ޚަބަރު

ފުލަމް ބަލިކޮށް ބޯންމަތު އަށްވަނައަށް


އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ފުލަމްއާ ދެކޮޅަށް ކުޅުނު މެޗު 1-0 ގެ ނަތީޖާއަކުން ބޯންމަތުން ކާމިޔާބުކޮށްފިއެވެ.

ބޯންމަތުގެ ވައިޓަލިޓީ ސްޓޭޑިއަމްގައި އެގާރަ ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ ކުޅުން ފެށުނުތާ ފަންސާސް ތިންވަނަ ސިކުންތުގައި ބޯންމަތުއަށް ކާމިޔާބު ކޮށްދީފައިވަނީ އެންޓޮއިން ސެމެންޔޯ އެވެ.

މި މެޗުން ބޯންމަތު މޮޅުވެފައިވާއިރު މިއީ ފާއިތުވެދިޔަ ދެ މަސް ދުވަހުގެ ތެރޭގައި އެ ކްލަބު މެޗަކުން މޮޅުވި ފުރަތަމަ ފަހަރެވެ.

މެޗުގެ ވަރަށް ކުރީކޮޅު ބޯންމަތު އިން ލަނޑެއް ޖަހާ ލީޑު ނަގާފައިވާއިރު މެޗުގެ 15 ވަނަ މިނިޓުގައި އެ ޓީމަށް ވަނީ ލީޑު ފުޅާ ކުރުމަށް ރަގަޅު ފުރުސަތެއް ލިބިފަ އެވެ. ނަމަވެސް އެވަނިލްސަން ފޮނުވާލި ބޯޅަ ގޯލުގެ ހުރަސް ދަނޑީގައި ޖެހިފައިވަނީ ބޭރުވެފަ އެވެ.

މި މެޗުގައި ލަނޑު ޖަހަން ފުލަމް އަށް ވެސްވަނީ ރަގަޅު ފުރުސަތުތަކެއް ލިބިފަ އެވެ. އެގޮތުން ރޮޑްރިގޯ މުނީޒް އާއި ރަޔާން ސެސެގްނަންގެ އިތުރުން ޖޯޗިމް އެންޑަސަން އަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ. އަދި އެލެކްސް އިވޯބީ އާއި ސަސާ ލުކިޗް ފޮނުވާލި ނުރައްކާތެރި ހަމަލަތައް ބޯންމަތުގެ ކީޕަރު ކެޕާ ވަނީ ދިފާއުކޮށްފަ އެވެ.

މި މެޗުން މޮޅުވުމާއިއެކު ބޯންމަތު އަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 32 މެޗުން 48 ޕޮއިންޓާއެކު ތާވަލުގެ އަށްވަނަ މަގާމް ލިބިފަ އެވެ. މި މެޗުން ބަލިވި ފުލަމް އަށް ވެސް 48 ޕޮއިންޓް ލިބިފައިވާއިރު ބޯންމަތުއަށް ކުރި ލިބިފައިވަނީ ފައިދާ ގޯލުގެ ތަފާތުންނެވެ.

ޕްރިމިއާ ލީގުގެ އަށްވަނަ އަށް ދާ ޓީމަކަށް އަންނަ ސީޒަނުގެ ޔޫއެފާ ކޮންފަރެންސް ލީގުން ފުރުސަތު ލިބިގެންދާނެ އެވެ.