މިއަހަރުގެ އަޟްޙާ ޢީދު ޤައުމީ ފެންވަރުގައި ފާހަގަ ކުރުމަށް ޝައުގުވެރިވާ ރަށްރަށުން އެކަމަށްއެދި ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ އެ ވުޒާރާއާ ގުޅިގެން މި އަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމަށް ޝައުގުވެރިވާ ރަށްރަށުން އެކަމަށް މިހާރު އެދެވޭނެ ކަމަށެވެ. އެގޮތުން ރަށްރަށުން ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އަޟްޙާ ޢީދު ފާހަގަކުރާނެ ރަށެއް ކަނޑައެޅުމުގައި ބަލާނީ "ޤައުމީ ފެންވަރުގައި އަޟްޙާ ޢީދު ފާހަގަކުރާ ރަށްތައް ކަނޑައެޅުމުގައި ޢަމަލުކުރާނެގޮތުގެ އުޞޫލު" އާ އެއްގޮތަށް އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށަހަޅުއްވާ ފަރާތެއް ކަމަށްވެސް ވިދާޅުވިއެވެ.
ގަވާއިދުގައިވާގޮތުން ރަށްރަށުގެ ފަރާތުން ޕްރޮޕޯސަލްތައް ހުށަހަޅަންޖެހޭނީ އެ ރަށެއްގެ ކައުންސިލުންނެވެ. އަމިއްލަ ފަރުދުންނާއ،ި ރަށުގެ ކްލަބްތަކާއި ޖަމުޢިއްޔާތަކަށްވެސް ޕްރޮޕޯސަލް ހުށަހެޅޭނީ ކައުންސިލްތައް މެދުވެރިކޮށެވެ.
ޕްރޮޕޯސަލްތައް ހުށަހަޅާ ރަށްރަށުން މަދުވެގެން ޢީދުގެ ހަތަރު ދުވަހަށް ބަހާލައިގެން ކުޅިވަރުތައް ރާވަންޖެހޭނެއެވެ. އަދި ކޮންމެ ދުވަހަކު ވެސް އަދި ކޮންމެ ރެޔަކު ވެސް ކުރިއަށް ގެންދާނެ ޙަރަކާތްތަކުގެ ތެރޭގައި ދިވެހީންގެ ސަގާފަތް ދިރުވައި އާލާކުރުމާއި، އަންނަންއޮތް ޖީލުތަކަށް ދިވެހީންގެ ސަގާފަތް ވާސިލު ކުރުމަށްޓަކައި ދިވެހި ސަޤާފަތް ދައްކުވައިދޭ، ޒަމާނުއްސުރެ ދިވެހީން ޢީދުގައި ކުޅެއުޅުނު ކުޅިވަރުތަކުގެ ތެރެއިން ކުޅިވަރެއް ހިމަނަންޖެހޭނެ ކަމަށްވެސް ގަވާއިދުގައިވަނީ ބަޔާންކޮށްފައެވެ.
މިއަހަރު ސަގާފަތާއި ތަރިކައާބެހޭ ވުޒާރާގެ ފަރާތުން އަޟްޙާ ޢީދު ފާހަގަ ކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ތިން ރަށެއްގައެވެ.
އެވުޒާރާއާ ގުޅިގެން އަޟްޙާ ޢީދު ފާހަގަ ކުރުމަށް ބޭނުންވާ ރަށްރަށުން އެކަމަށް ބޭނުންވާ ޕްރޮޕޯސަލް ތައްޔާރުކޮށް އަންނަ މެއި މަހުގެ 1ވަނަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ޕްރޮޕޯސަލް ހުށަހަޅަން ވަނީ އެދިފައެވެ.