.
މީގެ ތެރެއިން 4 ބައްދަލުވުމެއް ހޮނިހިރު ދުވަހު ވަނީ ބާއްވާފައެވެ. ވަޒީރު ޑރ. ޚަލީލު ފުރަތަމަ ބައްދަލުކުރައްވާފައިވަނީ ގެމްބިއާގެ ޚާރިޖީ ވަޒީރު ޑރ. މަމަޑޫ ތަންގަރާއާއިއެވެ. މި ބައްދަލުވުމުގައި ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށާއި، ބައިނަލްއަޤްވާމީ މައިދާނުގައި އެކުގައި މަސައްކަތް ކުރައްވުމަށް ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.
ޚާރިޖީ ވަޒީރު ދެން ބައްދަލުކުރައްވާފައިވަނީ އެންގޯލާގެ ޚާރިޖީ ވަޒީރު އެމްބެސެޑަރ ޓެޓޭ އެންޓޯނިއޯއާއެވެ. މި ބައްދަލުކުރެއްވުމުގައިވެސް މަޝްވަރާކުރައްވާފައިވަނީ ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށާއި، ބައިނަލްއަޤްވާމީ މައިދާނުގައި އެކުގައި މަސައްކަތް ކުރުމަށެވެ.
ތުރުކީވިލާތުގެ އަންތާލިޔާގައި ބޭއްވި ބައްދަލުވުންތަކުގައި ވަޒީރު ޑރ. ޚަލީލު ގާނާގެ ޚާރިޖީ ވަޒީރު ސަމުއެލް އެކުޖެޓޫ އަބްލަކްވާއާއި ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ގާނާއާއި ރާއްޖެ ދެމެދު ގުޅުން ބަދަހިކުރުމަށް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި މޫސުމީ ބަދަލުތަކަށް ވިލުންތެރިކަން އިތުރުކުރުމަށާއި، ދެމެހެއްޓެނިވި ފަތުރުވެރިކަން އަދި ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް ވަނީ މަޝްވަރާކުރައްވާފައެވެ.
ދުވަހުގެ ފަހު ބައްދަލުވުމަކަށް، ޚާރިޖީ ވަޒީރު ވަނީ އަޒަރުބައިޖާނުގެ ޚާރިޖީ ވަޒީރު ޖޭހުން ބައިރަމޮވްއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި މައިގަނޑުގެ ގޮތެއްގައި މަޝްވަރާކޮށްފައިވަނީ ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށާއި، ދެ ޤައުމުގެ ދެމެދުގައި އިޤްތިޞާދީ ގުޅުންތައް ވަރުގަދަކުރުމަށެވެ.
ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅުގެ ތެރެއިން ހުކުރުދުވަހު ތުރުކީވިލާތުގެ ބައެއް ވަޒީރުންނާއި، ހަންގޭރީ ޚާރިޖީ ވަޒީރު ޕީޓާ ސިއަރޓޯއާއި ބައްދަލުކުރައްވާފައިވެއެވެ.