ޚަބަރު

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު ނޫސްވެރިން ބޭނުން ސުވާލެއްކުރުމުގެ ފުރުސަތު ދޭނަން: ރައީސް


  • ޓީވީއަކުން ދަޢުވަތުދީފިނަމަ، ޕްރޮގުރާމްތަކުގައި ބައިވެރިވެ މަޢުލޫމާތު ދެއްވާނެކަމަށް ރައީސް ވިދާޅުވި

  • ޒުވާނުންނަށް ޚާއްސަކޮށްގެން ޕްރޮގުރާމެއް ފެށުމުގެ ވިސްނުން އެބަހުރިކަމަށް ވިދާޅުވި

މަޢުލޫމާތު ހިއްސާކުރެއްވުމަކީ ޚާއްޞަ އިސްކަމެއް ދެއްވާކަމެއް ކަމަށާއި، އަންނަ މަހުގެ 3 ވަނަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންނާ ގާތުން މަޢުލޫމާތު ދިނުމަށް ރައީސް އޮފީހުން ކުރިއަށްގެންދަވާ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި ވާހަކަފުޅުދައްކަވަމުންނެވެ.

"ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރައްޔިތުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމަށް ޚާއްސަ އިސްކަމެއް މިސަރުކާރުން ދޭނެކަމަށެވެ. އެ ގޮތުން އެކިއެކި ޕްލެޓްފޯމްތަކުގައި މަޢުލޫމާތު ހިއްސާކުރުމަށް މިހާތަނަށް ގިނަ މަސައްކަތްތަކެއްކޮށްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ ބައިނަލްއަޤުވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ، މެއި މަހުގެ 3 ވަނަ ދުވަހު، ނޫސްވެރިންނާ ބައްދަލުކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ. ނޫސްވެރިންގެ މިބައްދަލުވުމުގައި ނޫސްވެރިން ބޭނުން ސުވާލެއްކުރުމުގެ ފުރުޞަތު ދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން ޓީވީ ސްޓޭޝަނަކުން ދަޢުވަތު ދެއްވައިފިނަމަ، އެ ސްޓޭޝަނަކުން ކުރިއަށް ގެންދާ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން، ސުވާލުތަކަށް ޖަވާބުދެއްވުމަށްވެސް ތައްޔާރަށް ހުންނެވިކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިހާރު ފަށާފައިވާ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓް ފަދަ އެހެން ޕްރޮގުރާމެއް ޒުވާނުންނަށް ޚާއްސަކޮށްގެން ކުރިއަށްގެންދިއުމުގެ ވިސްނުންފުޅު ހުރިކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ސީދާ ނޫސްވެރިންނާ އެކީގައިވެސް ކުރިއަށް އޮތްތަނުގައި ބައްދަލުވުންތައް ބާއްވާނަން. އަޅުގަނޑު އިސްކަންދެނީ މަސައްކަތަށް، ނަތީޖާ ނެރުމަށް. އެހެންނަމަވެސް ވަގުތު ހުސްވާ މިންވަރަކުން މަޢުލޫމާތު ހިއްސާކުރާނަން" ރައީސް ވިދާޅުވިއެވެ.

ރައްޔިތުންނާ ވީހާވެސް ގާތުން މަޢުލޫމާތު ހިއްސާކުރައްވައި، ރައްޔިތުންގެ ޚިޔާލުތަކާއި ކަންބޮޑުވުންތައް އަޑުއެއްސެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ ކަމެކެވެ. އެ މަނިކުފާނުގެ ސަރުކާރުގެ އެކި ވުޒާރާތަކުންވެސް ސިލްސިލާ ގޮތެއްގައި ނޫސްވެރިންގެ ބައްދަލުވުންތައް ކުރިއަށް ގެންދަވާއިރު، ޚުދު ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުތައްވެސް އެކި ވަޞީލަތްތަކާއި މީސްމީޑިއާގެ އެކި މަންސަތަކުގައި ގެންދަވަނީ ހިއްސާ ކުރައްވަމުންނެވެ.