ޚަބަރު

ސަޢޫދީ ފަންޑުގެ އެހީގައި ހުޅުމާލޭގައި އަޅާ 400 ހައުސިން ޔުނިޓު މަޝްރޫޢު އިފްތިތާޙުކޮށްފި


  • މިއީ 25 މިލިއަން ޑޮލަރު ލޯނު އެހީއެއް

  • ހައުސިން ޔުނިޓްތައް ތަރައްޤީކުރަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި

ހުޅުމާލޭގައި 400 ހައުސިން ޔުނިޓް އިމާރާތްކުރުމަށް ސަޢޫދީ ފަންޑް ފޮރ ޑިވެލޮޕްމަންޓުން ލޯނު އެހީ ދީފިއެވެ. މި މަޝްރޫޢު އިފްތިތާޙުކޮށްދެއްވާފައި ވަނީ ސަޢުދީ ފަންޑުގެ ސީއީއޯ މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެތެރެއިންނެވެ.

ހުޅުމާލޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި މަޝްރޫޢު އިފްތިތާޙުކޮށްދެއްވީ ސަޢުދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ސީއީއޯ ސުލްތާން ބިން އަބްދުއްރަޙްމާން އަލް-މުރްޝިދް އަދި މާލީ ވަޒީރު މޫސާ ޒަމީރުއެވެ.

400 ހައުސިން ޔުނިޓް އިމާރާތްކުރަނީ ހުޅުމާލެ ދެވަނަ ދިޔަވަހީގައެވެ. މިއީ ސަޢުދީ ފަންޑުން 25 މިލިޔަން ޑޮލަރުގެ ލޯނު އެހީގައި ކުރިއަށްގެންދާ މަޝްރޫޢުއެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާލީ ވަޒީރު މޫސަ ޒަމީރު ވިދާޅުވީ މިއީ ރައީސުލްޖުމްހުރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ބޯހިޔާވަހިކަމުގެ ތަސައްވަރު ހަޤީގަތަކަށް ހެއްދެވުމަށް ލިބޭ ވަރަށް ބޮޑު އެހީއަކަށްކަމަށެވެ. ވަޒީރު ވިދާޅުވީ މި ޕްރޮޖެކްޓްވެގެންދާނީ އިޖްތިމާޢީ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ތެރެއިން، އަގުހެޔޮކޮށް ބޯހިޔާވަހިކަން ރައްޔިތުންނަށް ފޯރުކޮށްދެވޭނެ މަޝްރޫޢުއަކަށްކަމަށެވެ.

"މި ޕްރޮޖެކްޓް ވެގެންދާނީ ދެމެހެއްޓެނިވިގޮތެއްގައި ގެންދެވޭ މަޝްރޫޢުއަކަށް. ތޮއްޖެހެމުންދާ މާލޭގެ އާބާދީއަށްވެސް ލުއިލިބޭނެ. އަދި އެންމެ މުހިންމުކަމަކީ، އެކަށީގެންވާ އިމާރާތެއްގައި އަގުހެޔޮކޮށް ފޯރުކޮށްދެވޭ ބޯހިޔާވަހިކަމަކަށް ވާނެ." މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސަޢޫދީ ފަންޑުގެ ސީއީއޯ ސުލްތާން ބިން އަބްދުއްރަޙްމާން އަލް-މުރްޝިދް ވިދާޅުވީ، ރާއްޖޭގެ ތަރައްޤީގެ ޙިއްސާއަކަށް ވެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއްކަމަށެވެ. މި މަޝްރޫޢުވެސް ވެގެންމިަދަނީ ރާއްޖެއަށް ވަރަށް މުހިންމު ދާއިރާއަކުން ވެވޭ އެހީއަކަށްކަމަށް ވިދާޅުވިއެވެ.

"17 ލޯނު އެހީއެއް މެދުވެރިކޮށް 40 މަޝްރޫޢުއަކަށް އެހީ މިހާތަނަށް ރާއްޖެއަށް ދެވިއްޖެ. މިއީ 488 މިލިއަން ޑޮލަރުގެ އެހީ. އޭގެތެރޭގައި ބޯހިޔާވަހިކަން، ދަތުރުފަތުރު، ތަރައްޤީ، ފެން ނަރުދަމާ އަދި ތަޢުލީމާ ސިއްޙީ ދާއިރާވެސް ހިމެނޭ. ތަރައްޤީގެ ބައިވެރިއެއްގެ ގޮތުގައި ކުރިއަށްދާނަން." ސަޢުދީ ފަންޑް ސީސީއޯ ވިދާޅުވިއެވެ.

މި ހައުސިން ޔުނިޓްތައް އަޅަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި މަސްޖިދު ޙަސަން އާދަމްއާ އިންވެގެން އޮންނަ ބިމުގައެވެ. މި މަޝްރޫޢުގެ މިހާރު ކުރިއަށްދަނީ ކޮންސަލްޓަންސީ ފަރމެއް ހޮވުމުގެ މަރުޙަލާއެވެ. އަދި މިއަހަރުގެ ފަހު ކުއާޓަރުގައި ޢަމަލީ މަސައްކަތް ފެށުމަށް މަސައްކަތްކުރަމުންދާކަމަށް ބޯހިޔާވަހިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މިއަހަރަކީ ބޯހިޔާވަހިކަމުގެ ޢުމްރާނީ މަސައްކަތްތަކަށް ޚާއްސަ އިސްކަމެއް ދެއްވާނެ އަހަރެއްގެ ގޮތުގައިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވެސް ހާމަކުރައްވާފައިވެއެވެ. އަދި ޢުމްރާނީ މަސައްކަތްތައް އެންމެ ބޮޑު މިއަހަރު ކަނޑައަޅާފައިވާއިރު، އެއީ 1.2 ބިލިޔަނަށްވުރެ ގިނަ ރުފިޔާއެވެ.

މާލެ ސަރަޙައްދުގެ ތޮއްޖެހުން ކުޑަކުރުމަށް ހުލުމާލެ، ރަސްމާލެ، ގުޅިފަޅު އަދި ގިރާވަރު ފަޅު މަޝްރޫޢު ހިމެނޭހެން ގިނަ މަސައްކަތްތަކެއް ކުރިއަށްގެންދެވުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.