އއ. ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު ފިރިހެން މީހާއަށް އިންޑިއާގައި ފަރުވާދެމުންދަނިކޮށް ނިޔާވެއްޖެއެވެ.
މާރިޗު މަހުގެ 24 ވަނަ ދުވަހުގެރޭ ހިނގި އެހާދިސާގައި ފިހުނު ދެމީހުންގެ ތެރެއިން އަންހެން މީހާ މާރިޗު މަހުގެ 31 ވަނަ ދުވަހު ނިޔާވެފައިވާއިރު، ފިރިހެންމީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް އިންޑިއާއަށް ގެންދިޔައީ މިމަހުގެ 7ވަނަ ދުވަހުގައެވެ.
އައިޖީއެމް ހޮސްޕިޓަލުގައި ވެންޓިލޭޓަރުގައި ފަރުވާދެމުން އައިސް ވެންޓިލޭޓަރުން ނަގައި އިތުރު ފަރުވާއަށް އިންޑިއާއަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް އޭނާ ނިޔާވެފައިވަނީ މިރޭގެ ވަގުތެއްގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ވެންޓިލޭޓަރުން ނެގި ނަމަވެސް އޭގެ ފަހުންވެސް އޭނާއަށް ފަރުވާ ދެމުން އައީ އައިސީޔޫގައެވެ. އަދި އިންޑިއާގައި އޭނާގެ އޮޕަރޭޝަންތަކެއް ކުރި ނަމަވެސް ނިޔާވެފައިވަނީ ހާލަތަށް މާ ބޮޑު ކުރިއެރުންތަކެއް ނައިސްއެވެ.
އެހާދިސާގައި އަންހެން މީހާގެ ހަށިގަނޑުގެ %83 ފިހުނު ކަމަށާއި ފިރިހެން މީހާގެ ހަށިގަނޑުގެ %78 ފިހިފައިވާކަމަށް މައުލޫމާތުލިބެއެވެ. ދެ މީހުންނަށް ފަރުވާ ދިނުމަށްޓަކައި ރާއްޖޭން ބޭރުން 'ބާން ސްޕެޝަލިސްޓު' ޑޮކްޓަރެއްވެސް ރާއްޖެ ގެނައެވެ.
މިހާދިސާ ތަހުގީގްކުރަމުން އަންނަކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.