އާސެނަލްގެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ ޑިފެންޑަރު ބެން ވައިޓް އާއި މިޑްފީލްޑަރު ތޯމަސް ޕާޓޭ, ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅެވޭ ވަރަށް ފިޓްވެއްޖެއެވެ. ނަމަވެސް ކޯޗު މިކޭލް އާޓެޓާ ސްޕެއިނަށް ދަތުރުކުރީ ތަޖުރިބާކާރު މިޑްފީލްޑަރު ޖޯޖީނިއާ ނުލައެވެ. އޭނާ ހުރީ އަނިޔާގައެވެ.
ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި ރެއާލް އަތުން އަމިއްލަ ދަނޑުގައި 3-0 ގެ ނަތީޖާއަކުން މޮޅުވެފައިވީ ނަމަވެސް މި މެޗުގައި އާސެނަލް ވަރަށް ވިސްނުންތެރިކަމާއެކު ކުޅެން ޖެހޭ ކަމަށް އާޓެޓާ ދެކެ އެވެ. ހާއްސަކޮށް ރެއާލްގެ ހަލުވި ކުޅުންތެރިންގެ ކުރިމަތީގައި ބެންވައިޓާއި ޕާޓޭ އަށް ކުޅެވޭގޮތް ވުމަކީ އޭނާ އަށް ލިބުނު ވަރަށް ބޮޑު ހިތްހަމަ ޖެހުމެކެވެ.
އާޓެޓާ ބުނީ ރެއާލް މެޑްރިޑުގެ ދަނޑުގައި ކުޅޭއިރު އާސެނަލްގެ ކުޅުންތެރިން އެންމެ ބޮޑަށް ވިސްނަންޖެހޭނެ ކަމަކީ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ގެއްލުވާނުލުމަށް ކަމަށެވެ.
"ރެއާލް މެޑްރިޑަކީ އެންމެ ވަރުގަދަ އެއް ޓީމު. އެމީހުން ބަލިކުރަން ފަސޭހަނުވާނެ. އެމީހުންނަކީ ނަތީޖާ އަނބުރާލުމުގެ ގާބިލްކަން ލިބިފައިވާ ޓީމެއް. އެކަމަކު އަހަރުމެންނަށް މި ހޯދުނު ލީޑާއި މި އެޑްވާންޓޭޖްގެ ބޭނުން އަހަރުމެން ހިފަންޖެހޭނެ. ފުޓްބޯޅައިގައި މޮޅުވާނީ އަބަދުވެސް ދޫނުދީ އެންމެ ފަހު ވަގުތާ ހަމައަށް މޮޅުވާން ކުޅޭ މީހުން،" އާޓެޓާ ބުންޏެވެ.
މިރޭގެ މެޗަށް ރެއާލް މެޑްރިޑުން ވަނީ އެ ކުލަބުގެ ސެންތިއާގޯ ބާނަބައުގެ މަތީ ފުރާޅު އެއްކޮށް ބަންދުކޮށްލަން ނިންމައިފަ އެވެ. މިހެންވެ މެޗު ކުޅޭނީ ސްޓޭޑިއަމް ބަންދުކޮށްގެންނެވެ. މެޗު ފަށާނީ މާލޭ ގަޑިން 12 ޖަހާއިރުއެވެ.