ޚަބަރު

އޮމަދޫ އާއި ވޭމަންޑޫގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކުގެ މަސައްކަތް ކުރިއަށްދޭ


  • ދެ އަހަރު ދުވަހުގެ ތެރޭގައި ހުރިހާ ރަށެއްގައި ކުޅިވަރުގެ ވަސީލަތްތައް ގާއިމުކޮށް ނިންމުމަކީ ސަރުކާރުގެ އަމާޒެއް

  • ރަށްރަށުގައި މި މަސައްކަތްތައް ކުރަމުން އަންނަނީ އެމްޓީސީސީ އާއި، އާރްޑީސީ އަދި ފެނަކައިން

ތ. އަތޮޅުގައި މި ވަގުތު ކުރިއަށްދާ ކުޅިވަރު މަޝްރޫއުތަކުގެ ތެރެއިން ބައެއް ރަށްރަށުގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށް އެބަގެންދެއެވެ.

ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ބުނީ ތ. އަތޮޅުގެ ރަށްތަކުގައި މިވަގުތު ކުރިއަށްދާ ކުޅިވަރު މަޝްރޫއުތަކުގެ ތެރެއިން އޮމަދޫ އާއި ވޭމަންޑޫގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ އިމާރާތް ހިޔާކުރެވި، ތަޅުން ލެވެލްކުރުމަށް ބޭނުންވާ ވެލި އެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

މީގެ އިތުރުން ތ. ކަނޑޫދޫގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު އަޅާ ބިމުގައި ހުރި އިމާރާތް ތަޅާލުމަށްފަހު، އައު އިމާރާތުގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. މީގެ އިތުރުން ވިލުފުށީ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތްވެސް ކުރިއަށް އެބަދެއެވެ.

ވޭމަންޑޫ އާއި ކަނޑޫދޫގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ކުރިޔަށް ގެންދަނީ ގްރޭންޑްމާކް އިންޓަނޭޝަނަލްއިންނެވެ. އަދި އޮމަދޫ އަދި ކަނޑޫދޫގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތް ކުރިޔަށް ގެންދަނީ ޓްރެކް އާތު ޕްރައިވެޓް ލިމިޑެޓުންނެވެ.

ތ. އަތޮޅުގެ ހަތަރު ރަށެއްގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ޤާއިމްކުރުމުގެ މަސައްކަތްކުރިއަށްދާއިރު، ހުރިހާ ރަށެއްގެ މަސައްކަތްވެސް މިއަހަރުގެ ފަހުކޮޅު ނިންމުމަކީ ސަރުކާރުގެ އަމާޒެވެ.

ސަރުކާރުން އަންނަނީ އެކި ރަށްރަށުގައި ނުނިމި ހުރި ކުޅިވަރު މަޝްރޫއުތަކާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާއި އެއްގޮތަށް ގާއިމުކުރުމަށް ހަމަޖެހިފައިވާ ކުޅިވަރު މަޝްރޫއުތައް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް މަސައްކަތް ކުރަމުންނެވެ.

ރަށްރަށުގައި ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމުގެ 77 މަޝްރޫއަށްވުރެ ގިނަ މަޝްރޫއުތައް މިއަހަރު ވަނީ ސަރުކާރުގެ ތިން ކުންފުންޏަކާއި ހަވާލުކޮށްފައެވެ. އެގޮތުން އެމްޓީސީސީ އާއި އާރްޑީސީ އަދި ފެނަކަ އާއި ހަވާލުކޮށްގެން ވަރަށް ބާރު ދުވެލީގައި މަޝްރޫއުތައް ނިންމުމަށް ކުރަންޖެހޭ ކަންކަން އަންނަނީ ކުރަމުންނެވެ.