ދިވެހިބަހަށް ގިނަ ޚިދުމަތްތަކެއްކޮށްދެއްވި މަޑުލު ވަޙީދު އަވަހާރަވުމާ ގުޅިގެން ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ނައިބު ރައީސް ވިދާޅުވީ، ދިވެހިބަހާއި އަދަބިއްޔާތަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި މަޑުލު މުޙައްމަދު ވަޙީދު އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާ އެކުގައިކަމަށެވެ. ނައިބު ރައީސް ވަނީ މަރްޙޫމްގެ މުޙައްމަދު ވަޙީދުގެ ލޮބުވެތި ޢާއިލާއަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވާފައެވެ.
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
— Hussain Mohamed Latheef (@HucenSembe) April 14, 2025
ދިވެހިބަހާއި އަދަބިއްޔާތަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި މަޑުލު މުޙައްމަދު ވަޙީދު އަވަހާރަވި ޚަބަރު އެހީ ފުން ހިތާމައާ އެކުގައެވެ. މަރްޙޫމްގެ މުޙައްމަދު ވަޙީދުގެ ލޮބުވެތި ޢާއިލާއަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ދަންނަވަމެވެ. މާތްﷲ… pic.twitter.com/MKEAjOI8jt
މަޑުލު މުޙައްމަދު ވަޙީދަކީ ވަރަށް ގިނަ ދާއިރާތަކުން ދިވެހި ޤައުމަށް ޚިދުމަތްކޮށްދެއްވި ދިވެހިބަހުގެ ވަރުގަދަ ޝަޚުޞިއްޔަތެކެވެ. އަދަބީ ތަފާތު ލިޔުއްވުންތައް ލިޔުއްވިއެވެ. ޢަރަބިބަހާއި އިނގިރޭސިބަހުން ލިޔެފައި ހުންނަ ލިޔުންތައް ދިވެހިބަހުގެ ހަމަތަކަށް ފެތޭ ގޮތަށް ތަރުޖަމާކުރެއްވިއެވެ. ބަހުގެ އެކި އިދާރާތަކާއި ކުންފުނިތަކުތަކުގެ އިސް މަޤާމުތައް ފުރުއްވިއެވެ. ވަޙީދަކީ ވަރަށް ގިނަ ބައެއް ދިވެހިބަހުގެ މުދައްރިސެއްވެސްމެއެވެ.
ވަޙީދުގެ ޚިދުމަތްތައް ފާހަގަކުރައްވައި، ދިވެހި ސަރުކާރުން ވަނީ ލިޔުންތެރިކަމަށް ޚިދުމަތްކުރުމުގެ ރޮނގުން 1985 ވަނަ އަހަަރު އާންމު ޚިދުމަތަށް ހިތްވަރު ދިނުމުގެ އިނާމު ދެއްވާފައެވެ. އަދި ކުރުވާހަކަ ލިޔުމުގެ ރޮނގުން 1997 ވަނަ އަހަރު އާންމު ޚިދުމަތަށް ހިތްވަރު ދިނުމުގެ އިނާމު ލިބިވަޑައިގެންފައިވާއިރު، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ދިވެހި ބަހުގެ ލިޔުންތެރިކަން ކުރި އެރުވުމުގެ ރޮނގުން 2019 ވަނަ އަހަރު ޝަރަފުވެރިކަމުގެ އިނާމު ވަޙީދަށް ލިބިވަޑައިގެންފައިވެއެވެ.