ތިލަދުންމަތީ އުތުރުބުރީ ދިއްދޫގެ ބަނދަރު ހެދުމާއި ފާލަން އެޅުމުގެ މަޝްރޫޢުގެ ތެރެއިން އެއްގަމު ތޮށީގެ މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވީ، ދިއްދޫގެ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ވަރަށް ބާރު ދުވެއްޔެއްގައި ކުރިއަށްދާކަމަށެވެ. އެގޮތުން މިހާރު އެރަށުގެ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން އެެއްގަމު ތޮށީގެ މަސައްކަތް އެެއްކޮށް ނިމިފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. އަދި ބޭރު ތޮށީގެ %95 މަސައްކަތް ނިމިފައިވާކަމަށާއި، މިހާރު ކުރިއަށްދަނީ ބަނދަރުގައި އެއްގަމު ދުވާރު ހެދުމުގެ މަސައްކަތްކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.
ދިއްދޫ ބަނދަރު ތަރައްޤީކުރުމުގެ މަަސައްކަތަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢު އެމް.ޓީ.ސީ.ސީއާއި ޙަވާލުކޮށްފައިވަނީ 2021 ވަނަ އަހަރުގެ މެދުތެރޭގައެވެ.
ހއ. ދިއްދޫ ބަނދަރު ހެދުމާއި ފާލަން އެޅުމުގެ މަޝްރޫޢުގެ %92 ވަނީ ނިމިފައި #HarbourProjects pic.twitter.com/QuDLuRzn2y
— Ministry of Construction, Housing & Infrastructure (@MoCImv) May 4, 2025
މި މަޝްރޫޢުގެ ދަށުން 78,000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 58 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުމާއި، 378 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 478 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން، 630 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، ރޭމްޕެއް ހެދުމާއި، 6,858 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ޖެޓީއެއް ހެދުމާއި، ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރުންމަށްވެސް ވަނީ ހަމަޖެހިފައެވެ.
އާންމު ގިނަ ޚިދުމަތްތައް ޤާއިމުކޮށްފައިވާ ދިއްދޫއަށް ކޮންމެ ދުވަހުވެސް ގިނަ ބަޔަކު އަރާފައިބައެވެ. އެގޮތުން މިހާރު ދިއްދޫގައި ބޭނުންކުރާ ބަނދަރަކީ ފުޅާމިނުގައި 250 ފޫޓު ހުންނަ ބަނދަރެކެވެ. މި ބަނދަރުގެ މަސައްކަތް ނިމޭއިރު ފުޅާމިނުގައި 350 ފޫޓު ހުންނާނެއެވެ. އަދި ދިގުމިން 600 ފޫޓަށް އިތުރުވެގެން ދާނެއެވެ.
މި މަޝްރޫޢުއާއި ގުޅިގެން އެމްޓީސީސީއިން ވިދާޅުވީ، ދިއްދޫގެ ބަނދަރު ޒަމާނީ ފެންވަރަށް ތަރައްޤީވެގެން ދިއުމާއެކު ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާއި ލަފާ ފުރުމުގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެކަމަށެވެ.
މި މަޝްރޫއަކީ ސަރުކާރުން 94 މިިލިޔަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. ދިއްދޫއަކީ ހއ. އަތޮޅުގެ ވެރިކަންކުރާ ރަށަށްވެފައި ރާއްޖޭގެ އުތުރުން ދެވަނައަށް އެންމެ ބޮޑު އާބާދީއެއް އޮންނަ ރަށްވެސް މެއެވެ. އެގޮތުން އެރަށުގައި 4700އަށްވުރެ ބޮޑު އާބާދީއެއް އަންނަނީ ދިރިއުޅެމުންނެވެ.