ޤައުމެއްގެ ގޮތުގައި ދެމިތިބެވޭނީ ތާރީޚީ ތަރިކަތަކާއި އާސާރުތައް ހިމާޔަތްކޮށްގެންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ތަރިކައިގެ ދުވަހުގެ މުނާސަބާގައި ސޯޝަލް މީޑިޔާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ޤައުމިއްޔަތުގެ އެއް ބަހާއަކީ ކާބަފައިން ވާރުތަކޮށްދިން އާސާރުތައް ކަމަށެވެ. އަދި ޤައުމެއްގެ ގޮތުގައި ދިވެހީންނަށް ދެމިތިބެވޭނީ އެ އަގުހުރި ތަރިކަތަކާއި އާސާރުތައް ހިމާޔަތްކޮށްގެންކަމަށް ރައީސް ވިދާޅުވިއެވެ.
ޤައުމިއްޔަތުގެ އެއް ބަޔަކީ ކާބަފައިން ވާރުތަކޮށްދިން އާސާރުތައް. ޤައުމެއްގެ ގޮތުގައި ދިވެހީންނަށް ދެމިތިބެވޭނީ މި އަގުހުރި ތަރިކަ ޙިމާޔަތްކޮށްގެން. pic.twitter.com/SHRYVd88Tx
— Dr Mohamed Muizzu (@MMuizzu) April 18, 2025
ދުނިޔޭގެ ތަރިކައިގެ ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުއެވެ. ދުނިޔޭގެ ތަރިކައިގެ ދުވަހެއް ފާހަގަކުރުމަށް ޔުނެސްކޯއިން ނިންމީ 1983 ވަނަ އަހަރު ބޭއްވި 22 ވަަނަ ޖެނެރަލް އެސެންބްލީގައެވެ.
ރާއްޖޭގައި ހުރި ތަރިކައާއި އަސާރުތައް ހިމާޔަތްކޮށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެ ގޮތުން ބޮޑުތިލަދުންމަތީގެ އަތޮޅުތަކުގައި ހުރި ތަރިކަތައް ހިމާޔަތްކޮށް، ތަރިކައިން އާމްދަނީ ހޯދުމުގެ ސިޔާސަތެއް ތަންފީޒްކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރައްވަމުންނެވެ.