ކުޅިވަރު

އެހެން ގޮތެއް ނެތިގެން އެރި ކޯޓަށް ހިތް އެކީ ދޫވެއްޖެ


ވޮލީ ސީޒަނުގެ އިރު ފެނުން ތޮޅެލުމާއެކު، ޕީއެސްއެމް ސްޕޯޓްސްއިން އަވަސްވެގަތީ މުބާރާތުގައި ވާދަކުރުމަށް ޓީމުތައް ވަމުންދާ ތައްޔާރީތަކުގެ އަދާހަމަ އާއްމުންނާ ހަމައަށް ހޫނުކަމާއެކު ގެނެސްދިނުމަށެވެ. މިގޮތުން މުބާރާތުގައި ވާދަކުރުމަށް ފުރުސަތު ލިބިފައިވާ ޓީމުތަކުގެ ކޯޗުންނާ ބައްދަލުކޮށް، ވަކިވަކި ޓީމުތަކުގެ މައުލޫމާތުތައް އަޅުގަނޑުމެންގެ ޓީމުންވާނީ ގެނެސްދީފައެވެ. ޓީމުތަކުގެ މައުލޫމާތު ހޯދުމަށް ފެށުނު ދަތުރުގެ ތެރެއިން އަޅުގަނޑަށް އެންމެ ހައިރާންކަން ގެނުވީ ކ.ހުރާއަށް ނިސްބަތްވާ ހުރާ ކޮމިއުނިޓީ ކުލަބުގެ ތައްޔާރީތައް ހޯދާލުމަށް އެޓީމުގެ ތަޖުރިބާކާރު ކޯޗު ނަދީމްއާ ގުޅުނު ހިސާބުންނެވެ.

ޓީމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޓީމުގެ ބައެއް ކުޅުންތެރިންގެ އުމުރު ހާމަކުރުމާއެކު، ގައިމުވެސް އަޅުގަނޑަށް ހައިރާންކަން ގެނުވިއެވެ. އަނެއްކާ އަޅުގަނޑުގެ ކަންފަތުގެ މައްސަލައަކުން ގޯސްކޮށް އަޑުއިވެނީކަމަށް ލަފާކޮށް ދެވަނަ ފަހަރަށްވެސް ނަދީމް އާއި އަޅުގަނޑު ސުވާލުކުރީމެވެ. "ހަމަ 13 ވަރަކަށް އަހަރުގެ ކުދިންވެސް ސްކޮޑްގައި ހިމެނެނީތޯއެވެ؟" އެދުވަހު ނަދީމް ދެއްވި ޖަވާބަކީ ފުރާވަރުގެ ހަ ކުއްޖަކު ޓީމުގައި ހިމެނޭކަމަށާ އެކުދިން މި މުބާރާތުގައި ތަފާތެއް ދައްކާނެކަމަށެވެ. އެހިސާބުން މިޓީމާ މެދު އަޅުގަނޑުގެ ޝައުގުވެރިކަން ބޮޑުވިއެވެ.

އޭޕްރިލް 8 ވަނަ ދުވަހު ވީއޭއެމްކަޕް 2025 ފެށި، ވަކިވަކި ޓީމުތަކުގެ ކުޅުން ފެންނަންފެށިއެވެ. ބިދޭސީ ކުޅުންތެރިން ހިމެނޭހެން ހުރާ ކޮމިއުނިޓީ ކުލަބުން ވާދަކުރަމުން ދިޔައިރު، އެޓީމުގެ ސެޓަރ ޖާރޒީ ނަމްބަރު 5ގެ ކުޅުމަށް އެންމެންގެ ލޯތައް އަމާޒުވިއެވެ. މިޓީމަށް އޮތް ޝައުގެއްގެ ބޮޑުކަމުން ޓީމުގެ ބައެއް މެޗުތައް ބަލާލަން އަޅުގަނޑުވެސް ގޮސްފައިވާނެއެވެ. އެފަދަ ދުވަހެއްގައި އަޅުގަނޑުގެ އެކުވެރިޔާ ބުނި ވާހަކައެއް މިހާ ހިސާބުން ހަނދާންކޮށްލާނަމެވެ. "ފީޗަރ ރިޕޯޓެއް ހަދަންޏާ ހުރާ ޓީމުގެ ފަސް ނަމްބަރަށްވާނެ ހަދަން. ކުޑަޔަކަސް އެއީ ވަރަށް ހުނަރުވެރި ކުއްޖެއް". ލަހެއްނުވިތާއެވެ. މިއަދު މިއޮތީ އެދުވަސް އައިސްޖެހިފައެވެ.

ހުރާ ކޮމިއުނިޓީ ކުލަބުން ވިދާލި ތަރިތަކުގެ ތެރެއިން އެންމެ އަލިގަދަ ތަރިކަމަށްވާ އުމުރުން 14 އަހަރުގެ ދީމާ ނަދީމަށް ލިބުނު ވީއޭއެމް ކަޕް 2025ގެ އެންމެ އުންމީދީ ކުޅުންތެރިޔާގެ އެވޯރޑާއެކު އޭނާ މިވަނީ ހުރާއަށް އުފާވެރިކަން ގެނެސްދީފައެވެ.

ދީމާ ނުވަތަ ދީއްކޮ ނިސްބަތްވަނީ ހުރާއިން ފާހަގަކޮށްލެވޭ ކުޅިވަރުގެ އާއިލާއަކަށެވެ. ދީއްކޮގެ ބައްޕަ ނަދީމަކީ ހުއްރިއްޔާގެ ރަންދުވަސްވަރު އެޓީމުން ފާހަގަކޮށްލެވުނު މޮޅު ކުޅުންތެރިއެކެވެ. މަންމަ ޒުބައިދާ އަކީ ވޮލީ ބޯޅައިގައި ފިޔަޖަހަމުން ދިޔަ ތަރިއެކެވެ. ދީއްކޮގެ ދޮންބެ ބުރު ސްޕޯޓްސްއަށް ކުޅެމުން އަންނައިރު، ދެބެއިންގެ ތެރެއިން ހަގަށްހުރި ދީއްކޮ މިވަނީ ވޮލީގެ ތެރެއަށް ވަދެ ރަނގަޅަށް ފައި ވިއްދާލާފައެވެ.

އުމުރުން އެންމެ 12 އަހަރުގައި ދީއްކޮ އެންމެ ފުރަތަމަވޮލީގެ ތެރެއަށް ވަނީ މިކުޅިވަރަށް މާ ބޮޑު ޝައުގުވެރިކަމެއް ހުރެގެނެއް ނޫނެވެ. ހޭންޑްބޯލް ކުޅެން ބޭނުންވިއެއްކަމަކު، ރަށުގައި ހޭންޑްބޯލް ކުޅޭނެ ކޯޓެއް ނެތުން ވެގެންދިޔައީ ވޮލީ ކޯޓަށް ދީއްކޮއަށް އަރަންޖެހުނު މައިގަނޑު ސަބަބަށެވެ. މަންމަގެ އެދުމުގެ މަތިން ދީއްކޮ މި ކުޅިވަރަށް ހޭނެމުންދިޔައިރު، އޭރު ދީއްކޮއަށް އިރުޝާދުދެމުންދިޔަ ކޯޗަކީ ދީއްކޮގެ މަންމަގެ އެކުވެރިއެއްކަމަށްވާ ޔުމްއެވެ. އަދި ހަމަ މިދުވަސްވަރު މިފުރައިގެ ކުދިން ކޮޅެއް އެއްކޮށްލާ "ހުއްރިއްޔާ ވޮލީ އެކަޑަމީ"ގެ ނަމުގައި ދީއްކޮގެ މަންމަ އެކަޑަމީއެއް އުފެއްދިއެވެ.

"އޭރު ވާގޮތަކީ އެއްވެސް ކުއްޖަކު ބޭނުމެއް ނުވާނެ ސެޓަރަކަށް ކުޅޭކަށް. ދެން ނަދީމް ކޯޗު ޓީމާ ހަވާލުވުމަށްފަހު ސެޓަރުންނަށް ބައެއް ކުދިން ހަމަޖެއްސި. އެ ގްރޫޕުގަ ދީއްކޮވެސް ލައްވާލީ. އޭރު ރޮއެވެސް ހެދި ސެޓަރަކަށް ނުކުޅެން" ވޮލީގައި ދީއްކޮ އެޅި ފުރަތަމަ ފިޔަވަޅާ ގުޅޭގޮތުން އޭނާގެ މަންމަ ޒުއްބަ ބުންޏެވެ.

ސެޓަރަކަށް ކުޅެންޖެހިގެން އިރެއްގައި ބޮޑާ ހޭކި ދީއްކޮ، ޓީމުގެ ކޮންމެ ޕޮޒިޝަނަކަށް ކުޅެންޖެހުނަސް އެއްވެސް ހާސްކަމެއް ނެތި މިހާރު އަންނަނީ ކުޅެމުންނެވެ. ނަދީމު ކޯޗުގެ އިރުޝާދާއެކު ތަރައްގީވަމުން އަންނަ 14 އަހަރުގެ ދީއްކޮއަކީ 20 އަހަރުންދަށުގެ ގައުމީ ޓީމުގެ ކުޅުންތެރިއެކެވެ. އަތޮޅު މުބާރާތުން ވިދާލި ވިދާލުމާއެކު ހުރާ ފަޅުން ބޭރުވެ، ގައުމީ ޓީމާއެކު ބައިނަލް އަގްވާމީ މުބާރާތްތަކުގައި ގައުމު ތަމްސީލުކޮށް ވަނައެއް ހޯދައިދިނުމަކީ ދީއްކޮ ދެކޭ ފޮނި ހުވަފެނެކެވެ.

ރަށުގެ ކައުންސިލުގެ އެހީތެރިކަމާއެކު، ނަދީމް ކޯޗުގެ އިރުޝާދަށް ބޯލަނބަމުން، ދީއްކޮގެ އަމާޒުހުރީ ވޮލީއިން އެންމެ އުހަށް ވާސިލްވުމަށެވެ. އާއިލާއާއި މުދައްރިސުންނާ، ރަށުގެ އެންމެހާ ފަރާތްތަކުގެ ހިއްސާ ދީއްކޮގެ ކާމިޔާބީގެ ފަހަތުގައިވާއިރު، އެންމެންގެ އެއްބާރުލުމާއި އެހީތެރިކަން ދީއްކޮ ވަރަށް ލޯތްބާއެކު ބަލައިގަންނަކަމަށް ބުންޏެވެ.

ހުރާގެ ވޮލީގެ އުދަރެހުގައި ދީއްކޮގެ ބެބުޅުން ގަދަވެ، ނަދީމް ކޯޗު ބުނިފަދައިން ހުރާ ކޮމިއުނިޓީ ކުލަބުން މިވަނީ ތަފާތެއް ހަމަ ދައްކާފައެވެ.