ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސް ފަނޑިޔާރުކަމުގެ މަޤާމަށް، އެ ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ފައިޞަލް އައްޔަންކުރުމަށް ޖުޑީސަލް ސަރވިސް ކޮމިޝަން، ޖޭއެސްސީއިން ނިންމަވައިފިއެވެ. ހައިކޯޓުގެ އިސްފަނޑިޔާރުކަމަށް ފައިޞަލް އައްޔަންކުރަން ނިންމަވާފައިވަނީ ޖޭއެސްސީގެ މިއަހަރުގެ 15ވަނަ ޖަލްސާގައެވެ.
ފަނޑިޔާރު ފައިސަލް މި މަޤާމަށް ޢައްޔަނުކުރެއްވުމަށް ނިންމާފައިވަނީ، ކުރީގެ އިސް ފަނޑިޔާރު ހުސައިން ޝަހީދު ސުޕްރީމް ކޯޓަށް ބަދަލުކުރެއްވުމާ ގުޅިގެން، ހައިކޯޓުގެ އިސް ފަނޑިޔާރުކަމުގެ މަޤާމު ހުސްވުމުންނެވެ. ފަނޑިޔާރު ފައިޞަލް ވަނީ މި މަޤާމު ވަގުތީގޮތުން ފުރުއްވަމުން ގެންދަވާފައެވެ.
ޝަރީޢަތާއި ޤާނޫނީ ދާއިރާއިން ދިވެހިރާއްޖޭގެ ކޮލެޖް އޮފް އިސްލާމިކް ސްޓަޑީޒްއިން ފުރަތަމަ ޑިގްރީ ޙާޞިލްކުރައްވާފައިވާ ފަނޑިޔާރު ފައިޞަލްއަކީ 2012ވަނަ އަހަރުން ފެށިގެން ޤާނޫނީ ދާއިރާގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާ ވަނީ ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން އެސް.އެމް.އެން.އެސް އިކުއިޓީ ޗެމްބަރގައިވެސް މަސައްކަތްކުރައްވާފައިވެއެވެ.
ފަނޑިޔާރު ފައިޞަލް ވަނީ 2014ވަނަ އަހަރުގެ މެއި މަހުން ފެށިގެން ޖޭއެސްސީގެ މެންބަރުކަން އަދާކުރައްވާފައެވެ. އަދި އެ އަހަރުގެ ޖުލައި މަހުން ފެށިގެން ހައިކޯޓުގެ ފަނޑިޔާރުކަމަށް ވަޑައިގަތުމާ ހަމައަށް ކޮމިޝަނުގެ ނައިބު ރައީސްގެ މަޤާމުވެސް އޭނާ ފުރުއްވާފައިވެއެވެ. ހައިކޯޓުގެ ފަނޑިޔާރުކަމަށް އޭނާ ޢައްޔަނުކުރެވިފައިވަނީ 2018ވަނަ އަހަރުގެ ޖުލައި މަހުގެ 24ވަނަ ދުވަހުއެވެ.
މީގެ އިތުރުން 2025ވަނަ އަހަރުގެ މާރިޗުމަހުގެ 19ވަނަ ދުވަހުން ފެށިގެން، ހައިކޯޓުގެ ހިންގެވުން ވަގުތީ ގޮތުން ހަވާލުކުރައްވާފައިވަނީވެސް އަލްއުސްތާޛު މުޙައްމަދު ފައިޞަލްއާއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓަކީ ދަށު ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތަކުގެ ތެރެއިން، ޤާނޫނަކުން އެ ނިންމުމެއް، ހައިކޯޓަށް ހުށަހެޅުން އިސްތިސްނާކޮށްފައި ނުވާ އެންމެހައި ނިންމުންތައް އިސްތިއުނާފު ކުރެވޭކޯޓެވެ. ޤާނޫނުއަސާސީ ނުވަތަ ޤާނޫނެއްގައި މައްސަލައެއްގެ ފުރަތަމަ މަރުޙަލާގެ ކޯޓަކީ ހައިކޯޓު ކަމުގައި ކަނޑައަޅާފައިވާ އެންމެހައި މައްސަލަތައްވެސް ބަލާނީ ހައިކޯޓުންނެވެ.
ރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 27ވަނަ މާއްދާގެ ދަށުން ހައިކޯޓު އެކުލެވިގެންވަނީ އިސްފަނޑިޔާރާއިއެކު ޖުމްލަ 11 ފަނޑިޔާރުންގެ މައްޗަށެވެ. ހައިކޯޓުގައި ތިއްބަވާ މެންބަރުންނަކީ، އަލްއުސްތާޛު މުޙައްމަދު ނިޔާޒު، އަލްއުސްތާޛު ޙުސައިން މަޒީދު، އަލްއުސްތާޛު ޙަސަން ޝަފީޢު، އަލްއުސްތާޛާ ފާޠިމަތު ފަރްހީޒާ، އަލްއުސްތާޛާ ޙުޒައިފާ މުޙައްމަދު، އަލްއުސްތާޛާ ދީބީނާޒް ފަހުމީ، އަލްއުސްތާޛު މުޙައްމަދު ސަލީމް، އަލްއުސްތާޛު މުޙައްމަދު ޝަނީޒް ޢަބްދުﷲ އަދި އަލްއުސްތާޛު ޢަބްދުލްމާނިޢު ޙުސައިންއެވެ.