އޭނާއަކީ އަބަދުވެސް ލިވަޕޫލްގެ މީހެއް ކަމަށް ބުނެ، ކެޕްޓަން ވާޖިލް ވެން ޑައިކް އެ ކުލަބާއެކު އައު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. އުމުރުން 33 އަހަރުގެ ނެދަލަންޑްސްގެ ކެޕްޓަން ސޮއިކުރީ އިތުރު ދެ އަހަރެވެ. މިހެންވެ 2027 ވަނަ އަހަރުގެ ސީޒަނުގެ ނިޔަލަށް އޭނާ ލިވަޕޫލްގައި ހުންނާނެއެވެ.
ޖޯޑަން ހެންޑަސަން ވަކިވުމުން ހުސްވި ސީޒަނުގައި ލިވަޕޫލްގެ ކެޕްޓަންކަން ލިބުނު ވެން ޑައިކްގެ މިހާރުގެ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާނެ އެވެ. އޭނާގެ އެއްބަސްވުން އައުކުރުމަށް ކުރަމުން އައި މަސައްކަތް ކޮޅެއްގައި ނުޖެހި ދިގުލައި ދިއުމުން މިހާތަނަށް ގިނަ ސަޕޯޓަރުން ތިބީ ވަރަށް ބޮޑަށް މާޔޫސްވެފަ އެވެ. ނަމަވެސް ވެން ޑައިކް ބުނީ ލިވަޕޫލް ނޫން ކުލަބެއް އޭނާގެ ހިޔާލަށް ވެސް ނުގެނެވޭ ކަމަށެވެ.
"އަހަރެންނަކީ އަބަދުވެސް ލިވަޕޫލްގެ މީހެއް. އެއީ ހަމައެކަނި ވިސްނުމަކީ. އަހަރެންގެ ސިކުނޑީގައި އަބަދުވެސް އޮންނަނީ ލިވަޕޫލް. (ކުލަބުގައި މަޑުކުރުން) އެއީ އަބަދުވެސް ޕްލޭނަކީ،" ވެން ޑައިކް ބުންޏެވެ.
އޭނާގެ އާއިލާ އާއި އޭނާވެސް މިހާރު ލިވަޕޫލަށް ވަރަށް ބޮޑަށް ހޭނިއްޖެކަން ފާހަގަކުރަމުން ވެން ޑައިކް ބުނީ ބައެއް މީހުން އޭނާ އަކީ ލިވަޕޫލަށްޓަކައިވާ މީހެއް ކަމަށް ބުނެހަދާ ކަމަށާއި އެކަމާ އުފާކުރާ ކަމަށެވެ.
"އަހަރެން މިހުރީ ވަރަށް އުފަލުން. ވަރަށް ގިނަ އިހުސާސްތަކެއް މިވަގުތު ވެސް އެބަހުރި. މި ކުލަބުގައި އަހަރެން މިހާތަނަށް މިކުރި ދަތުތަކީ ވަރަށް ކާމިޔާބު ދަތުރެއް. އިތުރު ދެ އަހަރު ލިބުމުން އަދި ވަރަށް އުފާވެއްޖެ. މިއީ އަނެއްކާ ވެސް އިތުރު ކާމިޔާބީ ހޯފަން ލިބުނު ފުރުސަތެއް،" ވެން ޑައިކް ބުންޏެވެ.
މިހާތަނަށް 314 މެޗު ކުޅެދީފައިވާ ވެން ޑައިކްގެ ކެޕްޓަންކަމުގައި ލިވަޕޫލް މިހާރު ވަނީ މި ސީޒަނުގެ ޕްރެމިއާ ލީގާ ހަ ޕޮއިންޓަށް ގާތަށް ޖެހިލައިފަ އެވެ. ފަހަރުގައި އަންނަ ހަފުތާގައި ވެސް އޭނާގެ ކެޕްޓަން ކަމުގައި މި ތަށި އެ ޓީމަށް ކަށަވަރުވެދާނެ އެވެ.
އޭނާ އެއްބަސްވުން އާ ކުރިއިރު މީގެ ހަފުތާއެއް ކުރިން ފޯވަޑް މުހައްމަދު ސަލާހް ވެސް ވަނީ އިތުރު ދެ އަހަރު ލިވަޕޫލްގައި މަޑުކުރަން އެއްބަސްވެފަ އެވެ. މިހާރުު މި ސީޒަނުގެ ނިޔަލަށް ކޮންޓްރެކްޓް ހަމަވާ ކުޅުންތެރިންގެ ތެރެއިން ސޮއިނުކޮށް ހުރީ ވައިސް ކެޕްޓަން އަދި ކަނާތުބެކް ޓްރެންޓް އެލެގްޒެންޑަރ-އާނޯލްޑެވެ. ގިނަ މީޑިއާތަކުން ބުނަނީ ލިވަޕޫލުން އެއްބަސްވުން އާކުރަން މަސައްކަތް ފެށިިއރު ސްޕޭނުގެ ރެއާލް މެޑްރިޑަށް ބަދަލުވާން އާނޮލްޑް ނިންމާފައިވާ ކަމަށެވެ.