ސްޕެނިޝް ލީގުގައި ރޭ ޑިޕޯޓިވޯ އަލަވޭސްއާ ދެކޮޅަށް ކުޅުނު މެޗުން 1-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް މޮޅުވެއްޖެ އެވެ.
ރަށުން ބޭރުގައި ރެއާލް މެޑްރިޑް ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 34 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އެޑުއާޑޯ ކަމަވިންގާ އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ އޭރިޔާ ބޭރުން ފޮނުވާލި ހިތްގައިމު ބޯޅަ އަކުންނެވެ.
ސްޕެނިޝް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން, ރެއާލް މެޑްރިޑުން މި މެޗުގައި ލަނޑު ޖަހާ ލީޑު ނެގިތާ ހަތަރު މިނިޓު ފަހުން އެ ޓީމުގެ ފޯވަޑް ކިލިއަން އެމްބާޕޭ އަށް ރެފްރީ ވަނީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފަ އެވެ. މިއީ އޭނާ ރެއާލް މެޑްރިޑާއި ގުޅުނު ފަހުން އޭނާއަށް ދެއްކި ފުރަތަމަ ރަތް ކާޑެވެ.
އަލަވޭސްގެ އެންޓޯނިއޯ ބްލެންކޯ އަށް ކުރި ފައުލަކާއި ގުޅިގެން ފުރަތަމަ ރީނދޫ ކާޑެއް ދެއްކި ނަމަވެސް ވީޑިއޯ ބެލުމަށްފަހު ރެފްރީ ވަނީ އެ ނިންމުން ބަދަލުކޮށް ރަތް ކާޑެއް ދައްކާފަ އެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގުގައި މި ހަފްތާގައި އާސެނަލް އާއި ދެކޮޅަށް ކުޅެން ޖެހޭ މެޗުގެ މުހިންމުކަން ބޮޑުކަމުން ކޯޗު ކާލޯ އަންޗެލޮޓީ މި މެޗު ފަށާފައިވަނީ ވިނިޝިއަސް ޖޫނިއަރ އާއި ޖޫޑް ބެލިންހަމް ފުރަތަމަ ޓީމުގައި ނުހިމަނައެވެ.
އެއް ކުޅުންތެރިއަކު މަދުކޮށް ރެއާލް މެޑްރިޑުން ކުޅެމުންދިޔައިރު އެކަމުގެ ފައިދާ ނަގާ އަލަވޭސްއިން ވަނީ ރަގަޅު ކުޅުމެއް ދައްކާ ގިނަ ހަމަލަތަކެއް ރެއާލްގެ ގޯލަށް އަމާޒުކޮށްފަ އެވެ. އެގޮތުން ރެއާލް މެޑްރިޑްގެ ކީޕަރު ތިބައޫ ކޯޓުއާއަށް ވަނީ ނުރައްކާތެރި ހަ ހަމަލައެއް ދިފާއުކުރަން ޖެހިފަ އެވެ.
މި މެޗުގެ 70 ވަނަ މިނިޓުގައި އަލަވޭސްގެ މާނޫ ސަންޗޭޒް އަށްވެސް ވަނީ ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލާފަ އެވެ.
މި ނަތީޖާ އާއިއެކު ރެއާލް މެޑްރިޑަށް ވަނީ 31 މެޗުން ލިބިފައިވާ 66 ޕޮއިންޓާއެކު އެއްވަނައިގައި އޮތް ބާސެލޯނާ އާއި ދެމެދުވާ ފަރަގު ހަތަރު ޕޮއިންޓަށް ކުޑަވެފަ އެވެ. އަލަވޭޒް އަށް ލިބިފައިވާ 30 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 17 ވަނައިގަ އެވެ.
އަންނަ ހަފްތާގެ އާދީއްތަ ދުވަހު އެތްލެޓިކް ބިލްބާއޯ އާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅޭ މެޗުގައި ކިލިއަން އެމްބާޕޭ އަށް ސަސްޕެންޝަނުގެ ސަބަބުން ނުކުޅެވޭނެ އެވެ. އަދި މެއި 11 ވަނަ ދުވަހު ބާސެލޯނާ އާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅޭ މެޗުން ލީގު ޗެމްޕިއަންކަން ހޯދާ ޓީމެއް ކަށަވަރުވެގެންދާނެ އެވެ.