ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ދެވަނަ ލެގުގައި މިރޭ ޕީއެސްޖީއާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކޮށް, ތާރީޚުގެ ތެރެއަށް ވަދެވިދާނެ ކަމަށް އެސްޓަން ވިލާގެ ކޯޗު އުނާއި އެމެރީ ބުނެފިއެވެ.
މިރޭ ރާއްޖެ ގަޑިން 12 ޖަހާއިރު ފެށުމަށް ހަމަޖެހިފައިވާ މި މެޗަށް ނިކުންނައިރު ފުރަތަމަ ލެގުގައި މި ދެ ޓީމު ބައްދަލުކުރި މެޗު ޕީއެސްޖީ އިން ވަނީ 3-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފަ އެވެ. އެހެންކަމުން މިރޭ އެސްޓަން ވިލާގެ ދަނޑުގައި ކުޅޭ މެޗަކީ އެ ޓީމަށް ވަރަށް މުހިންމު މެޗެކެވެ.
މި މެޗަށް ނިކުތުމުގެ ކުރިން އެސްޓަން ވިލާގެ ކޯޗު އުނެއި އެމެރީ ބުނެފައިވަނީ މިއީ ވަރަށް ބޮޑަށް ވިސްނައިގެން ކުޅެންޖެހޭ މެޗެއް ކަމަށެވެ.
"މިއީ ވަރަށް ބޮޑަށް ވިސްނައިގެން އަދި މި މެޗުން ކާމިޔާބު ހޯދިދާނެކަން ކުޅުންތެރިން ގަބޫލުކޮށްގެން ކުޅެން ޖެހޭ މެޗެއް. ދެ ލަނޑުގެ ތަފާތަކީ ބަދަލު ނުކުރެވޭނެ ނަތީޖާއެއް ނޫން." އެމެރީ ބުންޏެވެ.
އޭނާ އިތުރަށް ބުނެފައިވަނީ މީގެ ކުރިން މިފަދަ ނަތީޖާތަކެއް ބަދަލުކޮށްފައިވާ ކަމަށާއި ނަމަވެސް މިއީ ވަރަށް ތަފާތު މެޗެއް ކަމަށެވެ.
"މީގެ ކުރިން މިފަދަ ނަތީޖާތަކެއް ބަދަލުކޮށްފަވެސް އެބަހުރި ނަމަވެސް މިއީ މުޅިން ތަފާތު މެޗެއް. އަހަރުމެން ބޭނުންވަނީ އެސްޓަން ވިލާގެ ތާރީޚު އަލުން ލިޔަން. އެއީ ނުކުރެވޭނެ ކަމެއް ނޫން." ތުރުކީއަށް އުފަން ކޯޗު ބުންޏެވެ.
އުމުރުން 53 އަހަރުގެ އެމެރީގެ އިރުޝާދުގެ ދަށުން ޔޫރަޕްގެ މުބާރާތްތަކުގައި އެސްޓަން ވިލާ އަމިއްލަ ދަނޑުގައި މިހާތަނަށް ކުޅުނު 13 މެޗުގެ ތެރެއިން ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ. 11 މެޗުން މޮޅުވެފައިވާއިރު އެއް މެޗު ވަނީ އެއްވަރުވެފަ އެވެ.
މިރޭގެ މެޗަށް ނިކުންނައިރު އެސްޓަން ވިލާ ވަނީ އަމިއްލަ ދަނޑުގައި ބަލިނުވެ 17 މެޗު ހަމަކޮށްފަ އެވެ. މިދިޔަ އަހަރުގެ ނޮވެމްބަރ މަހުން ފެށިގެން އެ ޓީމު އަމިއްލަ ދަނޑުގައި އަދި ބަލިވެފައެއް ނުވެއެވެ.