ޚަބަރު

ތަރައްޤީގެ މަޝްރޫޢުތަކަށް ސަޢޫދީ ފަންޑުން މިހާތަނަށް 488 މިލިޔަން ޑޮލަރުގެ އެހީ


  • 14 މަޝްރޫއެއް ކުރިއަށްގެންދިއުމަށްޓަކައި މިހާތަނަށް 17 ލޯނު ވަނީ ދޫކޮށްފަ

ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް ސަޢޫދީ ފަންޑުން މިހާތަނަށް 488 މިލިޔަން ޑޮލަރުގެ ލޯނު އެހީ ދީފައިވާކަމަށް އެ ފަންޑުގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ސީއީއޯ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މުރްޝިދު ވިދާޅުވެއްޖެއެވެ.

ސަޢޫދީ ފަންޑުގެ ސީއީއޯ މިހެން ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް މަޝްރޫޢުގެ ދެވަނަ އެޑިޝަނަލް ލޯނުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރާއި، ސަޢޫދީ ފަންޑް ފޯ ޑިވެލޮޕްމެންޓާއިއެކު ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސަޢޫދީ ފަންޑުގެ ސީއީއޯ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މުރްޝިދު ވިދާޅުވީ، ސަޢޫދީ ފަންޑުން ރާއްޖެއަށް އެންމެ ފުރަތަމަ ދިން ލޯނަކީ 1978 ވަނަ އަހަރު މާލޭ ވައިގެ ބަނދަރު ތަރައްޤީކުރުމަށް ދިން ލޯނެއް ކަމަށެވެ. އަދި މިވީ މުއްދަތުގައި ސަޢޫދީ ފަންޑުން ރާއްޖެއަށް 17 ލޯނެއް ދޫކޮށްފައިވާކަމަށެވެ.

ސީއީއޯ އަލް މުރްޝިދު ވިދާޅުވީ، ސަޢޫ ދީފަންޑުން މިހާތަނަށް ދޫކޮށްފައިވާ 17 ލޯނަކީވެސް ތަފާތުއެކި މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް ދޫކޮށްފައިވާ ލޯނުތައްކަމަށެވެ. އެގޮތުން ރާއްޖޭގެ އެއަރޕޯޓުތައް ތަރައްޤީކުރުމަށާއި، ފެނާއި ނަރުދަމާގެ މަޝްރޫޢުތައް ޤާއިމްކުރުމުގެ އިތުރުން ޞިއްޙީ ޚިދުމަތްތައް އިތުރަށް ފުޅާކުރުމާއި ސާސީ ވަސީލަތްތައް ފޯރުކޮށްދިނުން ފަދަ މުހިންމު ދާއިރާތަށް ހިމެނޭހެން ޖުމްލަ 14 މަޝްރޫއަކަށް އެ ފަންޑުން އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ސަޢޫދީ ފަންޑުން ރާއްޖެއަށް ދޫކޮށްފައިވާ ލޯންތަކުގެ އަގު ޖުމްލަ 488 މިލިޔަނަށް އަރާކަމަށްވެސް ސަޢޫދީ ފަންޑުގެ ސީއީއޯ ވިދާޅުވިއެވެ.

"1978ކުން ފެށިގެން މިހާތަނަށް 14 މަޝްރީޢެއް ކުރިއަށްގެންދިއުމަށް 17 ލޯނެއް ވާނީ ދޫކޮށްފަ. މި ލޯނުތައް 488 މިލިޔަން އެމެރިކާ ޑޮލަރަށް އަރާ" ސީއީއޯ އަލް މުރްޝިދް ވިދާޅުވިއެވެ.

ސަޢުދީ ފަންޑް ފޯ ޑީވެލޮޕްމެންޓަކީ ދިވެހިރާއްޖޭގެ ތަރައްޤީއަށް ތަފާތު އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތެކެވެ. އަދި މި އެހީތަކުގެ ސަބަބުން މި ޤައުމުގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް ގިނަ ކުރިއެރުންތަކެއް ވަނީ ލިބިފައެވެ.

މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއަށް ބަލާއިރު، ވައިގެ ބަނދަރުތަކާއި މަގުތައް ތަރައްޤީކުރުމުގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އެތައް ގުނައަކަށް އިތުރުވެފައިވެއެވެ. މީގެ އިތުރުން، އަސާސީ ވަސީލަތްތައް ކަމުގައިވާ ފެނާއި ނަރުދަމާގެ ނިޒާމުތައް ޤާއިމުކުރެވުމާއެކު، ރިސޯޓުތަކާއި ގެސްޓްހައުސްތައް ތަރައްޤީކުރުމަށް މަގުފަހިވެ، އެތައް ބައިވަރު ވަޒީފާގެ ފުރުޞަތުތަކެއް އުފެދިގެން ގޮސްފައިވެއެވެ.