އަންހެނުންގެ ލޯންގްކޯސް 100 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ގައުމީ ރިކޯޑު ހަމްނާ އަޙްމަދު މުގުރާލައިފިއެވެ.
ހަންގޭރީގައި ކުރިއަށްދާ އެ ގައުމުގެ 127 ވަނަ ނެޝަނަލް ޗެމްޕިއަންޝިޕްސްގައި ވާދަކޮށް ހަމްނާ މި ރިކޯޑު މުގުރާލާފައިވަނީ އެއް މިނެޓު 23.38 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ.
މި އިވެންޓުގެ ގައުމީ ރިކޯޑު މީގެ 9 އަހަރު ކުރިން ގާއިމުކޮށްފައިވަނީ އައިޝަތު ސާޖިނާއެވެ. އެއީ 2016 ވަނަ އަހަރު ބޭއްވި ސައުތު އޭޝިއަން އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި ވާދަކޮށް އެއް މިނެޓު 24.65 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ.