ޚަބަރު

ގަރާޖުކުރުމުގެ ހުއްދަ ނެތި އުޅަނދު އެތެރެ ނުކުރެވޭ ގޮތަށް ޤަވާއިދު އިސްލާޙުކޮށްފި


  • މި ގޮތަށް ޢަމަލުކުރަން ފަށާނީ މިއަދުން ފެށިގެން 3 މަސް ދުވަސް ފަހުން

ހަތަރު ފުރޮޅުލީ އުޅަނދުތައް ގަރާޖުކުރުމުގެ ހުއްދަ ނެތި ރާއްޖެއަށް އެތެރެ ނުކުރެވޭ ގޮތަށް އެއްގަމު އުޅަނދު ރަޖިސްޓަރީކުރުމުގެ ޤަވާއިދު އިސްލާހުކޮށްފިއެވެ.

ދަތުރު ފަތުރާ ބެހޭ ވުޒާރާއިން މިއަދު އާންމުކުރި އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދު ރަޖިސްޓަރީކުރުމުގެ ގަވާއިދަށް 6ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދުގައިވާ ގޮތުން ރަޖިސްޓްރީކުރާ އެއްގަމު އުޅަނދުގެ ތެރެއިން 2 ފުރޮޅުލީ އެއްގަމު އުޅަނދު ފިޔަވައި އެހެން ހުރިހާ އުޅަނދެއް ރާއްޖެ އެތެރެކުރުމުގެ ކުރިން އެއުޅަނދެއް ރާއްޖެއަށް އެތެރެކުރުމުގެ ޙުއްދަ ދަތުރުފަތުރާ ބެހޭ ވުޒާރާއިން ނަގަންވާނެއެވެ. އެ ގޮތުން ނަގަންޖެހޭ ހުއްދަތަކުގެ ތެރޭގައި އެތެރެކުރާ އުޅަނދު ގުދަންކުރުމަށް ހަމަޖެހިފައިވާ ގަރާޖުގެ ނުވަތަ ޝޯރޫމުގެ ނުވަތަ ގުދަނުގެ ހުއްދައިގެ ކޮޕީއެއް ހުށައަޅަންޖެހޭނެއެވެ. ކުރިން މި ހުއްދަ ހުށައަޅާކަށް ނުޖެހޭނެއެވެ.

މީގެ އިތުރުން އެތެރެކުރާ އުޅަނދު ބާއްވާ ތަނަކީ ކަމާބެހޭ އިދާރާއިން ހުއްދަދީފައިވާ ތަނަކަށްވާންޖެހެނެ ކަމަށްވެސް އައު އިސްލާހުގައި ބަޔާންކޮށްފައިވެއެވެ. އަދި އެ ތަނެއްގައި އުޅަނދު ބޭއްވޭނެ ޖާގަ އޮތްކަން ވުޒާރާއިން ނުވަތަ ވުޒާރާއިން ކަނޑައަޅުއްވާ ފަރާތަކުން ކަށަވަރު ކުރަންވާނެކަމަށްވެސް ބަޔާންކުރެއެވެ.

މި ގަވާއިދުގައި ރާއްޖެއަށް އެތެރެކުރެވޭ އުޅަނދުތަކުގެ ތަފްޞީލުވެސް ބަޔާންކޮށްފައެވެ. އެ ގޮތުން 250 ކިއުބިކް ސެންޓިމީޓަރު ނުވަތަ އެއަށްވުރެ ދަށުގެ މޮޓޯ ސައިކަލާއި އޮޓޯ ސައިކަލު ރާއްޖެ އެތެރެކުރުން މަނާކޮށްފައިވެއެވެ. އަދި އުފެއްދި ތާރީޚުން ފެށިގެން 3 އަހަރު ދުވަހަށްވުރެ ގިނަ ދުވަސްވެފައިވާ މޮޓޯ ސައިކަލާއި އޮޓޯ ސައިކަލުވެސް ރާއްޖެ އެތެރެކުރުން މިހާރު ވަނީ މަނާކޮށްފައެވެ.

ހަމައެއާއެކު އުޅަނދު އުފުލޭ ބަރުދަން ހުންނަ މިންވަރަށް ރިޢާޔަތްކޮށް އެ އުޅަނދެއް އުފެއްދި ތާރީޚުން ފެށިގެން ވަކި މުއްދަތެއް ވެފައިވާ އުޅަނދުތައްވެސް ރާއްޖެ އެތެރެކުރުން މަނާކޮށްފައިވެއެވެ. ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމާ ގުޅިގެން މިހާރު ވަނީ މި ޤަވާއިދަށް ޢަމަލުކުރަން ފަށާފައެވެ.

ނަމަވެސް އުޅަނދެއް އެތެރެކުރަން ހުއްދަ ނަގާއިރު، އެތެރެކުރާ އުޅަނދު ގުދަންކުރުމަށް ހަމަޖެހިފައިވާ ތަނުގެ ކޮޕީ ހުށައަޅަންޖެހޭ ބަޔަށް ޢަމަލުކުރަން ފަށާނީ މިއަދުން ފެށިގެން 90 ދުވަސް ފަހުންނެވެ.

ސަރުކާރުން ވަނީ މާލެ ސަރަހައްދުގައި އުޅަނދުތައް ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ފަށްޓަވާފައެވެ. އެ ގޮތުން 2 ފުރޮޅަށްވުރެ ގިނަ ފުރޮޅުލީ އުޅަނދު ރަޖިސްޓްރީކޮށްދިނުމުގެ ކުރިން އެ އުޅަނދެއް ބޭއްވޭނެ ގަރާޖެއް އޮންނަންޖެހޭ ގޮތަށް ގަވާއިދު ވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހު ބަދަލުކޮށްފައެވެ.