ސިޔާސީޕާޓީތައް ހިންގުމުގެ ނަމުގައި، ގައުމަށާއި އާއިލާތަކަށްވެސް ފުރައްސާރަކުރަމުންދާކަމަށް ވިދާޅުވެ، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ރައްދު ދެއްވައިފިއެވެ. ވަޒީރު މިފަދައިން ރައްދު ދެއްވާފައިމިވަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އިސްކޮށް ހުންނަވައިގެން އުފައްދަވާފައިވާ ޕީޕަލްސް ނޭޝަނަލް ފްރަންޓް، ޕީއެންއެފްގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް ދެއްކި އިހާނެތި ވާހަކަތަކަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއިން ފެންނަނީ ޕީއެންއެފުން ބޭއްވި ބައްދަލުވުމުގައި ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަހުމަދާއި އެ ޕާޓީގެ މެންބަރަކު ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް ހުތުރު ބަސްތަކުން ފާޑުކިޔާ މަންޒަރެވެ. އެ ވީޑިއޯގައި އެމަނިކުފާނާ ގުޅުވައިގެން ދެއްކި ވާހަތައް ކުށްވެރިކޮށް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ޝުޢޫރު ފާޅުކުރަމުންނެވެ.
އެ ވީޑިއޯއާ ގުޅިގެން އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ 2007 ވަނަ އަހަރު ރާއްޖޭގައި ނެގި ނިޒާމީ ވޯޓުގެ ކުރީން އޭރުގެ ބޮޑު ދެޕާޓީގެ މެދުގައި ބޭއްވި ނިޒާމީ ބަހުސްގައިވެސް ހަމަ އެ ވީޑިއޯއިން ފެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. ޖަމީލް ރުންކުރުވެ، އެތަނުގައިތިބި ރައްޔިތުންނަކީ ނާގާބިލް އަދި ޖާހިލު ބައެއް ކަމަށް ވިދާޅުވެ ނަފްސު ކޮންޓްރޯލުނުވެ ސްޓޭޖު ދޫކޮށް ވަޑައިގެންނެވި ކަމަށެވެ. އަދި އޭގެ 17 އަހަރު ފަހުންވެސް ފެންނަނީ ހަމަ އެ މަންޒަރު ކަމަށާއި މައިކު އަތުޖެހުމުން ހަމަބުއްދި ފިލައި، އަނބިދަރީންނާ ޢާއިލާތަކުގެ ކަރާމާތަށް އަރައިގަންނަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ބަސްމަގު ހުތުރުވެ އަދި ފާފަފުއްސެވުމާ ސުވަރުގެއާއި ނަރަކައަށް ވެއްދެވުން ފަދަ ހަމައެކަނި މާތް ﷲއަށް ލިބިވޮޑިގެންވާ ސިފަފުޅުތަކާމެދު، ތިމާ އަމިއްލައަށް ގޮތް ނިންމާ ތައުބާވާން މަޖުބޫރު ހިސާބަށްދާ ކަމަށާއި އެފަދަ ދޫތަކުގެ ވިހައިން ދިވެހި އިސްލާމީ އުންމަތް ސަލާމަތްކުރެއްވުމަށް ދުޢާ ކުރައްވާ ކަމަށެވެ.
2007 ވަނަ އަހަރު ރާއްޖޭގައި ނެގި ނިޒާމީ ވޯޓުގެ ކުރީން އޭރުގެ ބޮޑު ދެޕާޓީގެ މެދުގައި ބޭއްވި ނިޒާމީ ބަހުސްގައިވެސް ހަމަ މި ވީޑިއޯއިން މި ފެންނަ ބޭފުޅާ ރުންކުރުވެ، އެތާތިބި ރައްޔިތުންނަށް ނާގާބިލަށް ޖާހިލަށް ގޮވުމަށްފަހު ނަފްސު ކޮންޓްރޯލު ނުވެގެން ސްޓޭޖު ދޫކޮށް ދިޔައީ. އޭގެ 17… https://t.co/0i1NpGAOAq
— Mohamed Saeed (@em_saeed) April 18, 2025
އެފަދަ މީސްމީހުންނާ އަޅާ ބަލާއިރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަފާތަކީ ހަރުދަނާކަން ކަމަށާއި އެމަނިކުފާނަކީ މަޑުމައިތިރި، ރިވެތި އަޚްލާޤުގެ ބޭފުޅެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި އެމަނިކުފާނަކީ އަނެކުންގެ ކަރާމާތް ހިފަހައްޓަވައި، ހީވާގިކަމާއެކު ރައްޔިތުންނަށް ވެވަޑައިގަތް ވަޢުދު ފުއްދެވުމަށް ރެޔާދުވާލު ހިންމަތާއެކު ބުރަ މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށްވެސް ވަޒީރުގެ ޕޯސްޓުގައި ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ކަންކަން ކާމިޔާބުވަމުންގޮސް، އެމަނިކުފާނަށް ރައްޔިތުންގެ ލޯބި އިތުރުވަމުން ދާތަން ފެނުމުން ހަމައިން ނެއްޓުމަކުން ވާނެ މޮޅެއް ނޯންނާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ޑރ. ޖަމީލްމެންފަދަ ބޭފުޅުން ސިޔާސީޕާޓީތައް ހިންގުމުގެ ނަމުގައި ކުރަނީ ގައުމަށާ އާއިލާތަކަށްވެސް ފުރައްސާރަ ކަމަށާއި މިއީ ކިޔަވައިގެން ތިބި ޒުވާނުން މިހާގިނަ ތަހުޒީބު މުސްލިމް ރައްޔިތެއް ބަލައިގަންނާނެ ކަންކަމެއް ނޫން ކަމަށްވެސް އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވިއެވެ.
ޕީއެންއެފްގެ ޖަލްސާގައި ދެއްކި ވާހަކަތަކަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމްވެސް ވަނީ ރައްދު ދެއްވާފައެވެ.
ވަޒީރު ވިދާޅުވީ ސިޔާސީވިޔަސް ދައްކަން ހެޔޮނުވާނެ ވާހަކަތައް ހުންނާނެކަމަށެވެ. ވެރިކަމަކީ ހެޔޮނިޔަތާއެކު ގަދައަޅާ މަސައްކަތްކުރާ ބަޔަކަށް ﷲ ދެއްވާ އެއްޗެއްކަމަށާއި، އެއީ ކަންމަތިތަކުން ނިންމާ ނިންމުންތަކެއް ނޫންކަމަށެވެ.
ސިޔާސީވިޔަސް މީ ފުކެއް ބޮޑުވަރު. ކަންމަތިން މައިކެއް އަތުޖެހުނަސް ތިމާގެ ހޭބުއްދިފިލާ ދުނިޔެރަންވެފަ މިތިބެނީ. ފިއްތާލައްވާފަވިޔަސް ކޮންމެރެޔަކު އަވަހާރަފުޅު ލައްޕަވާއިރު 2023 ގައި ރައްޔިތުން އިންތިޚާބުކުރެއްވި ވެރިޔަކީ ޑރ. މުޢިއްޒޭ ހިތްޕުޅަށް ގެންނެވީމަ ބޮޑުތަނުން ރަނގަޅުވާނެ.… https://t.co/AtGNsjomZ9
— Ahmed Shiyam (@Shiyamaldives) April 18, 2025
ޕީއެންއެފްގެ ޖަލްސާގައި ދެއްކި ވާހަކަތަކަށް އެކި ފަރާތްތަކުން އަންނަނީ ފާޑުކިޔައި ރައްދު ދެމުންނެވެ. އެއީ ސިޔާސީ ޕާޓީތަކުގެ ޒިންމާދާރު ފަރާތްތަކުން ބަލަންޖެހޭނެ މައްސަލައެއްކަމަށްވެސް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.