ޚަބަރު

ސަމާލުވޭ؛ އެކްސިޑެންޓްތަކުގެ ބޮޑު އިންސައްތައަކީ ބާރު ދުވެލީގައި ދުއްވުމުން ހިނގާ އެކްސިޑެންޓްތައް


  • ބާރު ސްޕީޑުގައި ދުއްވުމުގެ ސަބަބުން އެކްސިޑެންޓުން ސަލާމަތްވުމަށް ލިބޭ ފުރުސަތު ހަނިވޭ

ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހިންގާ ތަރައްޤީގެ ބޮޑެތި މަޝްރޫޢުތަކުގެ ތެރޭގައި މަގުހެދުމުގެ މަޝްރޫޢުތައްދަނީ ހިންގަމުންނެވެ. ޒަމާނީ ފެންވަރަށް ތަރައްޤީކުރާ މަގުތަކުގައި ތާރުއަޅައިގެން ތަރައްޤީކުރުމަކީ އޭގެ ފަސޭހަކަމާއެކު، ރައްކާތެރިކަމަށް ބަލާއިރު އިތުރަށް ސަމާލުވާންޖެހޭ ކަންތައްތައް ހުރިކަމެކެވެ. އެކްސިޑެންޓުތަކުގައި ވެއްޓި ވެލި ގަނޑުގައި ޖެހި ލިބޭ އަނިޔާއަށްވުރެ، ތާރުގަނޑުމަތީގައި ޖެހި ލިބޭ އަނިޔާތަކާއި ގެއްލުން ބޮޑުކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.

މާލެ ސަރަޙައްދެކޭ އެއްފަދައިން ރާއްޖޭގެ ބޮޑެތި ސިޓީތަކުގެ މަގުތައްދަނީ ޒަމާނީ ފެންވަރަށް ތަރައްޤީކުރަމުންނެވެ. ޒަމާނީ މިފަދަ ތަރައްޤީއާއެކުވެސް އެންމެ ބޮޑު އިސްކަމެއްދޭންޖެހޭ އެއްކަމަކީ ސަލާމަތާއި ރައްކާތެރިކަމެވެ. އެހެންނަމަވެސް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ރަނގަޅުފެންވަރަށް ހަދާފައިވާ މަގުތަކުގައި ދޭތެރެ ދޭތެރެއިން ހިނގާ އެކްސިޑެންޓުތަކުގައި ހިތާމަވެރި އެތައް ހާދިސާއެއްދަނީ ހިނގަމުންނެވެ. މިކަމުގައި މިހާރަށްވުރެ ބޮޑަށް އާންމުން ސަމާލުވާން އެބަޖެހެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ފަސީޙް ވިދާޅުވީ، ރާއްޖޭގައި ހިނގާފައިވާ އެންމެ ގިނަ އަދި އެންމެ ނުރައްކާތެރި އެކްސިޑެންޓުތައް ހިނގުމަށް މެދުވެރިވާ މައިގަނޑު ސަބަބަކީ، ބާރު ދުވެލިކަމަށެވެ. ބާރު ދުވެލީގައި އުޅަނދު ދުއްވުމަކީ އޭގެ ސަބަބުން ތިމާއާއި މަގު ބޭނުންކުރަމުންދާ އެހެން މީހުންވެސް ނުރައްކަލަށް ހުށައެޅިގެންދާކަމެއްކަމަށް ފަސީހް ވިދާޅުވިއެވެ. އަދި އެކްސިޑެންޓެއް ހިނގާ ވަގުތު އެނުރައްކަލުން ސަލާމަތްވުމަށް ލިބޭ ފުރުސަތު އެއާއެކު ވަރަށް ބޮޑަށް ހަނިވެގެންދާކަން ފުލުހުން ފާހަގަކުރައްވައެވެ.

"އެކްސިޑެންޓްތަކުގައި ލިބޭ ގެއްލުންތަކަށް ބަލާއިރު މިފަހަކަށް އައިސް، ހިނގާފައިވާ އެކްސިޑެންޓްތަކާއި އަދި އޭގެކުރީގެ އެކްސިޑެންޓުތަކަށް ބަލާއިރުވެސް ބާރު ސްޕީޑުގައި ދުއްވުމުގެ ސަބަބުން، ލިބޭ ގެއްލުން ބޮޑުވާކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ. އެގޮތުން މީހުންގެ ޖިސްމަށާއި، އެކްސިޑެންޓުވާ އުޅަނދުތަކާއި އަދި އެކްސިޑެންޓް ހިނގާ ސަރަޙައްދުގައި ހުންނަ މުދަލަށްވެސް އޭގެ އަސަރުކުރާކަން ފާހަގަވޭ." ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ފަސީޙް ވިދާޅުވިއެވެ.

ފަހަކަށް އައިސް މާލެ ސަރަޙައްދާއި ބޮޑެތި ސިޓީތަކުގައި ހިނގާފައިވާ އެކްސިޑެންޓްތަކުގައި އެކި ފަރާތްތައް މިދުނިޔެއާއިވަނީ ވަކިވެގެން ގޮސްފައެވެ. މިޙާދިސާތަކުގައި މީހުން ނިޔާވެގެންދިޔުމަކީ، އެޢާއިލާތަކަށް ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތަކާއި ކުރިމަތިލާންޖެހޭކަމެކެވެ. އެހެންކަމުން މިފަދަ ޙާދިސާތައް މަދުކުރުމަށް މިހާރަށްވުރެ ބޮޑަށް ރައްޔިތުންގެ ފަރާތުން އެއްބާރުލުން ބޭނުންވެއެވެ. އެކްސިޑެންޓުތައް މަދުކުރުމަށް އެންމެ ފުރަތަމަވެސް ތިމާގެ ފަރިތަކަމަށްވުރެ އަނެކާގެ ނުފަރިތަކަމަށްވިސްނާ، ސްޕީޑު މަޑުކުރަންޖެހެއެވެ.

އަވަހަށް ދިޔުމަށްޓަކައި ބާރު ސްޕީޑުގައި ކުރާ ދަތުރަކީ ތިމާގެ ފަހު ދަތުރަށްވުމަކީ އޭގެ ގެއްލުން ތިމާގެ އިތުރުން ތިމާގެ ލޯބިވާ ފަރާތްތަކުން އުފުލަންޖެހިދާނެ ފަދަ ކަމެކެވެ. އެހެންކަމުން ބާރު ދުވެލީގައި އުޅަނދުތައް ދުއްވުމުގެ ކުރިން ތިމާއާ އެހެންމީހުންގެ ސަލާމަތަށް ވިސްނުމަކީ ކޮންމެ މީހަކުވެސް މިއަދު ކުރަންޖެހޭކަމެކެވެ.