އައްޑޫއާއި ފުވައްމުލަކުގެ އެއްގަމު ދަތުރުފަތުރުގެ ޚިދުމަތް އިފްތިތާޙް ކުރައްވައިފިއެވެ.
މި ޚިދުމަތް އިފްތިތާޙް ކޮށްދެއްވީ މިކަމަށްޓަކައި އައްޑޫ ސިޓީ ފޭދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިޙާދުއެވެ.
އައްޑޫއާއި ފުވައްމުލަކުގައި އެއްގަމު ދަތުރުފަތުރުގެ ނިޒާމް ތަޢާރަފް ކުރެވިގެން ދިއުމާއެކު، އެ ދެ ސަރަޙައްދުގައި ބަސް ދަތުރުގެ ޚިދުމަތް ވަނީ ތަޢާރަފް ކުރައްވާފައެވެ. މިއާއެކު އައްޑޫ އަދި ފުވައްމުލަކުގައި ޝެޑިއުލް ކުރެވިގެން ކަނޑައެޅިފައިވާ ވަގުތުތަކުގައި މެދުކެނޑުމެއްނެތި ބަހުގެ ޚިދުމަތް ލިބެމުންދާނެއެވެ. މި ޚިދުމަތް އިފްތިތާޙް ކޮށްދެއްވުމަށްފަހު ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޢަބްދުﷲ ޖިހާދު ވިދާޅުވީ މި ޚިދުމަތް އިފްތިތާޙް ކުރެވިގެން ދިއުމާއެކު މާދަމާއިން ފެށިގެން އެއް ހަފްތާ ވަންދެން އައްޑޫ އަދި ފުވައްމުލަކުގައި ހިލޭ ބަސްދަތުރު ކުރެވޭނެ އިންތިޒާމް ހަމަޖައްސަވާފައިވާ ކަމަށެވެ. އަދި މި ޚިދުމަތް ތަޢާރަފް ކުރެވިގެން ދިއުމާއެކު އައްޑޫއާ ފުވައްމުލަކުގެ ރައްޔިތުންނަށް އެއްގަމު ދަތުރުފަތުރު ކުރުމަށް އެތައް ގޮތަކުން ފަހިވެގެންދާނެ ކަމަށާއި، އެއްގަމު ދަތުރުފަތުރަށް ކުރަންޖެހޭ ޚަރަދުވެސް އެތައް ތަނަކުން ކުޑަވެގެން ދާނެކަމަށް ނައިބުރައީސް ޢަބްދުﷲ ޖިހާދު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްވަކަމުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ސީއީއޯ މުޙައްމަދު ޖުނައިދު ވިދާޅުވީ މި ޚިދުމަތަކީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އައްޑުއާއި ފުވައްމުލަކުގެ ރައްޔިތުންނަށް ދެއްވި ޢީދު ހަދިޔާއެއް ކަމުގައެވެ. އަދި މި ޚިދުމަތް ދެމެހެއްޓެވުމަށްޓަކައި އެމް.ޕީ.އެލް އިން ކަންތައް ކުރައްވާނެ ގޮތާ ގުޅޭގޮތުން ވާހަކަފުޅުދެއްކެވިއެވެ.
މި ރަސްމިއްޔާތުގައި ނާއިބު ރައީސް ޢަބްދުﷲ ޖިޙާދުގެ އިތުރުން އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދާއި އައްޑޫ އަދި ފުވައްމުލަކުގެ އެކި ދާއިރާތަކަށް ނިސްބަތްވާ ބައެއް މަޖިލިސް މެންބަރުން ބައިވެވެވަޑައިގެންނެވިއެވެ.