ޚަބަރު

ޖަނަވަރީ 2007 އިން ފެށިގެން އުފަންވެފައިވާ ކުދިންނަށް ދުންފަތް މަނާ ކުރުމަށް ނިންމަވައިފި


  • އެ އުމުރުގެ ކުދިންނަށް ދުންފަތް މަނާކުރާނީ އަންނަ ނޮވެމްބަރު މަހުން ފެށިގެން

  • ޤާނޫނަށް އަމަލުކުރުމަށް 6 މަސްދުވަހުގެ މުއްދަތެއް ދޭނެ

2007ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ ކުދިންނަށް އަންނަ ނޮވެމްބަރު މަހުން ފެށިގެން ރާއްޖޭގައި ދުންފަތް މަނާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

މިގޮތަށް ނިންމަވާފައިވަނީ މިއަދު ކުރިއަށްދިޔަ ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ސިއްޙީ ވުޒާރާއިން ހުށަހަޅުއްވާފައިވާ ކަރުދާހާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހުއެވެ.

ވަޒީރުންގެ މަޖިލީހުގެ މަޝްވަރާއާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވަނީ 2007ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާ ކުދިންނަށް ދުންފަތް އެއްކޮށް މަނާ ކުރުމަށެވެ. ރާއްޖެއަށް ދިމާވެފައިވާ ދުންފަތުގެ މައްސަލަ ހައްލުކުރުމަށް "ޖެނެރޭޝަނަލް ބޭން"އެއް ނުވަތަ ވަކި އުމުރުފުރާއަކަށް ޚާއްސަ ބޭންއެއް ކަނޑައެޅުއްވުން މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިންވެސް ވަނީ ވިދާޅުވެފައެވެ.

ދިވެހިރާއްޖޭގައި ދުންފަތުން ރައްކާތެރިކުރެވިފައިވާ ޖީލެއް ބިނާކުރެއްވުމަށް އުމުރުފުރާއަކަށް ހާއްސަކޮށްގެން ބޭނެއް ގެނައުމުގެ އިތުރުން އެ ބޭން ބޭން ތަންފީޒުކުރުމަށް ޤާނޫނާއި ގަވާއިދުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމަށްޓަކައި، ތަންފީޒީ އިދާރާތަކުން ކުރަންޖެހޭ ކަންކަން ކުރުމަށްވެސް ވަޒީރުންގެ މަޖިލީހުގައިވަނީ ނިންމަވާފައެވެ. އެގޮތުން ޤާނޫނަށް އިޞްލާޙު ގެނެސް ތަޞްދީޤުކުރާ ތާރީޚުން ފެށިގެން ޤާނޫނަށް ޢަމަލުކުރުމަށް 6 މަސްދުވަހުގެ މުއްދަތެއް ދެއްވުމަށް ވަނީ ނިންމަވާފައެވެ.

ޤާނޫނަށް އަމަލުކުރުމަށް 6 މަސްދުވަހުގެ މުއްދަތެއް ދޭން ނިންމަވާފައިވާއިރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވާ ގޮތުގައި އެ މުއްދަތު ހަމަވާނީ، 1 ނޮވެންބަރު 2025ގައެވެ. އެހެންކަމުން އެ ތާރީހުން ފެށިގެން އެ ޤާނޫނަށް އަމަލުކުރަން ފަށާނެއެވެ.

މީގެ އިތުރުން، ޓޮބޭކޯ ސިޒޭޝަންގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށްޓަކައި، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ އިން މިނިސްޓްރީ އޮފް ހެލްތަށް ދޭންޖެހޭ އެއްބާރުލުން ދިނުމަށްވެސް ވަޒީރުންގެ މަޖިލީހުގައި ވަނީ ނިންމަވާފައެވެ.